އަނަންތުގެ 'ވަންތާރާ'އިން ބަންގްލަދޭޝްގެ ޕާކަކުން ލީމާތަކެއް ވަގަށް ނެގި ކަމަށް ތުހުމަތުކޮށްފި

އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ހަގު ދަރިފުޅު އަނަންތު އަމްބާނީ--ފޮޓޯ/އިންޑިއާޓުޑޭ

ބަންގްލަދޭޝްގެ ސަފާރީ ޕާކަކުން ވަގަށް ނަގާފައިވާ ނެތިދިއުމުގެ ބިރު އޮތް ދެ ރިންގް-ޓެއިލްޑް ލީމާ، އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ހަގު ދަރިފުޅު އަނަންތު އަމްބާނީގެ "ވަންތާރާ" ޕްރޮޖެކްޓަށް ގާތްގަނޑަކަށް 4.8 މިލިއަން ރުޕީސްއަށް ވިއްކާލި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

އިންޑިއާއިން އާންމުކޮށް ނުފެންނަ މި ޖަނަވާރުތައް ވަގަށް ނެގިކަން ފަޅާއެރީ، ވަންތާރާގައި ހުރި ދެ ލީމާއެއްގެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެންނެވެ. އިންޑިއާގެ ގުޖުރާތުގެ ޖާމްނަގަރުގައި 3،500 އޭކަރުގެ ސަރަހައްދެއްގައި ގާއިމުކޮށްފައިވާ "ވަންތާރާ" ވައިލްޑްލައިފް ކޮންސަވޭޝަން ސެންޓަރަކީ 2024 ވަނަ އަހަރުގެ މާޗު މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަސްމީކޮށް އިފްތިތާހުކޮށްދެއްވި ތަނެކެވެ.

ތަހުގީގީ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، ގާޒީޕޫރު ސަފާރީ ޕާކުން ތިން ލީމާ ވަގަށް ނަގާފައިވަނީ 2024 ވަނަ އަހަރުގެ މާޗު މަހުގެ 23 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.

އިންޑިއާގެ ނޫސްތަކުގައި ބަޔާންކޮށްފައިވާގޮތުން މި މުއާމަލާތް ނިންމުމަށްޓަކައި އިންޑިއާއަށް ނިސްބަތްވާ ދެ މީހަކު ބަންގްލަދޭޝަށް ދަތުރުކޮށްފައިވެއެވެ. ބަންގްލަދޭޝްގެ ފަރާތުން މިކަމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކާ ގުޅިގެން ބޮޑު ލީމާއަކާއި ކުޑަ ލީމާއެއް 1.7 މިލިއަން ޓާކާ (ގާތްގަނޑަކަށް 13 ލައްކަ ރުޕީސް)އަށް އަދި އަނެއް ކުޑަ ލީމާ 300،000 ޓާކާއަށް ވިއްކާލުމަށް އެއްބަސްވެފައި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

މި ޖަނަވާރުތައް އިންޑިއާއަށް އެތެރެކުރީ ޗުއަދަންގާގެ ދަރްޝަނާ ބޯޑަރު ހުރަސްކޮށް ވަގު ވިޔަފާރީގެ ތެރެއިން ކަމަށާއި އެއަށްފަހު، 'ވަންތާރާ'އާ ގުޅުންހުރި ފަރާތަކަށް 4.8 މިލިއަން ރުޕީސްއަށް މިއިން ދެ ލީމާ ވިއްކާލާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ގާޒީޕޫރު ސަފާރީ ޕާކުގައި މި ލީމާތައް ގެންގުޅޭތާ ފަސް އަހަރަށްވުރެ ގިނަ ދުވަސް ވެފައިވީ ނަމަވެސް، އެތަކެތީގެ ހަށިގަނޑުގައި މައިކްރޯޗިޕް ހަރުކޮށްފައި ނެތުމާއި، އެއްވެސް ޑީއެންއޭ ރެކޯޑެއް ނެތުމުގެ ސަބަބުން، ވަންތާރާއިން ފެނުނު ލީމާތަކަކީ ގާޒީޕޫރުން ވަގަށް ނެގި ތަކެތިކަން ސައިންޓިފިކް ގޮތުން ސާބިތުކުރުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.

މިހާރު ތަހުގީގީ ޓީމުތަކުން މަސައްކަތް ކުރަމުންދަނީ ބަންގްލަދޭޝްގައި މިހާރު ހުރި ކުޑަ ލީމާގެ ޑީއެންއޭ ނަގައި، އިންޑިއާއިން ފެނުނު ދެ ލީމާއާ އާއިލީ ގޮތުން ގުޅުން ހުރިތޯ ބެލުމަށެވެ.

