ކ. ގުޅިއަށް ނިސްބަތްވާ ދޯންޏަކުން ހޮވީ މާވަހަރެއްކަން އަދި ޔަގީންނުވާ ކަމަށް އެ ދޯނީގެ މީހަކު މިއަދު ބުނެފިއެވެ.
ހަލިފާ ދޯނިން މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވީ، މިދިޔަ ހަފުތާގެ އާދިއްތަ ދުވެހެވެ. އެ ދުވަހު މާވަހަރެއް ކަމަށް ލަފާކުރެވޭ އެތި ފެނުނީ، މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް އއ. ތޮއްޑުއާ ދިމާ 30 މޭލު ބޭރުންނެވެ.
ދިހަވަރަކަށް ކިލޯގެ އެ މާވަހަރަކީ، ހުދަންބަރެއް ކަމަށް ލަފާކޮށް، އެ ދޯނިން ވަނީ މާވަހަރެއްތޯ ޔަގީންކުރުމުގެ މަސައްކަތް ފަށާފައެވެ.
ނަން ހާމަނުކުރަން ޝަރުތުކޮށް، ހަލިފާ ދޯނިން 'ސަން'އަށް މައުލޫމާތު ދިން މީހަކު މިއަދު ބުނީ، އެއީ މާވަހަރެއްކަން އަދިވެސް ޔަގީންނުވާ ކަމަށާއި ޓެސްޓުތައް ހެދުމަށް ސާމްޕަލް ނަގާފައިވާ ކަމަށެވެ.
ހަލިފާ ދޯނިން ނިންމާފައި ވަނީ، އެއީ މާވަހަރެއްކަން ޔަގީންވުމުން ވިއްކާލާށެވެ. އެ ކަމާ ގުޅިގެން ސުވާލުކުރުމުން ބުނީ، ހުދަންބަރު ވިއްކާ އަގެއް ވެސް ނޭނގޭ ކަމަށާއި މާވަހަރެއްކަން ޔަގީންވެއްޖެނަމަ، ވިއްކާނީ އެއަށް ލިބޭ އެންމެ ބޮޑު އަގަކަށް ކަމަށެވެ.
ދޭތެރެ ދޭތެރެއިން ރާއްޖޭގެ އެކި ރަށްރަށަށް މާވަހަރު ލައްގައިފައި ހުއްޓައި މީހުންނަށް ފެނި އެ ހޮވައިފައި އެބަހުއްޓެވެ. ހުދަންބަރަކީ މާވަހަރުގެ ބާވަތްތަކުގެ ތެރެއިން އެންމެ އަގުބޮޑުކޮށް ވިކޭ އެއް ބާވަތެވެ.