އޮޔާ ގޮސް ބުރިޖަށް އުރުނީ، ހުއްދަ ވެސް ނެތި ރާއްޖެއަށް ވަތް ދެ ބޯޓު؟

ރޭ އޮޔާ ދިޔަ ބޯޓްގެ މީހުން މިދިޔަ ޖުލައި މަހު އެހީއަށް އެދި ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއް---

މާލެ ކައިރީގައި އަޅާފައި އޮތް ބޮޑު ތެޔޮ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ރޭ ޖެހިފައިވާއިރު، ރޭގެ އެ ހާދިސާގައި އޮޔާ ގޮސްފައި ވަނީ ހުއްދަ ނެތި ރާއްޖެ ސަރަހައްދަށް ވަދެ އުޅުމުން އަތުލައިގެންފައިވާ ދެ ބޯޓެއް ކަމަށް ޝިޕިން ދާއިރާގެ ތަޖުރިބާކާރުން "ސަން" އަށް ކަށަވަރު ކޮށްދީފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މޫސުން ގޯސްވެ، ކަނޑުގަދަވުމުގެ ސަބަބުން ބޯޓުގެ ކޮންޓްރޯލް ގެއްލިގެންނެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މި ބޮޑު ދެ ބޯޓު އޮޔާ ގޮސްފައިވަނީ މާލޭ އުތުރު ފަރާތު ކާނިވަލާ ދިމާލުންނެވެ. އެއް ބޯޓު ކޮންޓްރޯލުން ނެއްޓިގެން ގޮސް ބްރިޖުގެ ތަނބަކަށް އުރިފައިވާއިރު، ރެއަކީ މާލެ ސަރަހައްދަށް ވައިބާރު އަދި ކަނޑުތައް ވެސް ގަދަ ރެއެކެވެ. މި ހާދިސާއާ ގުޅިގެން ބްރިޖަށާއި ބޯޓަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.

ރޭ އޮޔާ ދިޔަ ބޯޓްގެ މީހުން މިދިޔަ ޖުލައި މަހު އެހީއަށް އެދި ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއް---

އެމްއެންޑީއެފުން ރޭ ބުނި ގޮތުގައި، އެ އިދާރާއިން ރޭ ވަނީ ބޯޓުގައި ތިބި މީހުން ސަލާމަތްކޮށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއާ ހަވާލުކުރުމުގެ މަސައްކަތް ކޮށްފައެވެ. އަދި އެ ދެ ބޯޓަކީ ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި އޮތް ދެ އުޅަނދު ކަމަށްވާތީ، އިތުރު މައުލޫމާތު ދޭނީ ކަސްޓަމްސްއިން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ބޮޑު ހާދިސާއަށް ގިނައިރުތަކެއް ވެފައިވާއިރު، ކަސްޓަމްސްއިން އިސްވެ އެއްވެސް މައުލޫމާތެއް ދީފައެއް ނުވެއެވެ. އަދި "ސަން" އިން މިއަދު އެ އިދާރާގެ ކަމާބެހޭ ފަރާތަށް ގުޅައި، މެސެޖު ކުރި ނަމަވެސް މިކަމާ ގުޅޭގޮތުން މިހާތަނަށް ކަސްޓަމްސްއިން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

މި ހާދިސާގައި ހިމެނެނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ހުއްދަނެތި ވަދެ އުޅެނިކޮށް ހިފަހައްޓާފައިވާ ދެ ޓޭންކަރެއް ކަމަށް ޝިޕިން ދާއިރާގެ ބޭފުޅުން ވިދާޅުވެއެވެ. ޝިޕިން ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި، މި ދެ ބޯޓަކީ ހާލުގައި ޖެހިގެން ރާއްޖެއަށް ވަން ބޯޓުތަކެއް ނޫނެވެ. އެއްވެސް އިދާރާއަކަށް އެންގުމަކާ ނުލައި، އަދި ކްލިއަރެންސް ނުހޯދައި ރާއްޖެ އެތެރެވި މި ދެ ބޯޓު ފެނިފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އަޅާފައި އޮންނަތާ ދުވަސްތަކެއް ފަހުން މީގެ މަސްތަކެއް ކުރިން ކަމަށް އޭނާ ވިދާޅުވިއެވެ. މި މައްސަލަ ކަސްޓަމްސްއާއި، ޓްރާންސްޕޯޓް އޮތޯރިޓީގެ އިތުރުން އެމްއެންޑީއެފުން ދިޔައީ ތަހުގީގު ކުރަމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މި ބޯޓުތައް ހިފަހައްޓާފައިވަނީ ގާނޫނާ ހިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަނުމާ ގުޅިގެން" އޭނާ ވިދާޅުވިއެވެ.

މި ދެ ބޯޓުގައި އިންޑިއާގެ 20 ފަޅުވެރިން ތިބިއިރު، އޭގެ ތެރެއިން ނުވަ މީހުން ތިބީ "ކޭޖީ 1" ކިޔާ ބޯޓްގައި ކަމަށް ބައެއް މަސްދަރުތަކުން ސަން އަށް ކަށަވަރު ކޮށްދިނެވެ. އަދި އަނެއް 11 މީހުން ތިބީ "އޭއެލް 1" ކިޔާ ބޯޓްގައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

https://sun.mv/227253

މިދިޔަ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހު އިންޑިއާގެ ނޭޝަނަލް ޔޫނިއަން އޮފް ސީފެއަރާސް (ނޫސީ) އިން ވަނީ މި ފަޅުވެރިންނަށް ކާބޯތަކެއްޗާއި ފެނާއި ތެޔޮ ހުސްވެ، އިންސާނީ އެހީތެރިކަމަށް ގޮވާލައިފައެވެ. އެ ޔޫނިއަނުން އޭރުވެސް ބުނި ގޮތުގައި، "ކޭޖީ 1" ގެ ނަގިލި ކަނޑައިގެން ގޮސްފައިވާއިރު، "އޭއެލް 1" ގެ ނަގިލީގެ ހާލަތު ވެސް ވަރަށް ގޯހެވެ. މީގެ ސަބަބުން ފަޅުވެރިންނާއި ކައިރީގައިވާ އެހެން އުޅަނދުތަކަށް ވެސް ނުރައްކާ އޮތް ކަމަށް އެ ޔޫނިއަނުން ފާހަގަކުރިއެވެ. މީގެ އިތުރުން، އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) އާއި އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) އަދި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން މެދުވެރިކޮށް މި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އެ ޔޫނިއަނުން އެދުނެވެ.

ހާލުގަައި ޖެހިފައިތިބި ކަމަށް ބުނާ މީހުންގެ މައުލޫމާތު އެނގޭ ރަސްމީ ފަރާތަކުން 'ސަން'އަށް މައުލޫމަަތު ދިން ގޮތުގައި ބޯޓުގައި ތިބި މީހުން މިހާރު ތިބީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައެވެ. އަދި 20 މީހުންގެ ތެރެއިން ގިނަ މީހުން ފުރައިގެން ގޮސްފައިވާއިރު، މިހާރު ތިބީ ނުވަ މީހުން ކަމަށާއި، އެ މީހުން ވެސް ޑީޕޯޓުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ ފަރާތުން މައުލޫމާތު ދިނެވެ.

comment ކޮމެންޓް