އިންޑިއާގެ މަޝްހޫރު ބޮލީވުޑް އެކްޓަރު ގޯވިންދާ، އޭނާގެ އަނބިމީހާ ސުނީތާ އަހޫޖާ ކުރި ތުހުމަތުތަކަށް ސީދާ ޖަވާބެއް ނުދީ، އެ މައްސަލަތައް ހައްލުކޮށް "ކަންކަން ހައްލުކުރުމަށް" އުންމީދުކުރާކަމަށް ބުނެފިއެވެ.
އިންޑިއާގެ މުމްބާއީގައި ކުރިއަށްދިޔަ ހަރަކާތެއްގައި މީޑިއާއާ ވާހަކަދައްކަމުން ގޯވިންދާ ބުނީ، ވަރަށް ގިނަ ވާހަކަތަކެއް އޭނާއާ ގުޅޭގޮތުން ފެތުރެމުންދާ ކަމަށާއި، އެ ކަންކަން ހައްލުވެ ސާފުވެގެން ދިއުމަށް އެދޭ ކަމަށެވެ. އަދި އޭނާގެ ސަޕޯޓަރުންގެ ފަރާތުން ކުރިއެކޭވެސް އެއްގޮތަށް އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމަށް އުންމީދުކުރާކަމަށްވެސް ގޯވިންދާ ވަނީ ބުނެފައެވެ.
މީގެ އިތުރުން، ސަޕޯޓަރުންނަށް ޝުކުރު އަދާކުރަމުން ގޯވިންދާ ވަނީ "ރޫޕާ" އާއި "ދުނިޔާދާރީ" ނަމަކަށްކީ ދެ ފިލްމަކުން އެނބުރި ބޮޑު ސްކްރީނަށް އަންނަން ތައްޔާރުވަމުންދާކަން އިއުލާންކޮށްފައެވެ.
ގޯވިންދާ އާއި ސުނީތާ ކައިވެނިކުރީ 11 މާޗު 1987ގައެވެ. ގޯވިންދާ ފިލްމީ ދާއިރާގައި މަސައްކަތްކުރާ ބަތަލާއިންނާ އެކު ލޯބީގެ ގުޅުންތައް ބާއްވާކަމަށް ތުހުމަތުކޮށް ސުނީތާ ވަނީ މިދިޔަ އަހަރު ގޯވިންދާގެ ފަރާތުން ވަރިވުމަށް އެދި ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.
ނަމަވެސް، ދާދިފަހުން ގޯވިންދާގެ ގާނޫނީ ވަކީލު ބުނެފައިވަނީ ދެމަފިރިންގެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށާއި ވަރީގެ މައްސަލަ ސުނީތާ މިހާރު އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.
ގޯވިންދާ އަދި ސުނީތާ އަހޫޖާ--ފޮޓޯ/އޭއެންއައިމި މައްސަލަ އިތުރަށް ގޯސްވީ ގޯވިންދާ، އޭނާގެ ފިލްމު "ރޫޕާ"ގެ ބަތަލާ ކޯމަލް ރާނީ ސުވަރްނަކާރްއާ އެކު އެއާޕޯޓުން އެކުގައި ފެނުމާ ގުޅިގެން ސުނީތާ ކުރި ސަމާސާ ކޮމެންޓްތަކަކާ ގުޅިގެންނެވެ. އެ ކޮމެންޓްތަކާ ގުޅިގެން ގޯވިންދާ ބުނީ އޭނާ އެނބުރި ފިލްމީ ދާއިރާއަށް ނުކުންނަން ތައްޔާރުވުމާ ގުޅިގެން އެކަމާ ބަޔަކު ހަސަދަވެރިވެ އޭނާގެ އަގުވައްޓާލަން މަސައްކަތްކުރާ ކަމަށެވެ.
ހިންދީ ސިނަމާގެ އެންމެ މަގުބޫލު އެކްޓަރުންގެތެރޭ ހިމެނުނު ގޯވިންދާ އަކީ، 1980 އާއި 1990އިގެ އަހަރުތަކުގެތެރޭ ބޮޑު މަޝްހޫރުކަމެއް ހޯދި ކުޅަދާނަ އެކްޓަރެކެވެ. އޭނާގެ ހެއްވާ މަޖާ ޑައިލޮގްތަކާއި ނެށުމުގައި ގެންގުޅޭ އައިކޮނިކް ހަރަކާތްތަކަކީ މިހާރުވެސް ގިނަބައެއްގެ ހަނދާނުން ފޮހެލަން ދަތި ހަނދާންތަކެކެވެ.