ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، އިތުރު ލުއިތައް ދެވޭ ގޮތް ހިމެނޭ ގޮތަށް ދެ ގަވާއިދެއް އިސްލާހުކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ގެޒެޓްކޮށްފިއެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ މިދިޔަ މަހުގެ 31ގައެވެ.
އެ އިސްލާހުގައި، ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ބޭންކުތަކަށް ފައިސާ މާރުކުރަންޖެހޭ މިންގަނޑުތަކަށް ބަދަލުތަކެއް ގެނެސްފައިވެއެވެ. އެ ގޮތުން، ޓޫރިޒަމް ދާއިރާގެ ވިޔަފާރިތައް ފިޔަވައި ޑޮލަރުން އާމްދަނީ ލިބޭ އެހެން ވިޔަފާރިތަކުން ބޭރު ފައިސާ މާރުކުރަންޖެހޭ މިންގަނޑު 15 މިލިއަނުން 25 މިލިއަން ޑޮލަރަށް ވަނީ ބަދަލުކޮށްފައެވެ.
މީގެ އިތުރުން، ގާނޫނުގައި ކަނޑައަޅައިފައިވާ ކެޓެގަރީ އޭ، ޓޫރިޒަމް އެސްޓެބްލިޝްމަންޓްތަކުން މަހަކު ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރަންޖެހޭއިރު، މީގެ ކުރިން އޮތް، ބޮލަކަށް 500 ޑޮލަރު މާރުކުރުމުގެ އިޚުތިޔާރު އެ ގާނޫނުން ވަނީ އުނިކޮށްފައެވެ.
ގެސްޓްހައުސް ހިމެނޭ ކެޓެގަރީ ބީ، އެސްޓެބްލިޝްމަންޓްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ ގްރޮސް ސޭލްސްގެ 20 އިންސައްތަ މާރުކުރަންވާނެ ކަމަށް ވެސް ގާނޫނުގައި ވަނީ ކަނޑައަޅައިފައެވެ.
މިއަދު އެމްއެމްއޭއިން ނެރެފައިވާ ދެ ގަވާއިދަކީ އެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބަދަލުގެނެސްފައިވާ، ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީ ކުރުމުގެ ގަވާއިދާއި ބޭރު ފައިސާއާބެހޭ އާންމު ގަވާއިދެވެ.
ރަޖިސްޓަރީކުރުމާ ގުޅޭ ގަވާއިދުގައި ވާގޮތުން، ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކާއި މާލީ އިދާރާތައް ފިޔަވައި، މުދާ ވިއްކައިގެން ނުވަތަ ޚިދުމަތެއް ދީގެން މީލާދީ އަހަރެއްގެ ތެރޭގައި 25 މިލިއަން ޑޮލަރުގެ އަދަދެއް ލިބޭނަމަ އެ ވިޔަފާރިއަކުން އެމްއެމްއޭގައި ރަޖިސްޓަރީ ކުރަންވާނެއެވެ.

ފަތުރުވެރިންތަކެއް ރާއްޖޭގައި: ރިސޯޓުތަކުން ޑޮލަރު މާރުކުރަން ޖެހޭ މިންވަރު، ގާނޫނަށް ގެނައި އިސްލާހުން ވަނީ އިތުރުކޮށްފައި -- ފޮޓޯ/ ގްރޭންޑްޕާކްކޮއްދިއްޕަރު
ބޭރު ފައިސާއާބެހޭ އާންމު ގަވާއިދުގައި ބޭރު ފައިސާއިން މުއާމަލާތްކުރެވޭނެ ހާލަތްތަކާއި، އެ ކަންކަމަށް އޮތޯރިޓީގެ ހުއްދަ ހޯދުމުގައި އަމަލުކުރަންޖެހޭ ގޮތްތައް ބަޔާންކޮށްފައިވެއެވެ. އެގޮތުން، ކޮންމެ އަހަރެއް ފެށުމުގެ 30 ދުވަސް ކުރިން، ބޭރު ފައިސާއިން އަދާކުރުމަށް ބަޖެޓްކޮށްފައިވާ ޚަރަދު އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.
މީގެ އިތުރުން، މާރުކުރަންޖެހޭ އަދަދު މުރާޖައާކޮށްދިނުމާއި ޖަމާކުރުމާއި މާރުކުރުމުގެ އިލްތިޒާމްތަކާ ގުޅިގެން ލުއި ހޯދުމަށް ހުށަހަޅާނެ ގޮތް ވެސް ބަޔާންކޮށްފައިވެއެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ލުއިދީފައިވާ ކަންތައްތައް:
- ބޭރު ފައިސާއިން އަދާ ކުރަން ޖެހިފައިވާ ޓެކްސްއާއި ބޭރު ފައިސާއިން ސަރުކާރަށް ދައްކަންޖެހިފައިވާ އިލްތިޒާމްތައް
- ދިވެހި ރާއްޖޭގައި ހިންގާ ނުވަތަ ދިވެހި ރާއްޖޭން ބޭރުގައި ހިންގާ ބޭރުގެ މާލީ އިދާރާއަކަށް ބޭރު ފައިސާއިން އަދާ ކުރަންޖެހިފައިވާ ދަރަނި
- ކޯޓު ހުކުމެއް ނުވަތަ އަމުރެއް، ނުވަތަ ޓްރައިބިއުނަލެއްގެ ނިންމުމެއް ނުވަތަ އާބިޓްރޭޝަން ފަދަ މައްސަލަ ބެލުމުގެ ނިޒާމެއްގެ ދަށުން ނިންމާފައިވާ ނިންމުމެއްގައި ދެއްކުމަށް ކަނޑައަޅާފައިވާ ބޭރުފައިސާގެ އިލްތިޒާމްތައ
- އޮތޯރިޓީން ހުއްދަދެދޭ އެހެންވެސް ބޭރު ފައިސާގެ އިލްތިޒާމްތައް
އެ ދެ ގަވާއިދަށް ވެސް މިއަދު އަމަލުކުރަން ވަނީ ފަށައިފައެވެ.
މީގެ ކުރިން ސަރުކާރުން ވަނީ ގާނޫނަށް ގެނައި އިސްލާހުތަކަކީ ރާއްޖޭގެ ބޭރު ފައިސާގެ ނިޒާމު ހަރުދަނާކުރުމަށް ގެނައި އިސްލާހުތަކެއް ކަމަށް ބުނެފައެވެ. ނަމަވެސް އެ ބަދަލުތައް ގެނެސްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މަޝްވަރާއާ ނުލައި، ދެމެހެއްޓެނިވި ގޮތަކަށް ނޫން ކަމަށް ބުނެ ސަރުކާރަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.