ކުރީ ސަރުކާރުން ނެގި 150 މިލިއަން ޑޮލަރުގެ ޓީބިލް އެއްކޮށް ދައްކައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސް ޑރ. މުޙައްމަދު މުއިއްޒު: -- ފޮޓޯ/ ރައީސް އޮފީސް

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލް ފެސިލިޓީގެ އެންމެ ފަހު އިންސްޓޯލްމަންޓް ކަމަށްވާ 50 މިލިއަން ޑޮލަރު މިއަދު ދައްކައި، އެ ދަރަނި އެއްކޮށް ޚަލާޞްކޮށްފިއެވެ.

މާލީ ވުޒާރާއިން ބުނި ގޮތުގައި، ދައުލަތުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ކުރީ ސަރުކާރުން ނެގި މި ފެސިލިޓީ އަނބުރާ ދައްކާފައިވަނީ އެކި މަރުހަލާތަކަކަށް ބަހާލައިގެންނެވެ. އެގޮތުން މި ސަރުކާރުން ވަނީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު 50 މިލިއަން ޑޮލަރު، އަދި މެއި މަހުގެ 11 ވަނަ ދުވަހު އިތުރު 50 މިލިއަން ޑޮލަރު ދައްކާފައެވެ. ބާކީ އޮތް 50 މިލިއަން ޑޮލަރު ދައްކަންޖެހޭ މުއްދަތަށް މިއަދު ދެއްކުމާއެކު، މި ފެސިލިޓީގެ ދަށުން ނެގި މުޅި ދަރަނި މިހާރު ވަނީ އެއްކޮށް ދައްކައި ނިމިފައި ކަމަށް ފިނޭންސްއިން ބުންޏެވެ.

ދަރަނީގެ ބޮޑު އަދަދެއް ދެއްކި ނަމަވެސް، ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި، ތެލާއި، ބޭސްފަރުވާގެ ސާމާނު ފަދަ ޒަރޫރީ ތަކެތި މެދުނުކެނޑި އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމުގެ ޔަގީންކަން މާލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވަނީ ދީފައެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އޮގަސްޓުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ ގާތްގަނޑަކަށް 644 މިލިއަން ޑޮލަރުގައެވެ. އެހެންކަމުން، ދަރަނި ދެއްކުމުގެ ސަބަބުން ޒަރޫރީ މުދާ އެތެރެކުރުމަށް ހުރަސްއެޅިދާނެ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ސަރުކާރުން އެހެން ބުނެފައި އެވަނީ އިންޑިއާއަށް ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު އިއްޔެ ދެއްކުމާއެކު ރާއްޖޭގެ ރިޒާވަށް ބޮޑު ދަތިތަކެއް ކުރިމަތި ވެފައިވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރޭ ވިދާޅުވުމާ ގުޅިގެންނެވެ.

ދައުލަތުގެ ދަރަނި ބެލެހެއްޓުމުގައި ސަރުކާރުން އިސްކަންދެނީ ދުރާލައި ރޭވުންތެރިކަމާއެކު މަސައްކަތް ކުރުމަށް ކަމަށް މާލީ ވުޒާރާއިން ފާހަގަކުރެއެވެ. އެގޮތުން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ގަވާއިދުން ފައިސާ ޖަމާކުރުމާއި، ދަރަނި ދައްކަންޖެހޭ މުއްދަތުގެ މާ ކުރިން ބޭނުންވާ މާލީ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން، ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ދޭދޭ ގައުމުތަކާއެކު ސަރުކާރުން ކުރިއަށްގެންދާ މަތީ ފަންތީގެ މަޝްވަރާތައް ކާމިޔާބުކަމާއެކު ކުރިއަށްދާ ކަމަށާއި، މީގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް މާލީ ވުޒާރާއިން ބުނެފައިވެއެވެ. ޒިންމާދާރުކަމާއެކު ދަރަނި މެނޭޖުކުރުމާއި، ގައުމީ ރިޒާވް ހަރުދަނާކުރުމުގެ އިތުރުން ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ހުއްޓުމެއްނެތް ގޮތުގައި ފޯރުކޮށްދިނުމުގައި ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް އެ ވުޒާރާއިން ވަނީ ދީފައެވެ.

ރާއްޖޭގެ މާލީ ހާލަތާ ގުޅޭގޮތުން ކަންބޮޑުވުންތައް އުފެދިފައިވަނީ، މިއަހަރުގެ ތެރޭގައި ބޭރުގެ ދަރަނީގެ ގޮތުގައި ބޮޑު އަދަދެއް ދައްކަން ޖެހިފައިވުމާއެކު، ދައުލަތުގެ އާމްދަނީއާއި ޚަރަދުތައް ހަމަޖެއްސުމުގައި ދަތިތަކަކާ ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. ބޭރު ފައިސާގެ ލިކުއިޑިޓީއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކުވެސް، ސަރުކާރުން އަންނަނީ ދަރަނިތައް ގަވާއިދުން ދައްކަމުންނެވެ.

މީގެ އިތުރުން، މި އަހަރު ރާއްޖޭގެ ބޭރުގެ ދަރަނީގެ ގޮތުގައި ގާތްގަނޑަކަށް 1.7 ބިލިއަން ޑޮލަރު ދައްކަން ޖެހެއެވެ. އަދި މި އަހަރުގެ ފަހުކޮޅު ދައްކަންޖެހޭ ބާކީ ޢަދަދު ގާތްގަނޑަކަށް 600 މިލިއަނާއި އެއް ބިލިއަން ޑޮލަރާ ދެމެދަށް އަރައެވެ. މި އަހަރުގެ އޭޕްރީލް މަހު ސަރުކާރުން ވަނީ 500 މިލިއަން ޑޮލަރުގެ ސޮވެރިން ސުކޫކެއް އަދާކޮށް، އިންޑިއާއާއެކު ހަދާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއް ކާމިޔާބުކަމާއެކު ޚަލާޞްކޮށްފައެވެ.

comment ކޮމެންޓް