ނިމުނު ހޮނިހިރު ދުވަހުގެ ހެނދުނު ލާމު ގަމުގައި އޮތް ރޭސިން މުބާރާތެއްގައި ސައިކަލާއެކު ދުއްވަން އިން ޒުވާނާ މޫދަށް ވެއްޓި ހިނގި ހާދިސާގައި އޭނާއަށް ފަރުވާދެމުން އަންނަނީ އަދިވެސް އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.
ހޮނިހިރު ދުވަހު ލ. ގަމުގައި އޮތް "ރޭސިން ޗެމްޕިއަންޝިޕް - ލާމު އެޑިޝަން"ގެ ތެރެއިން ސައިކަލެއް ކޮންޓްރޯލުން ނެއްޓި، ދުއްވަން އިން މީހާއާއެކު މޫދަށް ވެއްޓި ހިނގި ނުރައްކާތެރި ހާދިސާގައި އަނިޔާވެފައި ވަނީ އުމުރުން 20 އަހަރުގެ ޒުވާނަކަށެވެ.
އެ ހާދިސާގައި އެ ޒުވާނާއަށް ލިބުނު އަނިޔާތަކާ ގުޅިގެން ގަމު ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު އިއްޔެގެ ހެނދުނު ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފައެވެ. އައިޖީއެމްއެޗުން އިއްޔެ ބުނީ އެ ޒުވާނާއަށް އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުން އަންނަ ކަމަށެވެ.
'ސަން' އިން މިއަދު ސުވާލުކުރުމުން އައިޖީއެމްއެޗުން ބުނީ އެ ޒުވާނާއަށް އަދިވެސް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗުގެ ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ.
ފުލުހުން މީގެ ކުރިން ވަނީ މި ހާދިސާ ހިނގަން މެދުވެރި ސަބަބު ދެނެގަތުމުގެ މަސައްކަތާއި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ. ނަމަވެސް މިހާތަނަށް އައިރު ހާދިސާ ހިނގަން މެދުވެރިވީ ކީއްވެގެންކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
'ސަން' އިން މިއަދު ސުވާލުކުރުމުން ފުލުހުން ބުނީ މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށެވެ.