ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅުނު ދުވަސްވަރު އިޓަލީގެ ގޯލްކީޕަރު ޖިއާންލުއީޖީ ޑޮނާރުއްމާ އާއި އޭނާގެ އަންހެނުން އަލެސިއާ އެލެފަންޓޭގެ ގެއަށް ވަދެ ހިންގި ފޭރުމުގެ މައްސަލައިގައި ބައިވެރިވި ދެ މީހަކު ޖަލަށް ލުމަށް ފްރާންސްގެ ކޯޓަކުން ހުކުމްކޮށްފިއެވެ.
މި ހާދިސާގައި ޑޮނާރުއްމާއަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާއިރު، އޭރު އޭނާގެ ލޯބިވެރިޔާ އަދި މިހާރުގެ އަންހެނުން އެލެފަންޓޭގެ ކަރުގައި ކޭބަލަކުން ހިފަހައްޓައި ނޭވާ ހާސްކޮށްލާފައިވެއެވެ. މި ނުރައްކާތެރި ހާދިސާގެ ސަބަބުން ލިބުނު ނަފްސާނީ އަދި ޖިސްމާނީ އަނިޔާތަކާ ހުރެ އެލެފަންޓޭގެ ބަނޑުގައި އޮތް ދަރިފުޅު ވަނީ ބައިގެން ގޮސްފައެވެ.
ޕެރިސް ކްރިމިނަލް ކޯޓުން ވަނީ މި ފޭރުން ރޭވުމުގައި އިސްކޮށް ހުރި 21 އަހަރުގެ އިލްޔާސް ކޭ 9 އަހަރަށް ޖަލަށް ލުމާއެކު 93,000 ޑޮލަރުން ޖޫރިމަނާކުރުމަށް ހުކުމްކޮށްފައެވެ. މީގެ އިތުރުން މި މައްސަލައިގައި ދެން ދައުވާލިބުނު މުކްތާރު ދީގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް، އޭގެ ތެރެއިން ދެ އަހަރު ވަނީ ސަސްޕެންޑްކޮށްފައެވެ.
މި ކަންތައް ރޭވުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވުނު ތިންވަނަ މީހާ ކަމަށްވާ ހިޔާން އެމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ނިންމާފައެވެ.
ޖުލައި 2023 ގައި ހިނގި މި ހާދިސާގައި މޫނު ނިވާކޮށްގެން ތިބި ހަތަރު މީހަކު ވަނީ ޕެރިސްގެ އެވެނިއު މޮންޓައިންގައި ހުންނަ ޑޮނާރުއްމާގެ އެޕާޓްމަންޓްގެ ފުރާޅުމަތިން އެތެރެއަށް ވަދެފައެވެ. އަދި ޑޮނާރުއްމާ އާއި އޭނާގެ އަންހެނުން ބަނދެ، ވަޅިން ބިރުދެއްކުމަށްފަހު ފައިސާ އާއި އަގުބޮޑު ގަޑިތަކަށް އެދި އަނިޔާކުރިއެވެ.
މި ފޭރުމުގައި ބައިވެރިވި ގްރޫޕުން ވަނީ ގާތްގަނޑަކަށް 1.1 މިލިއަން ޑޮލަރުގެ ފައިސާ، ގަހަނާ، އަގުބޮޑު ގަޑި އަދި ލަގްޒަރީ ބައެއް ސާމާނު ފޭރިގެންފައެވެ.
އުމުރުން 27 އަހަރުގެ އިޓަލީގެ ގޯލްކީޕަރު ޑޮނާރުއްމާ ވަނީ 2025 ވަނަ އަހަރު ޕީއެސްޖީ ދޫކޮށް އިންގްލަންޑްގެ މެންޗެސްޓާ ސިޓީއަށް ބަދަލުވެފައެވެ. އެ ކުލަބުގައި އޭނާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.