ލޭގެ ކެންސަރު: އަލާމާތްތަކާއި ދެވޭ ފަރުވާ

ލޭގެ ކެންސަރަކީ ލޭ އުފައްދާ ސެލްތަކުގެ މަސައްކަތަށް ބުރޫއަރައި، އާދަޔާ ޚިލާފަށް ސެލްތައް އިތުރުވުމުގެ ސަބަބުން ކުރިމަތިވާ ނުރައްކާތެރި ސިއްހީ ހާލަތެއް--ފޮޓޯ/އީއެމްސީ

ލޭގެ ކެންސަރަކީ ލޭ އުފައްދާ ސެލްތަކުގެ މަސައްކަތަށް ބުރޫއަރައި، އާދަޔާ ޚިލާފަށް ސެލްތައް އިތުރުވުމުގެ ސަބަބުން ކުރިމަތިވާ ނުރައްކާތެރި ސިއްހީ ހާލަތެކެވެ.

މި ބަލީގެ ނޭދެވޭ އަސަރު މައިގަނޑު ގޮތެއްގައި ފޯރަނީ ކަށީގެ މަދަށާއި (ބޯން މެރޯ)، ލޭ ދައުރުވާ ނިޒާމަށާއި، ލިމްފް ގޮށްތަކަށާއި (ލިމްފް ނޯޑްސް)، ހުންނަށާއި (ސްޕްލީން) އަދި ހަށިގަނޑުގެ ދިފާއީ ނިޒާމަށެވެ.

އާންމުކޮށް ގަނޑުލައިގެން އުފެދޭ އުރަމަތީގެ ކެންސަރު ނުވަތަ ގޮހޮރުގެ ކެންސަރާ ޚިލާފަށް، ލޭގެ ކެންސަރުގެ ސެލްތައް ފަސޭހަކަމާއެކު މުޅި ހަށިގަނޑުގައި ދައުރުވެ ފެތުރެއެވެ. އެހެންނަމަވެސް، ޒަމާނީ ބޭސްވެރިކަމަށް ލިބެމުންދާ ކުރިއެރުންތަކާއެކު، މި ބައްޔަށް މިހާރު ކާމިޔާބު ގިނަ ފަރުވާތަކެއް ދަނީ ދެވެމުންނެވެ. މީގެ ސަބަބުން ބައެއް ބަލި މީހުންނަށް ދުޅަހެޔޮ އާންމު ދިރިއުޅުމަކަށް ރުޖޫއަވުމުގެ ފުރުސަތު ލިބޭއިރު، ބައެއް ބާވަތްތަކުގެ ލޭގެ ކެންސަރަކީ އެއްކޮށް ފަސޭހަކުރެވޭ ބަލިތަކެކެވެ.

ހަށިގަނޑަށް ބޭނުންވާ ލޭގެ ސެލްތައް އުފައްދައިދެނީ ކަށީގެ އެތެރޭގައިވާ މަޑު މާއްދާއެއް ކަމަށްވާ "ކަށީގެ މަދު"ގައެވެ. ކަށީގެ މަދުން އުފައްދާ މައިގަނޑު ސެލްތަކަކީ، ރަތް ސެލް، ހުދު ސެލް އަދި ޕްލޭޓްލެޓްސްއެވެ. ރަތް ސެލް ނުވަތަ 'ރެޑް ބްލަޑް ސެލް' އަކީ ހަށިގަނޑުގެ އެކި ގުނަވަންތަކަށް އޮކްސިޖަން ފޯރުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރާ ސެލްއެކެވެ. ހުދު ސެލް ނުވަތަ 'ވައިޓް ބްލަޑް ސެލް' އަކީ، ޖަރާސީމުތަކާއި ބަލިތަކާ ދެކޮޅަށް މަސައްކަތްކޮށް ހަށިގަނޑު ދިފާއުކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ ސެލްއެކެވެ. އަދި ޕްލޭޓްލެޓްސްގެ ދައުރަކީ ލޭގަނޑުވުމަށާއި، ލޭހޮޅިތަކުން ލޭ ބޭރުވުން ހުއްޓުވައިދިނުމެވެ.

