ކުށްކުރާ މީހަކަށް އަދަބު ލިބޭނެ، އެއީ ކޮން ޕާޓީއެއްގެ މީހެއްތޯ ނުބަލާނެ: ރައީސް

ރައީސް ޑރ މުޙައްމަދު މުއިއްޒު ޕީއެންސީ ކޮންގެރެސްގައި: ފޮޓޯ/ ޕީއެންސީ

ރާއްޖޭގެ ގާނޫނުގައި ކުށެއްގެ ގޮތުގައި ކަނޑައެޅިފައިވާ ކަމެއް ކުރާ ކޮންމެ މީހަކަށް ވެސް ގާނޫނު ތަންފީޒުވާން ޖެހޭނެ ކަމަށާއި، ކުށްކުރާ މީހަކަށް އަދަބު ދިނުމުގައި އެއީ ކާކުތޯ، އަދި ކޮން ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މީހެއްތޯ ނުބަލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ޢަދުލުވެރިކަމާ އެކީގައި ވެރިކަން ކުރަންޏާ ޝަރުޢީ ދާއިރާ އޮންނަން ޖެހޭނީ މިނިވަންކޮށް ކަމަށެވެ.

"ރާއްޖޭގެ ގާނޫނުތަކުގައި ކުށްގެ ގޮތުގަ ކަނޑައެޅިގައިވާ ކުށެއް ކުށްކުރާ ފަރާތްތަކަށް ރޫލް އޮފް ލޯ އެޕްލައިވާން ޖެހޭނެ.

އެކަން ނުކޮށް ދޫކޮށްލުމަކީ އަދުލުވެރިވުމެއް ނޫން. އެހެން ވީމަ އަޅުގަނޑު މި ގައުމުގައި ފުރިހަމަ މާނާގައި އަދުލުވެރިކަން ގާއިމްކުރާނަން. އޭގެ މާނައަކީ ކުށްކުރާ މީހަކަށް ކުށުގެ އަދަބު ލިބޭނެ، އެމީހާ އަކީ ކާކުތޯއެއް ނުބަލާނެ، އެއީ ކާކުގެ ދަރިއެއްތޯ ނުވަތަ ކޮން ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މީހެއްތޯ އެއް ނުބަލާނެ." ރައީސް ވިދާޅުވިއެވެ.

އަދި ވެރިކަމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވާ ވަރަށް ބޮޑު އަމާނާތަކާއި ޒިންމާއެއް ކަމަށާއި، އެ ޒިންމާ އަދާކުރައްވާނީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ވަރަށް ތެދުވެރިކަމާ އެކު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ މުޙައްމަދު މުއިއްޒު ޕީއެންސީ ކޮންގެރެސްގައި: ފޮޓޯ/ ޕީއެންސީ

މާޒީގައި ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވައި، ފަނޑިޔާރުން ރަހީނުކުރުމާއި، ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރި ހާދިސާތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޖަލު ގޮޅީގައި ތިއްބެވި މަންޒަރު އެމަނިކުފާނު އަމިއްލަފުޅަށް ދެކެވަޑައިގެންނެވި ކަމަށެވެ. އަދި އެއީ ވަރަށް ހިތްދަތި ތަޖުރިބާއެއް ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، 2023 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ވަގުތުން ފެށިގެން ޝަރުޢީ ދާއިރާ މިނިވަންކުރައްވާފައިވާ ކަމަށާއި، ސަރުކާރުން އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށެވެ.

އަދި ނުފޫޒު ނުފޯރުވުމުގެ އިތުރުން ކޯޓުތަކަށް ބޭނުންވާ ވަސީލަތްތައް ހަމަޖައްސައިދީ، މަސައްކަތް ނުފެށި ލަސްވެފައި އޮތް ސުޕީރިއާ ކޯޓު ކޮމްޕްލެކްސްގެ މަސައްކަތް ވެސް މިހާރު ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޢަދުލުވެރިކަމަކީ ދެކޮޅު އޮންނަ ކަމެއް ކަމަށެވެ. އެގޮތުން އެއްގޮތަކަށްވެސް އަނިޔާވެރި ވެގެން ނުނާނޭ ކަމަށް ވިދާޅުވިއެވެ.

