ސްރީލަންކާގެ ދެހިވަލައިގައި ހުންނަ ގެއަކަށް މިއަދު ފަތިހު ދިން އަތުބޮމުގެ ހަމަލާއެއްގައި ދެ ކުޑަކުދިން މަރުވެ، އާއިލާގެ އިތުރު ތިން މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.
ސްރީލަންކާ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާ ދީފައިވަނީ މިއަދު ފަތިހު 3:20 ހާއިރު ދެހިވަލައިގެ ކައުދާނަ ސަރަހައްދުގެ ސިރިސަންގަބޯ މަގުގައި ހުންނަ ގެއަކަށެވެ.
ކަޅުބޯވިލާ ޓީޗިން ހޮސްޕިޓަލުގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަމަލާގައި މަރުވެފައިވަނީ އުމުރުން 10 އަހަރާއި 14 އަހަރުގެ ދެ ފިރިހެން ކުދިންނެވެ. މީގެ ތެރެއިން 10 އަހަރުގެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ މަރުވެފައެވެ. އަދި 14 އަހަރުގެ ކުއްޖާ މަރުވީ ފަރުވާދެމުން ދަނިކޮށެވެ.
މި ހާދިސާގައި އެ ކުދިންގެ އުމުރުން 52 އަހަރުގެ ބައްޕައާއި އިތުރު ދެ ބޭބެއަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު، ބައްޕައަށް އަދިވެސް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، މިއީ ކުށްކުރާ ދެ ގްރޫޕެއްގެ ދެމެދުގައި އުފެދިފައިވާ މައްސަލައަކާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާއެކެވެ. ޑެއިލީ މިރާ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާއަކީ "ބަޑޯވިޓަ އަސަންކަ" އަދި "ކޮސް މައްލި" ނަމަކަށް ކިޔާ ދެ މީހެއްގެ ގްރޫޕުގެ ދެމެދުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅުންހުރި ކަމެކެވެ.
ނަމަވެސް، ހަމަލާ އަމާޒުކުރަން އުޅުނު ގެ އޮޅިގެން، ބޮން އެއްލާފައިވަނީ ކުށެއް ނެތް އާއިލާއެއް ދިރިއުޅެމުންދިޔަ ގެއަކަށް ކަމަށް ފުލުހުން ބުނެފައިވެއެވެ. މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށާއި ހަމަލާ ދިން މީހުން ހޯދުމަށް ފުލުހުންގެ ތިން ޓީމެއް ވަނީ އެ ސަރަހައްދަށް ފޮނުވާފައެވެ.
ދެހިވަލަ އަދި ޚާއްސަކޮށް ކައުދާނަ ސަރަހައްދަކީ ގިނަ އަދަދެއްގެ ދިވެހި އާއިލާތަކާއި ކިޔަވާ ކުދިން ދިރިއުޅެމުން އަންނަ ސަރަހައްދެކެވެ. ސްރީލަންކާގައި ދިރިއުޅޭ ދިވެހިންގެ އާބާދީގެ ބޮޑު ބައެއް މި ސަރަހައްދުގައި އުޅޭއިރު، މިފަދަ ހާދިސާތަކުގެ ސަބަބުން ސަލާމަތީ ކަންކަމާ މެދު ސަމާލުވުމަށް މީގެ ކުރިންވެސް ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދީފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ކޮލަމްބޯގައި ހުންނަ ދިވެހި ހައިކޮމިޝަނުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި މި ހަމަލާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް ރަސްމީ އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.