ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ޑޮލަރުގެ ތަދުމަޑުކަމާއި އިގުތިސާދީ މައްސަލަތަކާ ގުޅިގެން، މުޅި އިގުތިސާދު ފުނޑުފުނޑުވެދާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީން މިއަދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މި މައްސަލައިގެ ސަބަބުން ކުދި ވިޔަފާރިތަކުން ފެށިގެން ރިސޯޓުތަކަށް ގެއްލުންވަމުންދާއިރު، އިންވެސްޓަރުންގެ އިތުބާރު ގެއްލި، އިގުތިސާދީ އިސްލާހުތައް ގެނައުމަށް ސަރުކާރު ވަނީ ނުކުޅެދިފައެވެ.
ދައުލަތުގެ ދަރަނި އަދާކުރުމަށް ބޮޑެތި ހޭދަތަކެއް ކުރަން ޖެހިފައިވާއިރު، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލުގެ ތެރެއިން ބާކީ އޮތް 50 މިލިއަން ޑޮލަރު މިއަދު ދައްކަން ޖެހޭނެ ކަމަށް އެމްޑީޕީން ފާހަގަކުރިއެވެ. މީގެ ކުރިން 2024 ވަނަ އަހަރުގެ ޖެނުއަރީ މަހާއި މި އަހަރުގެ މެއި 11 ގައި ވެސް 50 މިލިއަން ޑޮލަރު ދައްކާފައިވެއެވެ. އަދި އޭޕްރީލް މަހު ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) ގެ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާއާއި 500 މިލިއަން ޑޮލަރުގެ ސުކޫކްގެ ފައިސާ ދައްކާފައިވަނީ އެތެރޭގެ އިގުތިސާދުން ޑޮލަރު ނަގައިގެން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ ސަބަބުން ރާއްޖޭގެ ރިޒާވް ނުރައްކާތެރި މިންވަރަކަށް ދަށަށް ގޮސްފައިވާ ކަމަށާއި، އޭޕްރީލް މަހު ޖުމްލަ ރިޒާވްގައި ހުރީ 718 މިލިއަން ޑޮލަރު ކަމަށް އެ ޕާޓީން ބުންޏެވެ. ފިޗްގެ ހިސާބުތަކުން ބޭނުންކުރެވޭ ރިޒާވްގައި 244 މިލިއަން ޑޮލަރު ހުރިއިރު، ވޯލްޑް ބޭންކުގެ ހިސާބުތަކުން އެ އަދަދު އުޅެނީ 148 މިލިއަން ޑޮލަރުގައެވެ. އެމްޑީޕީން ބުނި ގޮތުގައި މިއީ އެންމެ ނުވަ ދުވަހާއި ދެ ހަފުތާއާ ދެމެދުގެ މުއްދަތަކަށް ބޭނުންވާ ކާބޯތަކެއްޗާއި ތެޔޮ އެތެރެކުރެވޭނެ މިންވަރެވެ.
ޑޮލަރުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ގެނައި ބަދަލުތަކަށް އެމްޑީޕީން ވަނީ ފާޑުކިޔާފައެވެ. މިދިޔަ އޮގަސްޓު 31 ގައި ތަސްދީގުކޮށް، އެއްވެސް ގްރޭސް ޕީރިއަޑަކާ ނުލައި އަމަލުކުރަން ފެށި ގަވާއިދުގެ ދަށުން، ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ 40 އިންސައްތަ 15.42 ރުފިޔާގެ ރޭޓުން މާރުކުރަން ވަނީ މަޖުބޫރުކޮށްފައެވެ. އަހަރަކު 15 މިލިއަން ޑޮލަރަށް ވުރެ ގިނައިން އާމްދަނީ ލިބޭ ބޭރުގެ އިންވެސްޓްމަންޓުތަކުން 40 އިންސައްތަ މާރުކުރަން ޖެހޭއިރު، ދިވެހި ވިޔަފާރިތަކުން މާރުކުރަން ޖެހެނީ ހަތް އިންސައްތައެވެ. މީގެ އިތުރުން، އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބުކިން ޕްލެޓްފޯމުތަކުން 17 އިންސައްތަ ޓީޖީއެސްޓީ ދައްކަން ޖެހޭ ގޮތަށް ގެނައި ބަދަލާ ގުޅިގެން 600 އަށް ވުރެ ގިނަ އޮޕަރޭޓަރުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް އެމްޑީޕީން ފާހަގަކުރިއެވެ. ޔޫރަޕުގެ ގާނޫނުތައް އޮންނަ ގޮތުން ވިއްކާފައިވާ ބުކިންތަކަށް އިތުރު ޗާޖު ނުނެގޭނެތީ، ބައެއް އޮޕަރޭޓަރުން ރާއްޖެ ޕްރޮމޯޓުކުރުން ހުއްޓާލައި އެހެން މަންޒިލުތަކަށް ބަދަލުވުމުގެ އިންޒާރު ދީފައިވާ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
ސަރުކާރުން ޑޮލަރުގެ ރޭޓު ދަށްވެއްޖެ ކަމަށް ބުނި ނަމަވެސް، އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި އެއީ ގަދަކަމުން ހިފަހައްޓައިގެން އުޅޭ ރޭޓެކެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ބާޒާރުގައި ޑޮލަރު ލިބެން ނެތް ކަމަށާއި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ޓީޓީ ހެދުމަށް ވިޔަފާރިތަކުން ދެ ހަފުތާއަށް ވުރެ ގިނަ ދުވަހު މަޑުކުރަން ޖެހޭ ކަމަށް އެމްޑީޕީން ފާހަގަކުރިއެވެ.
ޑޮލަރު ނުލިބުމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިވެ، ކާބޯތަކެއްޗާއި ތެލާއި އިމާރާތްކުރާ ސާމާނުގެ އަގު ބޮޑުވުމުގެ ބިރު އޮތް ކަމަށް އެމްޑީޕީން ބުންޏެވެ. އަދި ބީއެމްއެލްގެ ކާޑު ލިމިޓުތަކުގެ ސަބަބުން އާންމު ރައްޔިތުންނަށާއި، ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށާއި ބޭސްފަރުވާއަށް ދާ ފަރާތްތަކަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރަމުންދާ ކަމަށް އެ ޕާޓީން ބުންޏެވެ. އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި މި މައްސަލަތަކަކީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ސަރުކާރު ހަވާލުވި ފަހުން ހިންގަމުންދާ އިސްރާފާއި ކޮރަޕްޝަނުގެ ނަތީޖާއެވެ. އަދި މިކަން ހައްލުކުރާނެ ގޮތުގެ އެއްވެސް އިގުތިސާދީ ޕްލޭނެއް ސަރުކާރުގައި ނެތް ކަމަށް އެ ޕާޓީން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.
ދައުލަތުގެ ދަރަނި އަދާކުރުމަށް ބޮޑެތި ހޭދަތަކެއް ކުރަން ޖެހިފައިވާއިރު، އޭގެ ތެރޭގައި އެމްޑީޕީގެ ވެރިކަމުގައި ނަގާފައިވާ ލޯނުތައް ވެސް ހިމެނެއެވެ. އެގޮތުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލުގެ ތެރެއިން ބާކީ އޮތް 50 މިލިއަން ޑޮލަރު މިއަދު ދައްކައި، އެ ދަރަނި ވަނީ އެއްކޮށް ނިންމައިފައެވެ.
ސަރުކާރުން ބުނީ ކުރީ ސަރުކާރުތަކުން ނަގާފައިވާ ދަރަނިތައް ދައްކަމުން ދަނީ ރޭވުންތެރިކަމާއެކުގައި ކަމަށާއި ރާއްޖޭގެ އިގުތިސާދަށް ބޮޑު ދަތިކަމެއް ނެތް ކަމަށެވެ.