(އައިޔޫސީއެން)އިން ނެތިދިއުމުގެ ބިރު އިންތިހާއަށް އޮތް ކަމަށް ކަނޑައަޅާފައިވާ ބާވަތެއް ކަމަށްވާ ރިންގް-ޓެއިލްޑް ލީމާގެ ފޮޓޯއެއް--ފޮޓޯ/އެންޑީޓީވީ

ބަންގްލަދޭޝްގައި މި މައްސަލަ ތަހުގީގުކުރާ އޮފިސަރު ސުނިލް ދާސް މީޑިއާއަށް މައުލޫމާތު ދެމުން ބުނީ، މި ޖަނަވާރުތައް ވަގަށް ނަގައި ބޯޑަރު ހުރަސްކޮށް އެތެރެކޮށްފައިވަނީ ސަފާރީ ޕާކުގެ ސެކިއުރިޓީ ގާޑެއްގެ އެހީތެރިކަމާއެކު، ބައިނަލްއަގުވާމީ ނެޓްވޯކަކުން ކަމަށެވެ. އަދި މި މައްސަލައިގައި ޝާމިލުވާ ގިނަ ބަޔަކު ކުށަށް އިއުތިރާފުވެ ބަޔާން ދީފައިވާ ކަމަށްވެސް އޭނާ ވަނީ މީޑިއާގައި ބުނެފައެވެ. މި މައްސަލައާ ގުޅިގެން ސީއައިޑީން މިހާތަނަށް ވަނީ ޖުމްލަ 8 މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.

ރިންގް-ޓެއިލްޑް ލީމާތަކެއް ވަގަށް ނެގި ކަމަށް ބުނެ ކުރެވޭ ތުހުމަތުތައް ދޮގުކޮށް "ވަންތާރާ"އިން ނެރުނު ރަސްމީ ބަޔާނުގައި ބުނެފައިވަނީ، މި މައްސަލައާ ގުޅިގެން އެއްވެސް ރަސްމީ އިދާރާއަކުން އެ ފަރާތަށް އެއްވެސް ނޯޓިސްއެއް ފޮނުވާފައި ނުވާ ކަމަށެވެ. އަދި މީޑިއާތަކުގައި ފާހަގަކޮށްފައިވާ އެއްވެސް ފަރާތަކާ އެއްވެސް މުޢާމަލާތެއް ހިންގާފައި ނުވާނެ ކަމަށްވެސް އެ ބަޔާނުގައިވެއެވެ. މީގެއިތުރުން، އެ މަރުކަޒުގައި ބަލަހައްޓަމުންދާ ހުރިހާ ޖަނަވާރުތަކަކީވެސް ޤާނޫނީ އިމުގެ ތެރެއިން، ފުރިހަމަ ލިޔެކިޔުންތަކާއެކު ގެންގުޅޭ ޖަނަވާރުތަކެއް ކަމުގެ ޔަޤީންކަން އެ ފަރާތުން ވަނީ ދީފައެވެ. ހަމައެއާއެކު، ލީމާތަކުގެ ރެކޯޑުތައް ކަމާބެހޭ އިދާރާތަކާ ހިއްސާކުރުމަށާއި، އޭގެ އަސްލު ދެނެގަތުމަށްޓަކައި އިންޑިއާ އަދި ބަންގްލަދޭޝް ގުޅިގެން ހަދާ ޑީއެންއޭ ޓެސްޓުތަކަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށްވެސް 'ވަންތާރާ'ގެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.

ރިންގް-ޓެއިލްޑް ލީމާއަކީ މަޑަގަސްކަރައަށް ޚާއްސަ، ކަޅާއި ހުދު ކުލައިގެ ބުރުތަކެއް ހުންނަ ނިގުލަކުން ފާހަގަކުރެވޭ ޖަނަވާރެކެވެ. މިއީ އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންސަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން)އިން ނެތިދިއުމުގެ ބިރު އިންތިހާއަށް އޮތް ކަމަށް ކަނޑައަޅާފައިވާ ބާވަތެކެވެ. މީގެ އިތުރުން، 'ސައިޓީސް' މުއާހަދާގެ އެޕެންޑިކްސް 1ގައި މި ބާވަތް ހިމެނޭތީ، ހުއްދައަކާ ނުލައި ވިޔަފާރީގެ ބޭނުމަށް މި ޖަނަވާރު ބައިނަލްއަގުވާމީ ގޮތުން އެތެރެކުރުމާއި ބޭރުކުރުމަކީ މުޅިން މަނާ ކަމެކެވެ.

comment ކޮމެންޓް