20 ބިލިއަނުގެ އިންވެސްޓްމެންޓާ ގުޅޭ ގޮތުން ނަޝީދު: "ހުރިހާ ފުރުސަތުތައް މާލެ ސަރަހައްދަށް ގެނައުމުން، ރަށްތައް ފަޅުވާނެ"

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު: އެމަނިކުފާނު ވިދާޅުވީ މާލެ ސަރަހައްދަށް ހުރިހާ އިގުތިޞާދީ އިންވެސްޓްމަންޓްތައް ގެނައުމަކީ ރަށްރަށް ފަޅުވުމުގެ ފުރުސަތު ބޮޑުވާނެ ކަމެއް ކަމަށް --- ސަން ފޮޓޯ: މުޙައްމަދު އިޙްސާން ޙުސައިން

މާލެ ސަރަހައްދަށް ހުރިހާ އިގުތިޞާދީ އިންވެސްޓްމަންޓްތައް ގެނައުމަކީ ރަށްރަށް ފަޅުވުމުގެ ފުރުސަތު ބޮޑުވާނެ ކަމެއް ކަމަށާއި އެއީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް، ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ އަބޫދާބީގެ ޑިވެލޮޕަރު އީގަލް ހިލްސްއިން ރަސްމާލޭގައި ކުރިއަށްގެންދާ 20 ބިލިއަން ޑޮލަރުގެ މަޝްރޫއާ މެދު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ދެފުށްފެންނަ ގޮތަށް ޓެންޑާކޮށްގެން އެކަން ނުހިނގާކަން ކަމަށެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ ރިސޯޓުތަކުން ފަތުރުވެރިންނަށް ދޭ ޚިދުމަތްތައް، މީހުން އުޅޭ ރަށްރަށުގައި ނުދެވޭ ކަމަށެވެ. އެހެންވެ، ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރުން ހިމެނޭހެން ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި ރިސޯޓުތަކާއި ޕްރީމިއަމް އަދި ބްރޭންޑެޑް ރެޒިޑެންސްތައް ފަދަ ތަންތަން ތަރައްގީކުރުމަށްފަހު އެ ތަނުގައި ރިސޯޓުތަކުގައި ދެވޭ ފަދަ ޚިދުމަތްތައް ދެވޭނެތޯ ނަޝީދު ވަނީ ސުވާލު އުފައްދަވައިފައެވެ.

އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލާއްބާރާއި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު -- ފޮޓޯ/ އީގަލް ހިލްސް

"އަޅުގަނޑަށް ފެންނަ ފެނުމުގައި މާލެ ސަރަހައްދުގައި މި އިންވެސްޓްމެންޓް ހިންގާކަން ވެސް އެއީ ކަންބޮޑުވުމެއް، އެނގިލައްވާނެ، މިހާރު ވެސް މި އަންނަނީ ރަށްރަށް ފަޅުވަމުން، އަނެއްކާ ވެސް މި ސަރަހައްދަށް ހުރިހާ އިގުތިޞާދީ ކުރިއެރުމެއް ނުވަތަ ފުރުސަތުތަކެއް ގެނައީމާ ރަށްރަށް ފަޅުވެގެންދާ މިންވަރު ހަމަ ބޮޑުވަމުން އިތުރުވަމުން ދާނީ،" އެމަނިކުފާނު ވިދާޅުވިއެވެ.

އެކަމަކު އުސޫލެއްގެ ގޮތުން ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓަކީ ރަނގަޅު ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށާއި، އެކަމުގެ ސަބަބުން ރާއްޖޭގެ ތަނަވަސްކަން އިތުރުވެ، ފައިދާތަކެއް ލިބޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

https://sun.mv/227817

ރަސްމާލޭގައި މެރީނާއެއް ތަރައްގީ ކުރުން ހިމެނޭހެން ތާރީޚީ ބޮޑު މަޝްރޫއެއް ހިންގުމަށް، އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ ހޯމަ ދުވަހެވެ. އެ މަޝްރޫއުގެ ދަށުން ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި ރިސޯޓުތަކާއި ޕްރީމިއަމް އަދި ބްރޭންޑެޑް ރެޒިޑެންސްތަކާއި ދުނިޔޭގެ ފެންވަރުގެ މެރީނާއަކާއި ވޯޓާފްރަންޓް ޕްރޮމެނާޑްތަކާއި، ރެސްޓޯރެންޓްތަކާއި ފިހާރަތަކާއި މުނިފޫހިފިލުވުމާއި ވެލްނެސް ސެންޓަރުތައް ތަރައްގީކުރަން ވަނީ އެއްބަސްވެފައެވެ.

މި މަޝްރޫއުގެ ދަށުން ރާއްޖެއަށް 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ލިބޭނެ ކަމަށް ބެލެވޭއިރު، އޭގެ ތެރޭގައި 18 ބިލިއަން ޑޮލަރުގެ ނެޓް އިންވެސްޓްމަންޓް ހިމެނެއެވެ.

މި މަޝްރޫއު ކުރިއަށް އޮތް ދެ މަހުގެ ތެރޭ ރަސްމީކޮށް އިފްތިތާހުކުރައްވާނެ ކަމަށް، ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވަނީ ހޯމަ ދުވަހުގެރޭ ވިދާޅުވެފައެވެ.

https://sun.mv/227852

ފާހަގަކުރެވޭ ގޮތުގައި ރާއްޖޭގެ ތާރީޚުގައި ހިންގޭ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫއު ކަމަށްވާ ރަސްމާލެ މަޝްރޫއުގެ ދަށުން 1،100 އަށް ވުރެ ގިނަ ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މާސްޓަޕްލޭންގައި 65،000 ހައުސިން ޔުނިޓް ގާއިމުކުރުމަށް ވަނީ ރޭވިފައެވެ. މިއީ މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރުމަށާއި، ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް ފުޅާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތެއް ކަމަށް ބުނެއެވެ.

އީގަލް ހިލްސްއިން މިހާރު ވެސް ދަނީ އަބޫދާބީގެ ލުލު އައިލެންޑާއި، އަލްބޭނިއާގެ 2.5 ބިލިއަން ޑޮލަރުގެ މެރީނާ މަޝްރޫއު އަދި ޝާރުޖާގެ 1.2 ބިލިއަން ޑޮލަރުގެ މަޝްރޫއު ފަދަ ބައިނަލްއަގުވާމީ ފެންވަރުގެ ބޮޑެތި ވޯޓާފްރަންޓް މަޝްރޫއުތައް ތަރައްގީކުރަމުންނެވެ.

comment ކޮމެންޓް