ސެމްސަންގް ފަށްޖެހޭ ފޯނުގައި މުހިންމު ފީޗާތަކެއް މަދުކަން އެޕަލްއިން އައިފޯން ޑުއޯނެރުމުން ސާބިތުވެއްޖެއެވެ.
ސެމްސަންގުން އެންމެ ފުރަތަމަ ގެނައި ގެލެކްސީ ފޯލްޑަށް ހަތް އަހަރު ފަހުން އެޕަލް އިން އައިފޯން ޑުއޯ ނެރެފައިވާއިރު، މިއީ ސެމްސަންގުގެ ޒީ ފޯލްޑް 8 އަދި ފޯލްޑް 8 އަލްޓްރާގައި ނެތް މުހިންމު ފީޗާތަކެއް އެކުލެވިގެންވާ ފޯނެކެވެ. ފޯލްޑަބަލް ފޯނުގެ މާކެޓުގައި ސެމްސަންގަށް ގިނަ ތަޖުރިބާތަކެއް ލިބިފައިވީ ނަމަވެސް، އެޕަލްގެ އައު އީޖާދުތަކުން ސެމްސަންގަށް އަދިވެސް އިތުރަށް ދަސްކުރަންޖެހޭ ކަންތައްތަކެއް ހުރިކަން ވަނީ ސާބިތުވެފައެވެ.
އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ފެނާއި ހިރަފުހުން ރައްކާތެރިކޮށްދޭ އައިޕީ68 ރޭޓިން އެވެ. ގޫގުލްގެ ޕިކްސެލް 10 ޕްރޯ ފޯލްޑާއި މިއަހަރު ނެރުނު ޕިކްސެލް 11 ޕްރޯ ފޯލްޑްގެ އިތުރުން އެޕަލްގެ އައިފޯން ޑުއޯގައި ވެސް މި ރޭޓިން ހިމަނާފައިވާއިރު، ސެމްސަންގުގެ ޒީ ފޯލްޑް 8 އަދި ފްލިޕް 8 ސީރީޒްގައި އަދިވެސް ހިމަނާފައިވަނީ އައިޕީ48 ރޭޓިންގެވެ. މީގެ މާނައަކީ ފަހުގެ ފޯނުތަކަށް ފެނުގެ ރައްކާތެރިކަން ލިބުނު ނަމަވެސް، ހިރަފުހުން ރައްކާތެރިކޮށްދޭ މިންވަރު އަދިވެސް ކުޑަކަމެވެ. ފޯލްޑަބަލް ފޯނުތަކުގެ ހިންޖް ފުރިހަމައަށް ރައްކާތެރިނުކުރެވޭ ޒަމާން މާޒީވެ ގޮސްފައިވާއިރު، މިއީ ސެމްސަންގުން ކޮންމެހެންވެސް ރަނގަޅުކުރަންޖެހިފައިވާ ކަމެކެވެ.
ފަށްޖެހޭ ފޯނުތަކުގެ އެތެރޭ ސްކްރީން ފަށްޖެހޭތަން ފެންނަ މައްސަލައަށް ވެސް އައިފޯން ޑުއޯ ވަނީ ހައްލު ގެނެސްދީފައި ----އައިފޯން ޑުއޯގައި ހިމަނާފައިވާ ވާޓިކަލް ސައިޑް ޑޮކަކީ ވެސް ފާހަގަކޮށްލެވޭ ކުޑަ ނަމަވެސް މުހިންމު އައު ފީޗާއެކެވެ. ފުޅާ ސްކްރީނެއްގައި ފޯނު ބޭނުންކުރާއިރު އިނގިލިތައް ފޯނުގެ އަރިމަތީގައި ހުންނާތީ، ސައިޑް ޑޮކެއް ހުރުމަކީ ބޭނުންކުރަން ވަރަށް ފަސޭހަވާނެ ކަމެކެވެ. ސެމްސަންގުގައި އެޖް ސްކްރީން ފީޗާއެއް ހިމެނުނު ނަމަވެސް، ހޯމް ސްކްރީނުގައި މިފަދަ ޑޮކެއް ބޭނުންކުރެވޭނެ ގޮތެއް ނޯވެއެވެ. އައިފޯން ޑުއޯގެ މި ފީޗާއާއެކު އެންޑްރޮއިޑް ފޯނުތަކަށް ވެސް މިފަދަ ބަދަލުތައް ގެނައުމުގެ މަސައްކަތް ފެށިފައިވާއިރު، ކުރިއަށް އޮތް ތަނުގައި ސެމްސަންގުގެ "ގުޑް ލޮކް" މެދުވެރިކޮށް މި ފީޗާ ލިބުމަކީ އެކަށީގެންވާ ކަމެކެވެ.
ސްޓައިލަސް ނުވަތަ ގަލަމުގެ ސަޕޯޓަކީ ސެމްސަންގުން ދޫކޮށްލުމަށްފަހު އެޕަލް އިން އައިފޯން ޑުއޯގައި ހިމެނި ވަރަށް މުހިންމު ފީޗާއެކެވެ. ސެމްސަންގުން ޒީ ފޯލްޑް 3 އިން ފެށިގެން ފޯލްޑް 6 އާ ހަމައަށް އެސް-ޕެން ސަޕޯޓް ދީފައިވީ ނަމަވެސް، މިދިޔަ އަހަރުން ފެށިގެން އަދި މިއަހަރުގެ ޒީ ފޯލްޑް 8 ގައިވެސް މި ފީޗާ ވަނީ އުނިކޮށްފައެވެ. ބޮޑެތި ސްކްރީންތަކުގައި ގަލަމެއް ބޭނުންކުރުމަކީ ގިނަ ބަޔަކަށް ފަސޭހަ ކަމަކަށް ވާއިރު، އެޕަލް އިން މި ފީޗާ ތަޢާރަފްކުރުމުން، ސެމްސަންގުން ވެސް އަލުން މި ފީޗާ ގެނައުމަށް މަޖުބޫރުވުމަކީ އެކަށީގެންވާ ކަމެކެވެ.
