ޕާކިސްތާނު ޑްރާމާ 'ދާރު-އެ-ނިޖާތު': މާޒީގެ ހިތި ހަނދާންތަކުން ފުރިގެންވާ އަސަރުގަދަ ވާހަކައެއް

"ދާރު-އެ-ނިޖާތު" ޑްރާމާ ސީރީޒްގެ ޕޯސްޓަރެއް--ފޮޓޯ/ސިއާސަތު

ޕާކިސްތާނުގެ މަޝްހޫރު ސްޓްރީމިންގް ޕްލެޓްފޯމް، 'އޭއާރްވައި ޑިޖިޓަލް'އިން ގެނެސްދެމުންދާ ޑްރާމާ ސިލްސިލާ "ދާރު-އެ-ނިޖާތު" އަކީ އާދައިގެ އާއިލީ ވާހަކަތަކާ މުޅިން ތަފާތު، އިހުސާސްތަކުން ފުރިގެންވާ މި ޒަމާނަށް ފެތޭ ލޯބީގެ ޑްރާމާ ސީރީޒްއެކެވެ.

މާޒީގެ ހިތާމަތަކާއި، ޙާސިލުނުވި ލޯތްބާއި، އާއިލީ ގުޅުންތަކުގެ ތެރޭގައިވާ އުނދަގޫ ކަންތައްތަކަށް އަލިއަޅުވާލާފައިވާ މި ޑްރާމާއަކީ ސިއްރުތަކަކުން ގުޅިފައިވާ ތިން ރޫޙެއްގެ މެދުގައި ހިނގާ އަސަރުގަދަ ހާދިސާތަކެއް ދައްކުވައިދޭ އުފެއްދުމެކެވެ.

މި ޑްރާމާގެ އެންމެ ޚާއްޞަ އެއް ކަމަކީ އޭގެ މައިގަނޑު ރޯލުތަކުން ފެނިގެންދާ މަޝްހޫރު ތަރިން ޝެހެރްޔާރު މުނައްވަރު، ސެހަރް ހާޝްމީ އަދި ދުރުއެ ފިޝާން ސަލީމްގެ މޮޅު އެކްޓިންގާއި އެ ތަރިންގެ މެދުގައިވާ މޮޅު ކެމިސްޓްރީއެވެ. ޔުނިވަސިޓީ ދުވަސްވަރުގެ ހަނދާންތަކާއި، ދިރިއުޅުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި، ސިއްރުން ކުރާ ގުރުބާނީތައް މިއިން ހަރުދަނާކަމާއެކު ދައްކުވައިދެއެވެ.

"އިޝްގް މުރްޝިދު" ފަދަ ކާމިޔާބު ޑްރާމާތަކުން ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ ދުރުއެ ފިޝާން އާއި ޝެހެރްޔާރު މި ޑްރާމާ ސީރީޒްގައި ބައިވެރިވުމަކީ ފޭނުންގެ އުންމީދުތައް އިންތިހާއަށް މައްޗަށް ޖައްސާލި ކަމެކެވެ.

"ދާރު-އެ-ނިޖާތު"ގެ 14 ވަނަ އެޕިސޯޑުގެ މަންޒަރުތަކެއް ދައްކުވައިދޭ ޕޯސްޓަރެއް--ފޮޓޯ/ސިއާސަތު

މި ސީރީޒްގެ ވާހަކަ ލިޔެފައިވަނީ އާއްމުންގެ ބޮޑު މަގުބޫލުމަކެއް ލިބުނު ޕާކިސްތާނުގެ މަޝްހޫރު ޑްރާމާ ސިލްސިލާ "ޒިންދަގީ ގުލްޒާރު ހޭ" އަދި "ޕޭރީ ކާމިލް" ފަދަ މަގުބޫލު ވާހަކަތައް ލިޔުނު ޕާކިސްތާނުގެ މަޝްހޫރު ލިޔުންތެރިޔާ އުމޭރާ އަހުމަދެވެ. އުމޭރާގެ ފުން، ވިސްނާލަންޖެހޭ ޑައިލޮގްތަކުގެ ސަބަބުން މި ޑްރާމާ ބަލާއިރު އިހުސާސްވަނީ މޮޅު ވާހަކަފޮތެއް ކިޔަމުންދާ ފަދަ ނަފްސާނީ ހަމަޖެހުމެކެވެ. ގިނަ ބެލުންތެރިން ސިފަކުރާ ގޮތުގައި މިއީ ޕާކިސްތާނު ޑްރާމާތަކުން އިހު ފެނުނު ޖަދޫ އަލުން އިއާދަކޮށްދިން އުފެއްދުމެކެވެ. އަދި މި ޑްރާމާ ޑައިރެކްޓްކޮށްފައިވަނީ ކާމިޔާބު އުފެއްދުންތަކެއް ގެނެސްދީފައިވާ ހުނަރުވެރި ޑައިރެކްޓަރު ސާކިބު ހާންއެވެ.

"ދާރު-އެ-ނިޖާތު"އަށް ބެލުންތެރިންނާއި ކްރިޓިކުންގެ މެދުގައި ބޮޑު ތަރުހީބެއް ލިބެމުންދާއިރު، މިހާތަނަށް ޔޫޓިއުބްގައި އެކަނިވެސް މި ޑްރާމާ ބެލި ބެލުންތެރިންގެ އަދަދު ވަނީ 400 މިލިއަނަށްވުރެ މައްޗަށް އަރައި، ޓީވީ ރޭޓިންގްސްގެ އެންމެ ކުރި ހޯދާފައެވެ.

މިދިޔަ އޮގަސްޓް މަހުގެ އެއް ވަނަ ދުވަހު ޕްރީމިއާކުރި މި ޑްރާމާގެ 13 އެޕިސޯޑު ދައްކާފައިވާއިރު، ކުރިން މި އެޕިސޯޑުތައް ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ބެލެއެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އޭއާރްވައި ޑިޖިޓަލްއިން ވަނީ ޔޫޓިއުބަށް އާ އެޕިސޯޑުތައް އަޕްލޯޑުކުރުން ހުއްޓާލާފައެވެ. އެހެންކަމުން ކުރިއަށް އޮތް 14 އަދި 15 ވަނަ އެޕިސޯޑުން ފެށިގެން މި ސީރީޒްގެ އާ އެޕިސޯޑުތައް ކޮންމެ ހުކުރު އަދި ހޮނިހިރު ދުވަހެއްގެ ރޭގަނޑު 8:00 ޖަހާއިރު ހާއްސަކޮށް ދައްކަމުންދާނީ ސީދާ އޭއާރްވައި ޕްލަސް ޕްލެޓްފޯމް މެދުވެރިކޮށެވެ.

comment ކޮމެންޓް