އަދި ގާނޫނާއި ގަވާއިދާ ޚިލާފަށް ރައްޔިތުންގެ ޙައްގުތަކަށާއި މުދަލަށް އަރައިގަނެފައި ތިބޭ މީހުންނަށް އޮން އުސޫލުގެ ތެރެއިން މައްސަލަ ބެލެން ޖެހޭނެ ކަމަށާއި އެކަން ނުކޮށް ދޫކޮށްލުމަކީ ޢަދުލުވެރިވުމެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގައުމުގައި ހަމަޖެހުން ގައިމުކުރެވޭނީ ޢަދުލުއިންސާފު ފުރިހަމައަށް ޤާއިމުކުރެވިގެން ކަމަށާއި، ސިޔާސީ ސަބަބުތަކަށްޓަކައި އެއްވެސް މީހަކު ޖަލަށްލުމުގެ ސިޔާސަތެއް މި ސަރުކާރުން ނުގެންގުޅޭނެ ކަމަށެވެ.

https://sun.mv/227630

ރައީސް މިފަދައިން ވިދާޅުވެފައިވާއިރު، ދައުލަތުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އުފުލައިފައިވާ ރިޝްވަތުގެ ކުށާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާތަކާ ގުޅިގެން މި މަހު ފަހުކޮޅު ކްރިމިނަލް ކޯޓަށް ހާޒިރުވާން ވަނީ އަންގާފައެވެ.

ޔާމީނަށް ކޯޓުން ފޮނުވި ޗިޓުގައިވަނީ، މި މަހުގެ 29ވަނަ ދުވަހުގެ ހެނދުނު 9:15އަށް ހާޒިރުވާން އަންގައިފައެވެ.

ކްރިމިނަލް ކޯޓަށް ޔާމީނު ހާޒިރުކުރަނީ އެމަނިކުފާނުގެ މައްޗަށް ދައުވާކުރާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިން ކުށުގެ މައްސަލައިގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅިގެން ވާހަކަދެއްކުމަށް ބާއްވާ އަޑުއެހުމަކަށެވެ.

ފާހަގަކުރެވޭ ގޮތުގައި ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ޚިޔާނާތްވެފައިވާ ކަމަށް ތުހުމަތުކުރާ މައްސަލައިގައި ޔާމީންގެ މައްޗަށް އެ މައްސަލަ ސާބިތުވާ ކަމަށް ކަނޑައެޅީ ޑިސެންބަރު 25، 2022ގައެވެ. ނަމަވެސް ދިގުދެމިގެންދިޔަ ޝަރީއަތަކަށް ފަހު 2023 ވަނަ އަހަރުގެ ފަހުކޮޅު ހައިކޯޓުން ވަނީ އެ މައްސަލައިގައި ޔާމީންގެ މައްޗަށް ސާބިތުވި ހުކުމް ބާތިލުކޮށް، މައްސަލަ އަލުން ބަލަން އަންގައިފައެވެ.

އޭރު ހައިކޯޓުން ނިންމީ މައްސަލަ އަލުން ބަލާއިރު ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކި ބަލައިނުގަނެވޭނެ ކަމަށެވެ. އާރަށު މައްސަލައިގައި ޚިޔާނާތާއި މަނީ ލޯންޑްރިންގެ ކުށް ޔާމީންގެ މައްޗަށް ސާބިތުވާ ކަމަށް ދަށު ކޯޓުން ހުކުމްކުރީ އައު ހެކިތައް ބަލައިގަތުމަށް ފަހެވެ.

އެކަމަކު އައު ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމީ މިދިޔަ ޖުލައި މަހުގެ ފުރަތަމަ ދުވަހެވެ.

comment ކޮމެންޓް