ފަށްޖެހޭ ފޯނުތަކުގެ އެތެރޭ ސްކްރީން ފަށްޖެހޭތަން ފެންނަ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން އެޕަލް އިން ވަނީ އައިފޯން ޑުއޯގެ އެތެރޭ ސްކްރީނުގައި ނޭނޯ-ޓެކްސްޗާ ނުވަތަ މެޓް ފިނިޝްއެއް ހިމަނާފައެވެ. މިކަމުގެ ސަބަބުން ސްކްރީނަށް އެޅޭ އަލި ކުޑަކޮށްދީ، ފަށްޖެހޭތަން ފެންނަ މިންވަރު ކުޑަކޮށްދެއެވެ. އަދި އަވީގައި ސްކްރީން ބަލަން ފަސޭހަވުމުގެ އިތުރުން، އަތްލުމުން ޕްލާސްޓިކް ގޮތަކަށް އިހުސާސްވާ މިންވަރު ވެސް ކުޑަކޮށްދެއެވެ. ސެމްސަންގު ޒީ ފޯލްޑް 8 ގެ ބޭރު ސްކްރީނާ އަޅާބަލާއިރު އެތެރޭ ސްކްރީނުގައި އަދިވެސް ޕްލާސްޓިކް ކަމުގެ އިހުސާސް ކުރެވޭއިރު، އެޕަލްގެ މި ބަދަލަކީ ވަރަށް އުފެއްދުންތެރި ޚިޔާލެކެވެ.
މީގެ އިތުރުން، އައިފޯން ޑުއޯގެ ބޭރު ސްކްރީނާއި އެތެރޭ ސްކްރީނާ ދެމެދު ބަދަލުވާ އެނިމޭޝަންތަކަކީ ވެސް ފާހަގަކޮށްލެވޭ ކަމެކެވެ. ސެމްސަންގުގެ ވަން ޔޫއައި އާ އެއްގޮތަކަށް އެޕަލް އިން ވެސް ދެ ސްކްރީނުގައި އެއް ލޭއައުޓެއް ހިމަނާފައިވީ ނަމަވެސް، އެޕަލްގެ އެނިމޭޝަންތައް މާ ފުރިހަމަވެފައި އޮމާނެވެ. ފޯނު ހުޅުވާލާއިރު އަދި ލައްޕާލާއިރު ފެންނަ މި ޓްރާންސިޝަންތަކުގެ ސަބަބުން، މިއީ އެއް ޑިސްޕްލޭއެއް ކަމުގެ އިހުސާސް ގެނެސްދެއެވެ. މިފަދަ އެނިމޭޝަންތައް އެންޑްރޮއިޑަށް ގެނައުމަށް މިހާރު ވެސް މަސައްކަތްތަކެއް ކުރެވެމުންދެއެވެ.
1999 ޑޮލަރަށް ވިއްކާ، އައިއޯއެސް ގައި މަސައްކަތްކުރާ އައިފޯން ޑުއޯ ބާޒާރަށް ނެރެފައިވަނީ އޭ20 ޕްރޯ ޗިޕާއެކު، 7.6 އިންޗީގެ އެތެރޭ ޑިސްޕްލޭ އަދި 5.4 އިންޗީގެ ބޭރު ޑިސްޕްލޭއަކާ އެކުގައެވެ. ސްޓާ ވައިޓް އަދި ނައިޓް ސްކައި ކުލައިން ލިބެންހުރި މި ފޯނުގައި 256 ޖީބީ އިން ފެށިގެން 2 ޓީބީ އާ ހަމައަށް ސްޓޯރޭޖް ހުރެއެވެ.
އަނެއްކޮޅުން 1900 ޑޮލަރަށް ވިއްކާ، އެންޑްރޮއިޑް ގައި މަސައްކަތްކުރާ ސެމްސަންގު ޒީ ފޯލްޑް 8 އަކީ ސެމްސަންގުން ނެރުނު ފުރަތަމަ ވައިޑް-ފޯމެޓް ފޯނެވެ. ޑައިނަމިކް އެމޯލެޑް 2އެކްސް ޑިސްޕްލޭއަކާއެކު 12 ޖީބީގެ ރެމް ހިމެނޭ މި ފޯނު ލެވެންޑާ، ކްރީމް، ގްރެފައިޓް އަދި ޕިސްޓާޗިއޯ ކުލައިން ލިބެން ހުންނައިރު، ސްޓޯރޭޖް ހުންނަނީ 256 ޖީބީ އިން ފެށިގެން 1 ޓީބީ އާ ހަމައަށެވެ.
އެޕަލްގެ އައިފޯން ޑުއޯގައި ހިމެނޭ ގިނަ ފީޗާތަކަކީ ސެމްސަންގު ފޯލްޑް ފޯނުތަކުގައި ކުރިންވެސް ހުރި ފީޗާތަކަކަށް ވީނަމަވެސް، އެޕަލް އިން ގެނެސްފައިވާ އައު ބަދަލުތަކުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އިތުރު އީޖާދުތައް ގެނައުމަށް ސެމްސަންގަށް ވާދަވެރިކަމުގެ ބޮޑު ބާރެއް ލިބިގެންދާނެއެވެ.