ބޮލީވުޑްގައި ކާމިޔާބުވާ ވަކި ޚާއްޞަ ފޯމިއުލާއެއް ކޮޕީކޮށްގެން، މުޅި ސިނާއަތް އެއް މިސްރާބަކަށް ދަތުރުކުރުމުގެ ސަގާފަތާ ދެކޮޅަށް މަޝްހޫރު ފިލްމީ ތަރި ކަރީނާ ކަޕޫރު ޚާން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އަޑުއުފުލައިފިއެވެ.
އަބަދުވެސް އަމިއްލަ ޚިޔާލުތައް ސާފުކޮށް ހާމަކުރަމުން އަންނަ ކަރީނާ، ދާދިފަހުން ދިން އިންޓަވިއުއެއްގައި ވަނީ ބޮލީވުޑްގައި އަށަގަނެފައިވާ "ހާޑް މެންޓަލިޓީ" ނުވަތަ އެކަކު ކުރާ ކަމެއް އެންމެން ކުރުމުގެ އާދައަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އޭނާ ފާހަގަކުރި ގޮތުގައި، ބޮކްސް އޮފީހުގައި ވަކި ވައްތަރެއްގެ ފިލްމެއް ކާމިޔާބުވުމާއެކު، ހުރިހާ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންވެސް ހަމަ އެފަދަ ފިލްމުތައް އުފެއްދުމަށް އަވަސްވެގަނެއެވެ.
މިކަމުގެ މިސާލެއްގެ ގޮތުން ކަރީނާ ދެއްކީ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ ފިލްމު "އެނިމަލް"އަށް ލިބުނު ބޮޑު ކާމިޔާބީއަށްފަހު، ހިންދީ ސިނަމާގައި އުފެދިގެންދިޔަ އަނިޔާވެރިކަމާއި 'އަލްފާ-މޭލް' ކެރެކްޓާތަކުގެ އޮއިވަރެވެ.
"އަޅުގަނޑުމެން ހީކުރާ ވަރަށް ވުރެ މިއަދުގެ ބެލުންތެރިން މާ ވިސްނުންތޫނު. ރަނގަޅު އުފެއްދުންތައް ދެނެގަންނަން އެމީހުންނަށް އެނގޭ. މިއަދު ފެންނަމުން މިދަނީ ސްކްރީން މެދުވެރިކަން އަނިޔާވެރިކަން ދެއްކުމުގެ ސިލްސިލާތަކެއް. ފިލްމު "އެނިމަލް" ހިޓްވުމާއެކު އެންމެން މި އުޅެނީ އަނިޔާވެރި މަންޒަރުތައް ހިމެނޭ ފިލްމުތައް އުފައްދަން. މިއީ ހަމަ އެކަކު ދިޔަ މަގުން އެންމެން ދިއުމުގެ އާދަ" ކަރީނާ ބުނެފައިވެއެވެ.
ކަރީނާގެ އާ ފިލްމު "ދާއިރާ"ގެ ޕޯސްޓަރެއް--ފޮޓޯ/ފިލްމުފެއަކަރީނާ ފާހަގަކުރި ގޮތުގައި، ވަކި ކަހަލަ އަނިޔާވެރިކަމެއް ދައްކައިގެން ފިލްމެއް ހިނގައިގަތުމުން، ވާހަކައިގެ މައިގަނޑު މަފްހޫމާ ނުގުޅުނު ކަމުގައި ވިޔަސް، ގިނަ ފިލްމު އުފައްދާ ފަރާތްތަކުން އެ ފޯމިއުލާ ތަކުރާރުކުރަން މަސައްކަތް ކުރެއެވެ.
އެހެންނަމަވެސް، ފިލްމީ ސިނާއަތުގެ ކުރިމަގާމެދު އޭނާ މުޅިން އުންމީދު ކަނޑައެއް ނުލައެވެ. ތަފާތު، އަމިއްލަވަންތަ އަދި ބެލުންތެރިން ޝައުގުވެރިވާ ފަދަ މޮޅު ފިލްމުތައް އުފެއްދުމުގެ ގާބިލުކަންހުރި ޑައިރެކްޓަރުން އަދިވެސް އެބަތިބިކަމަށް ކަރީނާ ވަނީ ބުނެފައެވެ. އަދި މިހާރުގެ ބެލުންތެރިންނަކީ ހަމައެކަނި ޓްރެންޑްތަކަށް ހެއްލޭނެ ބައެއް ނޫން ކަމަށާއި، އެއީ ފިލްމުތަކުގެ ޓްރެއިލާތަކަށް ބަލައި އަމިއްލަ އިޚްތިޔާރުގައި ފިލްމު ބަލަންދާ ބައެއް ކަމަށްވެސް ކަރީނާ ބުނެފައިވެއެވެ.
ކަރީނާ މި ވާހަކަތައް ހިއްސާކޮށްފައިވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ދާއިރާ" ރިލީޒްކުރުމުގެ ތައްޔާރީތައް ވަމުންދާ ދަނޑިވަޅެއްގައެވެ. ނޭޝަނަލް އެވޯޑް ހާސިލްކޮށްފައިވާ ޑައިރެކްޓަރު މެގްނާ ގުލްޒާރު ޑައިރެކްޓްކުރާ މި ކްރައިމް ތުރިލާ ފިލްމުގައި ކަރީނާ ފެންނާނީ ފުލުހެއްގެ ރޯލުންނެވެ. މަޝްހޫރު އެކްޓަރު ޕްރިތުވީރާޖް ސުކުމާރަން ވެސް މުހިންމު ރޯލަކުން ފެންނާނެ، ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމު ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.