އޭޝިއަން ގޭމްސް: ސިންގަލްސްގައި ރަފާއަށް މޮޅެއް، މިކްސް ޑަބަލްސްގައި ގަދަ 16 އަށް

އޭޝިއަން ގޭމްސް 2026 ގެ ސިންގަލްސް އިވެންޓުގައި ރާއްޖޭގެ ރަފާ-- ފޮޓޯ: އެމްއޯސީ

ޖަޕާނުގެ އައިޗީ-ނަގޯޔާގައި މިހާރު ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި ރާއްޖޭގެ އަންހެން ޓޭބަލް ޓެނިސް ތަރި އައިޝަތު ރަފާ ނާޒިމް ސިންގަލްސް ފުރަތަމަ މެޗުން މޮޅުވެއްޖެއެވެ.

އަންހެން ސިންގަލްސް ކެޓެގަރީން ރަފާގެ ފުރަތަމަ މެޗުގައި މިއަދު ވާދަކުރީ ބަންގްލަދޭޝްގެ ނޮވްރިން މާހީއާއެވެ. މި މެޗު ރަފާ ކާމިޔާބުކުރީ 4-2 އިންނެވެ. ސެޓުތައް ރަފާ ގެންދިޔައީ 9-11، 12-10، 7-11، 11-6، 11-5 އަދި 11-9 އިންނެވެ.

މީގެ އިތުރުން ސިންގަލްސް ކެޓެގަރީން ރާއްޖޭގެ ޓީޓީ ތަރި ފާތިމަތު ދީމާ ޢަލީގެ މައްޗަށް އުތުރު ކޮރެއާގެ ކުމް ޔޮންގް ކިމް ވަނީ މިއަދު ކުރިހޯދާފައެވެ. ނަގޯޔާގެ ސްކައި ހޯލް ޓޮޔޯޓާގައި ކުޅުނު މި މެޗު ކުމް ކާމިޔާބުކުރީ ސީދާ ހަތަރު ސެޓުންނެވެ.

އޭޝިއަން ގޭމްސް 2026 ގެ މިކްސް ޑަބަލްސް އިވެންޓުގައި ރާއްޖޭގެ ޝައްފާން އާއި ދީމާ-- ފޮޓޯ: އެމްއޯސީ

މި މުބާރާތުގެ މިކްސް ޑަބަލްސްގައި މިއަދު ރާއްޖެއިން ދެ މެޗެއް ކުޅުނުއިރު، ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު އިންޑިއާއިން ވަނީ ކުރި ހޯދާފައެވެ. މި މެޗުގައި ދިވެހި ޓީމުގެ ޝައްފާން އާއި ދީމާގެ ޕެއާ ވާދަކުރީ އިންޑިއާގެ ހަރުމީތު ދެސާއީ އާއި ޔަޝަސްވިނީ ގޮރްޕަޑޭގެ ޕެއާއާއެވެ.

މެޗުގެ ފުރަތަމަ ސެޓު ޝައްފާން އާއި ދީމާ ކާމިޔާބުކުރީ 11-9 އިންނެވެ. ނަމަވެސް ދެވަނަ ސެޓާއި ތިންވަނަ ސެޓު އިންޑިއާގެ ޕެއާ ކާމިޔާބުކުރީ 6-11 އަދި 7-11 އިންނެވެ. ހަތަރުވަނަ ސެޓު ޝައްފާން އާއި ދީމާ 11-9 އިން ކާމިޔާބުކުރުމާއެކު، ނަތީޖާނެރުމަށް ކުޅުނު ފަހު ސެޓު ވާދަވެރި ކުޅުމަކަށްފަހު އިންޑިއާގެ ޕެއާ ކާމިޔާބުކުރީ 6-11 އިންނެވެ.

މި މެޗުގައި ކުޅުނު އިންޑިއާގެ ކުޅުންތެރިޔާ ޔަޝަސްވިނީ އަކީ މި އަހަރުގެ ކޮމަންވެލްތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ އަންހެން ސިންގަލްސްއިން ރަން މެޑެލް ހޯދި ކުޅުންތެރިޔާއެވެ.


