ގޫގުލްބުކް ލެޕްޓޮޕްތަކުގެ ޕްރީ-އޯޑަރަށް މިމަހު 21 ގައި ހުޅުވާލަނީ

ގޫގުލްގެ ލެޕްޓޮޮޕްތައް އުފައްދާ ކުންފުނިތަކުގެ ތެރޭގައި އޭސާ، އޭސުސް، ޑެލް، އެޗްޕީ އަދި ލެނޯވޯ ހިމެނޭ ---

ގޫގުލް އިން އަލަށް ނެރޭ ގޫގުލްބުކް ލެޕްޓޮޕްތަކަށް ޕްރީ-އޯޑަރު ކުރުމުގެ ފުރުސަތު މި ހިނގާ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ހުޅުވާލާނެކަން އެ ކުންފުނިން ކަށަވަރުކޮށްދީފިއެވެ. ގޫގުލްބުކްގެ ރަސްމީ ވެބްސައިޓުގައިވާ ގޮތުން، ވަގުތުން ޕްރީ-އޯޑަރު ކުރުމުގެ ބަދަލުގައި އެކަމާ ގުޅޭ ނޮޓިފިކޭޝަންތައް ލިބޭނެ ގޮތް ހެދުމުގެ އިޚްތިޔާރުވެސް ކަސްޓަމަރުންނަށް ލިބޭނެއެވެ.

މެއި މަހު ބޭއްވި 'ދަ އެންޑްރޮއިޑް ޝޯ އައި/އޯ އެޑިޝަން' ގައި ދައްކާލި މި އައު ކެޓަގަރީގެ ލެޕްޓޮޕްތައް އުފައްދާ ކުންފުނިތަކުގެ ތެރޭގައި އޭސާ، އޭސުސް، ޑެލް، އެޗްޕީ އަދި ލެނޯވޯ ހިމެނެއެވެ. ލީކުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު ލެނޯވޯ އަދި އޭސުސްގެ ލެޕްޓޮޕްތަކުގެ ބައެއް ތަފްސީލުތައް ހާމަވެފައިވާއިރު، އޭސާ އިން ވަނީ ގޫގުލްބުކް އެއް އުފައްދަމުން އަންނަކަން ޔަގީންކޮށްދީފައެވެ. ނަމަވެސް، މި ލެޕްޓޮޕްތަކުގެ އަގުތަކާއި، ޕްރީ-އޯޑަރަށް ހުޅުވާލާއިރު ލިބެން ހުންނާނީ ކޮން މޮޑެލްތަކެއް ކަމެއް، އަދި ކަސްޓަމަރުންނަށް ލެޕްޓޮޕްތައް ފޯރުކޮށްދޭން ފަށާނެ ތާރީޚެއް ގޫގުލްއިން އަދި ހާމަކޮށްފައެއް ނުވެއެވެ.

މިހާރު ބޭނުންކުރަމުން އަންނަ ކްރޯމްއޯއެސްގެ ބަދަލުގައި ގޫގުލްބުކްތަކުގައި ބޭނުންކުރާނީ އެންޑްރޮއިޑް ޓެކްނޮލޮޖީ ސްޓޭކެވެ. ގޫގުލް އިން މި އޮޕަރޭޓިން ސިސްޓަމްގެ ރަސްމީ ނަމެއް އަދި ހާމަކޮށްފައި ނުވި ނަމަވެސް، މީގެ ކުރިން އާންމުވެފައިވާ ރިޕޯޓުތައް ބުނާގޮތުން މިއީ ގޫގުލްގެ 'އެލުމިނިއަމް އޯއެސް' ޕްރޮޖެކްޓާ ގުޅުންހުރި ސިސްޓަމެކެވެ. އެހެންނަމަވެސް، އާންމު އަދި އަވަސް ބޭނުންތަކަށް އަމާޒުކޮށްގެން މިހާރު ބާޒާރުގައި ހުރި ކްރޯމްބުކްތަކުގައި ކުރިއަށް އޮތް ތަނުގައިވެސް ކްރޯމްއޯއެސް ބޭނުންކުރަމުންދާނެއެވެ.

މި ލެޕްޓޮޕްތަކުގައި ޖެމިނައި އިންޓެލިޖެންސް މެދުވެރިކޮށް އޭއައިގެ ގިނަ ފީޗާތަކެއް ހިމަނާފައިވޭ ---

މި ލެޕްޓޮޕްތަކުގައި ޖެމިނައި އިންޓެލިޖެންސް މެދުވެރިކޮށް އާޓިފިޝަލް އިންޓެލިޖެންސްގެ ގިނަ ފީޗާތަކެއް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ސްކްރީނުން އެއްޗެއް ޚިޔާރުކުރުމަށްފަހު އެއާ ގުޅޭގޮތުން ޖެމިނައިގެ އެހީގައި މައުލޫމާތު ހޯދައި، އަޅާކިޔައި، ނުވަތަ އާ ކޮންޓެންޓް އުފެއްދުމަށް ބޭނުންކުރެވޭ 'މެޖިކް ޕޮއިންޓާ' ފީޗާ ހިމެނެއެވެ.

މީގެ އިތުރުން ލިޔުމުން ދޭ އިންސްޓްރަކްޝަނަކަށް ބިނާކޮށް ޑެސްކްޓޮޕް ވިޖެޓެއް އުފައްދައިދޭ 'ކްރިއޭޓް މައި ވިޖެޓް' ފީޗާވެސް ވަނީ ހިމަނާފައެވެ. މީގެ މިސާލެއްގެ ގޮތުން ގޫގުލްއިން ދައްކާލާފައިވަނީ ފްލައިޓާއި، ހުރުމާއި، އަދި ރެސްޓޯރެންޓްތަކުގެ މައުލޫމާތު އެއްތަނަކުން ފެންނާނެހެން ފަރުމާކޮށްފައިވާ ޓްރެވަލް ޓްރެކަރެކެވެ.

އެންޑްރޮއިޑް ފޯނުތަކާއި ލެޕްޓޮޕް ގުޅުވާލަދޭ މުހިންމު ފީޗާތަކެއްވެސް ގޫގުލްބުކްގައި ހިމެނެއެވެ. އެގޮތުން 'ކާސްޓް މައި އެޕްސް' މެދުވެރިކޮށް ފޯނުގައި ހުންނަ އެޕްލިކޭޝަންތައް ލެޕްޓޮޕްގައި ހުޅުވާލެވޭއިރު، 'ކުއިކް އެކްސެސް' މެދުވެރިކޮށް ފޯނުގައި ހުންނަ ފައިލްތައް ލެޕްޓޮޕުން ފަސޭހަކަމާއެކު ބަލައިލެވޭނެއެވެ. ހާޑްވެއާ ފަރުމާއަށް ބަލާއިރު، މީގެ ކުރިން ކްރޯމްބުކް ޕިކްސެލް އިން ފެނިގެންދިޔަ ކީބޯޑު މަތީގައި އިންނަ 'ގްލޯބާ' މި އާ ލެޕްޓޮޕްތަކުގައި އަލުން ހިމަނާފައިވާކަން ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް