ސިންގަޕޫރުގެ އާންމު ބަސްތަކުގައި ދަތުރުކުރާއިރު ގޮނޑިތަކަށް ފައި އެރުވުމާއި، އަޑުގަދަކޮށް މިއުޒިކާއި އޯޑިއޯ ޖެހުމުގެ އިތުރުން ކެއިންބުއިމާއި ކުނިއެޅުން ފަދަ ކަންކަން ކުރާ ފަރާތްތައް 500 ސިންގަޕޫރު ޑޮލަރު ނުވަތަ ގާތްގަނޑަކަށް 391 އެމެރިކާ ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް އާ ގަވައިދެއް ތަންފީޒުކުރަން ފަށައިފިއެވެ.
ބީބީސީގައިވާ ގޮތުގައި، މިދިޔަ ހޯމަ ދުވަހު އިއުލާނުކުރި މި އާ ގަވައިދުގެ ދަށުން، މިއަށްވުރެ ބޮޑެތި ކުށްތައް—އެގޮތުން ބަސް ޓާމިނަލްތަކުގައި އެހެން ދަތުރުވެރިންނަށް ދަތިވާގޮތަށް ނުރައްކާވާ ފަދަ އަމަލުތައް ކުރުމާއި، ބަސް ނުވަތަ ޓާމިނަލްގެ ތަންތަން މުޑުދާރުކޮށް ހަޑިކުރުން ފަދަ އަމަލުތަކަށް 5،000 ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ.
ސިންގަޕޫރުގެ ލޭންޑް ޓްރާންސްޕޯޓް އޮތޯރިޓީ (އެލްޓީއޭ) އިން ބުނެފައިވަނީ، މި ފިޔަވަޅުތަކުގެ މައިގަނޑު ބޭނުމަކީ އެންމެހައި ރައްޔިތުންނަށް ރައްކާތެރި، އެކަކު އަނެކަކަށް އިޙްތިރާމްކުރާ އަދި ހިތްފަސޭހަ އާންމު ދަތުރުފަތުރުގެ މާހައުލެއް ގާއިމުކުރުން ކަމަށެވެ. އަދި އާންމު ދަތުރުފަތުރަކީ އެންމެން ބޭނުންކުރާ ޚިދުމަތަކަށްވުމުން، ހިތްހަމަޖެހޭ މާހައުލެއް ދެމެހެއްޓުމުގައި ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއް އޮންނާނެ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.
މި އާ އުސޫލުތަކަކީ ސިންގަޕޫރުގެ ރޭލް (އެމްއާރްޓީ) ނިޒާމުގައި ކުރިންސުރެ އަމަލުކުރަމުން އަންނަ ގަވައިދުތަކާ އެއްގޮތަށް އެކުލަވާލެވިފައިވާ އުސޫލުތަކެކެވެ. މީގެ ކުރިން ބަސްތަކުގައި މިފަދަ ކަންކަން ހުއްޓުވުމަކީ ޑްރައިވަރުންގެ އިޚްތިޔާރުގައި އޮންނަ ކަމަކަށް ވިޔަސް، މިހާރު މިއީ ގާނޫނީ ގޮތުން ފިޔަވަޅު އެޅޭނެ ކުށްތަކެކެވެ. ގަވައިދު ތަންފީޒުކުރުމުގެ ބާރު ޓިކެޓް އިންސްޕެކްޓަރުންނާއި ޓާމިނަލް ސްޓާފުންނަށް ދީފައިވާއިރު، ބަސް ދުއްވާ ފަރާތްތަކަށް މި ބާރު ދީފައެއް ނުވެއެވެ. އެއީ ދަތުރުގެ ރައްކާތެރިކަމަށް އެމީހުން އިސްކަންދިނުމުގެ ގޮތުންނެވެ. ނަމަވެސް، ނޭދެވޭ ޢަމަލުތައް ހުއްޓުވުމަށް އެންގުމާއި ބަހުން ބޭލުމުގެ އިތުރުން ފުލުހުންގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު ޑްރައިވަރުންނަށް އޮންނާނެއެވެ.