ލޭގެ ކެންސަރުގެ ހަތަރުވައްތަރެއް ހުންނައިރު އޭގެތެރޭ ލޫކީމިއާ، ލިމްފޯމާ، މަލްޓިޕަލް މައިލޯމާ އަދި މައިލޯޑިސްޕްލާސްޓިކް ސިންޑްރޯމް ހިމެނޭ--ފޮޓޯ/އީއެމްސީ

ލޭގެ ކެންސަރު އުފެދެނީ މި ސެލްތައް އުފެދި ތަރައްގީވަމުން އަންނަ މަރުހަލާގައި، ސެލްތަކުގެ ޖެނެޓިކް މާއްދާއަށް އަންނަ އާދަޔާ ޚިލާފު ބަދަލުތަކެއްގެ ސަބަބުން ކަމަށް އިންޑޮނޭޝިއާގެ ސެންޓަލް ހޮސްޕިޓަލުގެ ހެމަޓޮލޮޖީ-މެޑިކަލް އޮންކޮލޮޖީ ކޮންސަލްޓެންޓް ޑރ. މާތިނޯ، އެސްޕީޕީޑީ ކޭ-ހޮމް ވިދާޅުވެފައިވެއެވެ. މި ބަދަލުތަކާ ގުޅިގެން ސެލްތައް ކޮންޓްރޯލެއްނެތި އިތުރުވެ، އެ ސެލްތަކުގެ އަސްލު ވާޖިބު އަދާކުރުމަށް ނުކުޅެދޭ ކަމަށް އޭނާ ވިދާޅުވެއެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިފަދަ ކެންސަރު ސެލްތައް ގިނަވަމުންދާ ވަރަކަށް، ކަށީގެ މަދުގައި ދުޅަހެޔޮ ސެލްތައް އުފެއްދުމަށް ޖާގަ ނެތި ހުރަސްއެޅެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ލޭދަށްވުމާއި، ގިނަގިނައިން އިންފެކްޝަންތައް ޖެހުމާއި ފަސޭހައިން ލޭ ފޭބުން ފަދަ މައްސަލަތައް ކުރިމަތިވެއެވެ.

ލޭގެ ކެންސަރު ބެހިފައިވަނީ މައިގަނޑު ހަތަރު ބަޔަކަށެވެ. އެއީ، ލޫކީމިއާ، ލިމްފޯމާ، މަލްޓިޕަލް މައިލޯމާ އަދި މައިލޯޑިސްޕްލާސްޓިކް ސިންޑްރޯމްއެވެ.

ލޫކީމިއާއަކީ މައިގަނޑު ގޮތެއްގައި ލޭގެ ހުދު ސެލްތަކަށް ޖެހޭ ކެންސަރެކެވެ. މީގައި އާދަޔާ ޚިލާފަށް ގިނަ އަދަދަކަށް އުނި ހުދު ސެލްތައް އުފެދި، އާދައިގެ ސިއްހަތު ރަނގަޅު ސެލްތަކުގެ މަސައްކަތް ހުއްޓުވައެވެ. ލޫކީމިއާ މައިގަނޑު ގޮތެއްގައި ބެހެނީ ބަލި ފެތުރޭ ދުވެއްޔަށާއި ބަލީގެ އަސަރު ފޯރާ ސެލްގެ ވައްތަރަށެވެ.

ލިމްފޯމާއަކީ ދިފާއީ ނިޒާމުގެ މުހިންމު ބައެއް ކަމަށްވާ "ލިމްފޮސައިޓްސް" ސެލްތަކަށް ޖެހޭ ކެންސަރެކެވެ. މި ބަލި އާންމުކޮށް ފެންނަނީ ލިމްފް ގްލޭންޑްތަކުންނާއި ކަށީގެ މަދުންނެވެ. މީގެ މައިގަނޑު ދެ ވައްތަރަކީ ހޮޖްކިންސް ލިމްފޯމާ އަދި ނޮން-ހޮޖްކިންސް ލިމްފޯމާއެވެ.

މަލްޓިޕަލް މައިލޯމާއަކީ ހަށިގަނޑުގެ ދިފާއީ ނިޒާމުގައި ހިމެނޭ "ޕްލާޒްމާ ސެލް"ތަކަށް ޖެހޭ ކެންސަރެކެވެ. މި ބަލީގައި އުފެދޭ އާދަޔާ ޚިލާފު ޕްރޮޓީންތަކުގެ ސަބަބުން ކަށިތައް ބަލިކަށިވެ ބިންދައިގެން ދިއުމާއި، ކަށީގައި ރިއްސުމާއި، ކިޑްނީގެ މަސައްކަތް ހުއްޓުމަކަށް އައުން ފަދަ ނުރައްކާތައް މެދުވެރިވެއެވެ.

މައިލޯޑިސްޕްލާސްޓިކް ސިންޑްރޯމްއަކީ ކަށީގެ މަދުން އުފައްދާ ސެލްތައް ފުރިހަމައަށް ނުއުފެދި ނުވަތަ އާދަޔާ ޚިލާފު ސެލްތަކެއް އުފެދި، އޭގެ ސަބަބުން ދުޅަހެޔޮ ލޭގެ ސެލްތަކުގެ އަދަދު ދަށްވާ ހާލަތެކެވެ.

ލޭގެ ކެންސަރަކީ ސީރިއަސް ބައްޔެއް ނަމަވެސް، ޒަމާނީ ބޭސްވެރިކަމުގެ ސަބަބުން މި ބައްޔާ ދެކޮޅަށް ކުރެވޭ އުންމީދުތައް މިހާރު އިތުރުވެފައިވާ ކަމަށް ސިއްހީ މާހިރުން ވިދާޅުވޭ--ފޮޓޯ/އީއެމްސީ

ލޭގެ ކެންސަރުގެ އަލާމާތްތަކަކީ އާދައިގެ އެހެން ބަލިތަކުގައި ވެސް ފެންނަ އަލާމާތްތަކަކަށް ވާތީ، ބަލީގެ ކުރީކޮޅު އެ އަލާމާތްތައް ދެނެގަތުމަކީ ދަތި ކަމެކެވެ. އެފަދަ އަލާމާތްތަކުގެތެރޭ، އާދަޔާ ޚިލާފަށް ވަރުބަލިވުމާއި ހަށިގަނޑުގައި ވަރުނެތުން، ސަބަބެއް ނެތި އަވަސް އަވަހަށް ހުން އައުމާއި އިންފެކްޝަންތައް ޖެހުން، ގައިގެ އެކި ތަންތަން ފަސޭހައިން ނޫވުމާއި ލޭކޮޅުތައް ގަނޑުވުން، ލޭ މަނާވުމަށް އުނދަގޫވު، ރޭގަނޑު ނިދާއިރު މާބޮޑަށް ދާހިއްލުން، ސަބަބެއް ނެތި ކުއްލިއަކަށް ބަރުދަން ލުއިވުން، ކަރު، ކިހިލިފަތްދޮށް ނުވަތަ އުކުޅުވަޅުގެ ގޮށްތައް ދުޅަވުން އަދި ކަށިތަކުގައާއި ހުޅުތަކުގައި ގަދައަށް ރިއްސުން ހިމެނެއެވެ.

މި ބަލި ދެނެގަތުމަށްޓަކައި ޑޮކްޓަރުން ހަދާ މުހިންމު ޓެސްޓުތަކުގެ ތެރޭގައި ލޭގެ ފުރިހަމަ ތަހުލީލުތައް، ބޯން މެރޯ ބައޮޕްސީ އަދި އެކިއެކި ރޭޑިއޮލޮޖީ ސްކޭންތައް ހިމެނެއެވެ. ލޭގެ ކެންސަރަށް ފަރުވާކުރުމަށް މައިގަނޑު ގޮތެއްގައި ދެވޭ ފަރުވާތަކުގެތެރޭ، ކީމޯތެރަޕީ، ޓާގެޓެޑް ތެރަޕީ، އިމިއުނޯތެރަޕީ އަދި ސްޓެމް ސެލް ޓްރާންސްޕްލާންޓް ހިމެނެއެވެ.

ލޭގެ ކެންސަރަކީ ސީރިއަސް ބައްޔެއް ނަމަވެސް، ޒަމާނީ ބޭސްވެރިކަމުގެ ސަބަބުން މި ބައްޔާ ދެކޮޅަށް ކުރެވޭ އުންމީދުތައް މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ބަލީގެ އެއްވެސް އަލާމާތެއް ފާހަގަކުރެވިއްޖެނަމަ، ލަސްނުކުރައްވައި ސިއްހީ މާހިރެއްގެ ލަފައާއި އިރުޝާދު ހޯއްދެވުމަކީ ބަލިން ފަސޭހަވުމަށް އޮތް އެންމެ ރައްކާތެރި އަދި މުހިންމު ފިޔަވަޅެވެ.

comment ކޮމެންޓް