އެމްޑީޕީގެ ރިޔާސީ ރޭހަށް ނެރެން އެންމެ ގާބިލު ކެންޑިޑޭޓަކީ ކާކުތޯ ބެލުމަށް ސަން އޮންލައިން އިން އިއްޔެ ފެށި ޕޯލަށް ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި 47،849 ވޯޓު ލިބިއްޖެއެވެ. މިއީ ގާތްގަނޑަކަށް ބައި ލައްކައެއްހާ ވޯޓެވެ.
މި ޕޯލް ކުރިއަށް ދާނީ އަންނަ ހޯމަ ދުވަހުގެ ރޭ 23:59 ގެ ނިޔަލަށެވެ.
ބާކީ ހަ ދުވަސް އޮތް މި ޕޯލްގެ މިހާތަނަށް ލިބުނު ނަތީޖާއިން އެންމެ ކުރީގައި އުޅުއްވަނީ އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދެވެ. ދެވަނައިގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އުޅުއްވާއިރު، ތިން ވަނައިގައި އުޅުއްވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހެވެ. މީގެ އިތުރުން ހަތަރު ވަނައިގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އުޅުއްވާއިރު، ފަސް ވަނައިގައި އުޅުއްވަނީ އަޚްމަދު ޝަމްހީދެވެ.
މި ޕޯލްގެ ހަ ވަނައިގައި އުޅުއްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ރިޔާސީ ރޭހަށް ނުކުމެވަޑައިނުގަންނަވާނެކަން އެ މަނިކުފާނު އިއުލާން ކުރައްވާފައިވީ ނަމަވެސް، އެމްޑީޕީގެ ތެރެއިން ބައެއް މީހުން ދަނީ އެ މަނިކުފާނު ރިޔާސީ ރޭހަށް ނުކުމެވަޑައިގަތުމަށް ބާރު އަޅަމުންނެވެ.
ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ ސަންގެ ވެބްސައިޓުގައި އެކަމަށް ޚާއްސަ ކޮށްފައިވާ ޕޯލް ސެކްޝަނުގައެވެ. ވޯޓުލުމަށް ފަހު، އެ މީހަކު ވޯޓުލީ ގޮތް ފޭސްބުކް އަދި އެކްސް ފަދަ ސޯޝަލް މީޑިއާގެ މަންސަތަކުގައި ހިއްސާކުރެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކަކީ އަބަދުވެސް ވާދަވެރިކަން ބޮޑު އިންތިހާބުތަކަކަށް ވާއިރު، ރިޔާސީ ޕްރައިމަރީއާ ދިމާކޮށް ޕާޓީގެ އިސް ސަފުގައި ވަނީ ފޯރިގަދަ ކެމްޕެއިނެއް ފެށިފައެވެ.