އޭޝިއަން ގޭމްސް 2026 ގެ މިކްސް ޑަބަލްސް އިވެންޓުގައި ރާއްޖޭގެ ރަފާއާއި މުންސިފް-- ފޮޓޯ: އެމްއޯސީ

މީގެ އިތުރުން މިކްސް ޑަބްލަސްގައި ކުޅުނު ދެވަނަ މެޗުން ރާއްޖެ ވަނީ މޮންގޯލިއާ އަތުން ފަހަތުން އަރައި މޮޅުވެފައެވެ. މި މެޗުގައި ދިވެހި ޓީމުގެ މުންސިފް އާއި ރަފާގެ ޕެއާ ވާދަކުރީ މޮންގޯލިއާގެ ބިލްގޫން އަންކްބަޔަރ އާއި އަންކްމާ ސެރް-އޮޑުގެ ޕެއާއާއެވެ.

މެޗުގެ ފުރަތަމަ ދެ ސެޓު މޮންގޯލިއާއިން ކާމިޔާބުކުރީ 7-11 އަދި 5-11 އިންނެވެ. ފަހު ތިން ސެޓުގައި މޮޅު ކުޅުމެއް ދައްކައި މުންސިފާއި ރަފާ ތިން ސެޓުވެސް ކާމިޔާބުކުރީ 11-9 އިންނެވެ.

މި މޮޅާއެކު މުންސިފް އާއި ރަފާގެ ޕެއާ ގަދަ 16 އަށް ދަތުރުކުރިއިރު، މިއީ ރާއްޖޭގެ މިކްސް ޑަބަލްސް ޕެއާއެއް އޭޝިއަން ގޭމްސްގެ ގަދަ 16 އަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

އެކަމަކު ގަދަ 16 މެޗުގައި ރާއްޖޭގެ ޕެއާ ވަނީ އިންޑިއާގެ މަނުޝް ޝާހު އާއި ދިޔާ ޗިތަލޭގެ ޕެއާ އަތުން ސީދާ ތިން ސެޓުން ބަލިވެފައެވެ. މި މެޗުގެ ސެޓުތައް ދިޔައީ 11-0، 11-7 އަދި 11-6 އިންނެވެ.


އޭޝިއަން ގޭމްސް 2026 ގެ މިކްސް ޑަބަލްސް އިވެންޓުގައި ރާއްޖޭގެ ރަފާއާއި މުންސިފް-- ފޮޓޯ: އެމްއޯސީ

މި މުބާރާތުގައި މިއަދު ރާއްޖޭގެ ފިރިހެން ޓީމުގެ ޑަބްލަސް ފުރަތަމަ މެޗުން ވަނީ އީރާން އަތުން ބަލިވެފައެވެ. މި މެޗުގައި ދިވެހި ޓީމުގެ މުޙައްމަދު ޝައްފާން އިސްމާޢީލް އާއި މޫސާ މުންސިފް އަޙްމަދުގެ ޕެއާ ވާދަކުރީ އީރާނުގެ ބެންޔާމީން ފަރަޖީ އާއި އަރްޔަން ޣައްފާރީގެ ޕެއާއާއެވެ

މެޗުގެ ފުރަތަމަ ސެޓު އީރާނުގެ ޕެއާއިން ކާމިޔާބުކުރީ 5-11 އިންނެވެ. ދެވަނަ ސެޓު މުންސިފް އާއިި ޝައްފާން ހޯދީ 11-8 އިންނެވެ. ތިންވަނަ ސެޓުވެސް އީރާނުގެ ޕެއާއިން ކާމިޔާބުކުރީ 5-11 އިންނެވެ. އެކަމަކު މުންސިފް އާއި ޝައްފާން ވަނީ ހަތަރުވަނަ ސެޓު 11-8 އިން ކާމިޔާބުކޮށްފައެވެ. އެއާއެކު ނަތީޖާ ނެރުމަށް ކުޅުނު ފަހު ސެޓުވެސް ވަރަށް ވާދަވެރި ކުޅުމަކަށްފަހު އީރާނުންގެ ޕެއާއިން ކާމިޔާބުކުރީ 8-11 އިންނެވެ.

މި ގޭމްސްގައި މާދަމާ ދިވެހިރާއްޖޭގެ ޓީޓީ ޓީމު ވާދަކުރާނީ އަންހެން ޑަބަލްސް އަދި ފިރިހެން ސިންގަލްސް މެޗުތަކުގައެވެ.

comment ކޮމެންޓް