ގޫގުލްއިން ޕިކްސެލް ޑިވައިސްތަކަށް އެންޑްރޮއިޑް 17 ދޫކުރަން ފަށައިފި

މި އާ އަޕްޑޭޓް ލިބޭ ޑިވައިސްތަކުގެ ތެރޭގައި ޕިކްސެލް 6އިން ފެށިގެން މަތީގެ ޑިވައިސްތައް ހިމެނޭ ----

ގޫގުލް އިން އެ ކުންފުނީގެ ޕިކްސެލް ޑިވައިސްތަކަށް 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފީޗާ ޑްރޮޕް އާއި ސެކިއުރިޓީ ޕެޗާއެކު އެންޑްރޮއިޑް 17 ކިއުޕީއާރު1 ދޫކުރަން ފަށައިފިއެވެ. މިއީ ގިނަ ދުވަސްތަކެއް ވަންދެން ބީޓާ މަރުހަލާގައި ޓެސްޓުކުރުމަށްފަހު އާންމުކޮށް ދޫކުރަން ފެށި އަޕްޑޭޓެކެވެ.

މި އަޕްޑޭޓާއެކު އެންޑްރޮއިޑް 17 ގެ ޔޫޒާ އިންޓަފޭސްއަށް ވަނީ ގިނަ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ސިސްޓަމް ޔޫއައިގެ އެކި ހިސާބުތަކުގައި ބްލާ އިފެކްޓްތައް ވަނީ އިތުރުކޮށްފައެވެ. ޑައިނަމިކް ކަލާ ތީމް ހިމެނޭހެން ވޮލިއުމް ޕެނަލް އަށް ގެނެސްފައިވާ ބަދަލުތަކާއި، ފުލް ބޮޓަމް ޝީޓަށް ގެނެސްފައިވާ ބަދަލުތައް މީގެ ތެރޭގައި ފާހަގަކޮށްލެވެއެވެ. އަދި ޕަވަ މެނޫވެސް އާކޮށްފައިވާއިރު، އޭގެ ބެކްގްރައުންޑަށްވެސް ވަނީ ބްލާ އިފެކްޓް އިތުރުކޮށްފައެވެ. މިއީ ޖޫން މަހު ނެރުނު އެންޑްރޮއިޑް 17 ގެ ފުރަތަމަ ރިލީޒްގައި ވިޖެޓް ޕިކާއަށް ގެނައި ބަދަލުތަކާ ގުޅޭގޮތަށް ގެނެސްފައިވާ ބަދަލުތަކެކެވެ.

ސިސްޓަމް މީޑިއާ ޕްލޭޔަރަށް ވަނީ މެޓީރިއަލް 3ގެ ކަރޯސަލްއަށް ބިނާކޮށްފައިވާ އިންޓަފޭސްއެއް ތައާރަފުކޮށްފައެވެ. އެކި އެޕްލިކޭޝަންތައް އެއްފަހަރާ ހުޅުވާފައި ހުންނައިރު، ކުރިން ތިރީގައި އިންނަ ތިކިތަކުގެ ބަދަލުގައި މިހާރު ފެންނާނީ ހުޅުވާފައިވާ އެހެން އެޕްލިކޭޝަންތަކުގެ ޕްރިވިއުއެކެވެ. އަދި މިހާރު ބޭނުންކުރަމުންދާ ކާޑު ކުޑަވެގެން ގޮސް އެހެން އެޕްތަކަށް ޖާގަ ހަދައިދޭނެއެވެ.

އާ ބަދަލާއެކު މިހާރު ފެންނާނީ ހުޅުވާފައިވާ އެހެން އެޕްލިކޭޝަންތަކުގެ ޕްރިވިއުއެއް ----

ކުއިކް ސެޓިންގްސް ހުޅުވާއިރު އާ އެނިމޭޝަނެއް ފެނިގެންދާނެއެވެ. އަދި އެޑިޓްކުރުމަށް ކަނާތްފަރާތު ތިރީގައި އާ އައިކަންއެއް ވަނީ ހިމަނާފައެވެ. މީގެ އިތުރުން މޮބައިލް ޑޭޓާ ޓައިލް އަށް "ޑޯންޓް އާސްކް މީ އެގެއިން" ޓޮގްލްއެއް ވަނީ އިތުރުކޮށްފައެވެ. ހަމައެއާއެކު ސިސްޓަމް ސްވިޗާއަށް ވަދެވޭގޮތަށް "ކީބޯޑް" ގެ ނަމުގައި އާ ކުއިކް ސެޓިންގްސް ޓައިލްއެއް ވެސް ވަނީ ތައާރަފުކޮށްފައެވެ. އަދި ސްކްރީން ރެކޯޑިން ޓޫލް ބޭނުންކުރާއިރު، އެންމެ ފަހުން ބޭނުންކުރި އެޕްލިކޭޝަން ޑިފޯލްޓްކޮށް ހުޅުވޭގޮތަށް ވަނީ ބަދަލުކޮށްފައެވެ.

ހޯމްސްކްރީންގައި ހުންނަ އެޕްތަކަށް ފިތާލައިގެން ހުންނައިރު އަރާ މެނޫ ވަނީ އެޕް ޝޯޓްކަޓްސް އަދި ސިސްޓަމް އެކްޝަންސް (ބަބްލް އަދި ވިޖެޓް ފަދަ ކަންކަން) އަށް ބަހާލާފައެވެ. ހަމައެހެންމެ، ހޯމްސްކްރީންގެ ހުސްތަނަކަށް ފިތާލައިގެން ހުންނައިރު އަރާ ވޯލްޕޭޕާ ސްވިޗާއަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އޭގެ ކަންތައް އިތުރަށް ވަށްކޮށްފައިވާއިރު، މެނޫ އައިޓަމްތަކުގެ ދެމެދުގައި ހުރި ހުސްޖާގަތައް ވަނީ ނައްތާލާފައެވެ.

މި އަޕްޑޭޓުގައި ހިމެނޭ އެހެނިހެން ބަދަލުތަކުގެ ތެރޭގައި ފުރަތަމަ ޕިކްސެލް ވޮޗުން ފެނިގެންދިޔަ މެޓީރިއަލް 3 އެކްސްޕްރެސިވް ސެޓިންގްސް އެޕް އައިކަން ހިމެނެއެވެ. އަދި ޕަވަ ބަޓަނަށް ދެފަހަރު ފިތާލައިގެން ލޮކްސްކްރީނުން ކެމެރާ ހުޅުވާއިރު އާ އެނިމޭޝަނެއް ފެނިގެންދާނެއެވެ. މީގެ އިތުރުން ފޯނުތަކުގައި ހުންނަ ހެލްތު ކަނެކްޓް މެދުވެރިކޮށް ފިޔަވަޅު ގުނުމުގެ އިތުރުން، މިހާރު ދުވި ރާސްތާއާއި އަންދާލެވުނު ކެލަރީޒްވެސް ބަލާލެވޭނެއެވެ.

މި އާ އަޕްޑޭޓް ލިބޭ ޑިވައިސްތަކުގެ ތެރޭގައި ޕިކްސެލް 6، ޕިކްސެލް 6 ޕްރޯ، ޕިކްސެލް 6އޭ، ޕިކްސެލް 7، ޕިކްސެލް 7 ޕްރޯ، ޕިކްސެލް 7އޭ، ޕިކްސެލް ޓެބްލެޓް، ޕިކްސެލް ފޯލްޑް، ޕިކްސެލް 8، ޕިކްސެލް 8 ޕްރޯ، ޕިކްސެލް 8އޭ، ޕިކްސެލް 9، ޕިކްސެލް 9 ޕްރޯ، ޕިކްސެލް 9 ޕްރޯ އެކްސްއެލް، ޕިކްސެލް 9 ޕްރޯ ފޯލްޑް، ޕިކްސެލް 9އޭ، ޕިކްސެލް 10، ޕިކްސެލް 10 ޕްރޯ، ޕިކްސެލް 10 ޕްރޯ އެކްސްއެލް، ޕިކްސެލް 10 ޕްރޯ ފޯލްޑް، ޕިކްސެލް 10އޭ، ޕިކްސެލް 11، ޕިކްސެލް 11 ޕްރޯ، ޕިކްސެލް 11 ޕްރޯ އެކްސްއެލް އަދި ޕިކްސެލް 11 ޕްރޯ ފޯލްޑް ހިމެނެއެވެ.

އަޕްޑޭޓް އިންސްޓޯލް ކުރުމަށް ފޯނުގެ ސެޓިންގްސްގެ ސިސްޓަމް އަށް ގޮސް ސިސްޓަމް އަޕްޑޭޓް ޚިޔާރުކުރުމަށްފަހު "ޗެކް ފޯ އަޕްޑޭޓް" އަށް ފިތާލުމުން އަޕްޑޭޓް ލިބޭނެއެވެ. އެންޑްރޮއިޑް 17 ކިއުޕީއާރު1 ބީޓާ 9 ބޭނުންކުރާ ފަރާތްތަކަށް މި ފައިނަލް ރިލީޒަށް ބަދަލުވުމަށް ކުޑަ އަޕްޑޭޓެއް ލިބިގެންދާނެއެވެ.

އެންޑްރޮއިޑް ބީޓާ ޕްރޮގްރާމް އިތުރު ފީޗާ ޑްރޮޕްތަކާއި ކިއުޕީއާރު އަޕްޑޭޓްތައް ޓެސްޓުކުރުމަށް އަދިވެސް ހުޅުވިފައި ހުންނާނެއެވެ. ނަމަވެސް ބީޓާ ބޭނުންކުރަމުންދާ ފަރާތްތަކުން ސްޓޭބަލް ވާޝަންއަށް ބަދަލުވާން ބޭނުންނަމަ ފުރަތަމަ ޖެހޭނީ ބީޓާ ޕްރޮގްރާމުން ވަކިވާށެވެ. ސްޓޭބަލް އަޕްޑޭޓް އާންމުކޮށް ލިބެން ފެށުމުން އެ އަޕްޑޭޓް އެޅުމަކުން ޑިވައިސްގައި ހުރި މައުލޫމާތުތައް ފޮހެވިގެނެއް ނުދާނެއެވެ.

ކިއުޕީއާރު ނުވަތަ "ކުއާޓަލީ ޕްލެޓްފޯމް ރިލީޒް" އަޕްޑޭޓްތަކަކީ ގޫގުލްއިން ކޮންމެ ތިން މަހަކުން އެއްފަހަރު އެންޑްރޮއިޑް އޮޕަރޭޓިންގ ސިސްޓަމަށް (ޚާއްސަކޮށް ޕިކްސެލް ޑިވައިސްތަކަށް) ނެރޭ ބޮޑެތި އަޕްޑޭޓްތަކެކެވެ.

comment ކޮމެންޓް