އާޝާގެ ފަހު ލަވަ 'އާޝާ ފޮރެވާ' ނެރެފި

އިންޑިއާގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޮސްލޭ ރެކޯޑުކުރި އެންމެ ފަހުގެ ލަވަ އޭނާގެ 93 ވަނަ އުފަންދުވަހުގެ މުނާސަބަތާ ދިމާކޮށް މިދިޔަ އަންގާރަ ދުވަހު ނެރެފިއެވެ.

"އޯމް ކާ ހަރީ" ފިލްމަށް ރެކޯޑުކޮށްދީފައިވާ މި ލަވަ އާންމުންނަށް ދޫކޮށްލާފައިވަނީ އެ ފިލްމުގެ މިއުޒިކް ލޯންޗުކުރުމަށް ބޭއްވި ޚާއްސަ ހަރަކާތަށްފަހުއެވެ. މީގެ އިތުރުން، މި ލަވަ ރެކޯޑުކުރުމުގެ ތެރެއިން ނަގާފައިވާ މަންޒަރުތައް ހިމެނޭ ޚާއްސަ މިއުޒިކް ވީޑިއޯއެއްވެސް އާންމުންނަށް ވަނީ ދައްކާލާފައެވެ.

ހަރީޝް ވިޔާސް، ރަގުބީރު ޔާދަވް، ސޯނީ ރަޒްދާން އަދި އަންޝުމާން ޖާ މުހިންމު ރޯލުތަކުން ފެންނާނެ "އޯމް ކާ ހަރީ" ފިލްމުގެ ޓީމުން ބުނެފައިވަނީ އާޝާ ބޮސްލޭގެ އުފަންދުވަހާ ދިމާކޮށް މި ލަވަ ނެރުމަކީ ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ. ފިލްމުގެ އެކްޓަރު އަންޝުމާން ޖާ ހާމަކުރި ގޮތުގައި، އާޝާ ބޮސްލޭއަކީ އިންޑިއާގެ މިއުޒިކީ ދާއިރާގެ ބޮޑު ހިއްސާއެއް ކަމަށާއި، އޭނާގެ ފަހު ލަވަ މި ފިލްމުގައި ހިމެނިގެން ދިއުމަކީ ބަޔާންކުރަންދަތި އުފަލެއް ކަމަށެވެ. އަދި ފިލްމުގެ ޑައިރެކްޓަރު ހަރީޝްވެސް ވަނީ މިއީ އާޝާ ބޮސްލޭގެ މިއުޒިކީ ހަޔާތުގެ ހަނދާންތައް ފާހަގަކުރުމަށް ލިބުނު ވަރަށް ޚާއްސަ ފުރުސަތެއްގެ ގޮތުގައި ސިފަކޮށްފައެވެ.

އާޝާ ބޮސްލޭގެ އެންމެ ފަހުގެ ލަވައިގެ ޕޯސްޓަރެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

މިއީ އުމުރުން 92 އަހަރުގައި މިދިޔަ އެޕްރީލް މަހުގެ 12 ވަނަ ދުވަހު އާޝާ މަރުވުމުގެ ކުރިން ރެކޯޑުކުރި އެންމެ ފަހު ލަވައެވެ. މި ޚާއްސަ ލަވަ ނެރުމުގެ ރަސްމިއްޔާތު ބޭއްވީ މަހާރާޝްތުރާގެ ޗީފް މިނިސްޓަރު ދެވޭންދުރަ ފަޑްނާވިސްގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި އާޝާގެ މާމަދަރިފުޅު ޒަނާއި ބޯސްލޭ ވެސް ބައިވެރިވިއެވެ.

މި ލަވަ ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އިންޑިއާގެ ކުޅަދާނަ މިއުޒީޝަން އޭއާރު ރަހްމާން ބުނީ، އާޝާއަކީ މަހާރާޝްތުރާގެ އިތުރުން މުޅި އިންޑިއާ ވެސް ފަޚުރުވެރިވާފަދަ ފަންނާނެއް ކަމަށެވެ. އަދި އިންޑިއާގެ މިއުޒިކު ބައިނަލްއަޤްވާމީ ފެންވަރުގައި މަގުބޫލުކުރުމުގައި އާޝާގެ އަޑާއި މިއުޒިކް ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ފާހަގަކުރިއެވެ.

ލަވަ ރެކޯޑްކުރި ދުވަސްވަރުގެ ހަނދާންތައް އާކުރަމުން ރަހުމާން ކުރިން ބުނެފައިވަނީ، އާޝާ ބޭނުންވީ މި ލަވައަކީ ވަރަށް މަޖާ އަދި އެނާޖެޓިކް ލަވައަކަށް ހެދުމަށް ކަމަށެވެ. އަދި ރެކޯޑިން ކުރިއަށް ދިޔައިރު އޭނާ ދެއްކި ހިތްވަރަކީ ހަގީގީ ލެޖެންޑެއްގެ ކިބައިން ނޫނީ ނުފެންނާނެހާ ވަރުގަދަ ހިތްވަރެއް ކަމަށް ރަހްމާން ވަނީ ބުނެފައެވެ.

އޭއާރު ރަހުމާން އާއި އާޝާ ބޯސްލޭއަކީ ވޭތުވެދިޔަ ވިއްސަކަށް އަހަރު ތެރޭގައި ގުޅިގެން ކާމިޔާބު ގިނަ ލަވަތަކެއް އުފައްދާފައިވާ ދެ ފަންނާނުންނެވެ. އޭގެ ތެރޭގައި "ރަންގީލާ ރޭ"، "ތަންހާ ތަންހާ" އަދި "ކަހީން އާގް ލަގޭ" ފަދަ އިންޑިއާގެ މިއުޒިކީ ތާރީޚުގައި ބޮޑު މަގުބޫލުކަމެއް ހޯދި ލަވަތައް ހިމެނެއެވެ.

comment ކޮމެންޓް