ކަނޑުގެ ލޮނުގަނޑު އުފުލުމާ ދެކޮޅަށް މަސައްކަތް ކުރުމުގައި ވިލުންތެރިކަން އިތުރުކޮށް މާލީ އެހީ ފުޅާކުރުމަށް އދ.ގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އިއްޔެ ގޮވާލައްވައިފިއެވެ.
އދ. ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގައި ބޭއްވި "ހައި-ލެވެލް ޕްލެނަރީ މީޓިން އޮން އެޑްރެސިން ދަ އެގްޒިސްޓެންޝަލް ތުރެޓްސް ޕޯޒްޑް ބައި ސީ ލެވެލް ރައިޒް" ގައި ނައިބު ރައީސް ވިދާޅުވީ، ކަނޑުގެ ލޮނުގަނޑު ހޫނުވުމަކީ ރާއްޖެއަށް ދިމާވެފައިވާ ނުރައްކާ ބޮޑު ކުއްލި މައްސަލައެއް ކަމަށެވެ.
އެ މައްސަލައިގެ ސަބަބުން، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ (ސިޑްސް) ބިނާރަށާއި ރައްޔިތުންގެ ދިރިއުޅުމަށާއި އިގުތިސާދީ ދާއިރާތަކުގެ އިތުރުން، ފުޅާ ދާއިރާއެއްގައި ތަރައްޤީއަށް ހުރަސްއެޅެމުންދާ ކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
އެއަށްފަހު، މައިގަނޑު ތިން ދާއިރާއަކުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ނައިބު ރައީސްގެ ވާހަކަފުޅުގައި ގޮވާލެއްވިއެވެ.
ފުރަތަމަ އިސްކަންދޭންޖެހޭ ކަމެއްގެ ގޮތުގައި އެ މަނިކުފާނު ފާހަގަކުރެއްވީ، މޫސުމީ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ ފައިސާގެ ބޮޑު މިންވަރެއް ހަމަޖައްސައިދިނުމަށެވެ. އަދި، ކުދި ޖަޒީރާ ޤައުމުތަކަށް ލިބޭ އެހީތެރިކަމަކީ ދުރާލާ ލަފާކުރެވޭ، އަދި ލުއި ޝަރުތުތަކާއެކު ދެވޭ މާލީ އެހީތެރިކަމަކަށް ވާން ޖެހޭނެ ކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ނުރައްކާތައް ކުޑަކުރުމަށްޓަކައި އެހީގެ ފައިސާ އެކަށީގެންވާ އަވަސްމިނެއްގައި ލިބެންޖެހޭ ކަމަށާއި ބައިނަލްއަޤްވާމީ މުޖުތަމަޢަށް މިންނުކުރެވޭ ކަމަކަށް ޙައްލެއް ނުހޯދޭތީ ކަނޑުގެ ލޮނުގަނޑު އުފުލޭ މިންވަރު މޮނިޓާކޮށް ބަލާނެ ޚާއްޞަ ނިޒާމެއް ޤާއިމުކުރުމުގެ މުހިންމުކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
އދގެ ހަވާސާއި ބޭއްވި ބައްދަލުވުމުގައި ނައިބު ރައީސް ހިމެނިވަޑައިގަންނަވާހެން ރާއްޖެ ތަމްސީލުކުރަނީ --- ފޮޓޯ/ އިރުތިޝާމްޤާނޫނީ ރައްކާތެރިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، އެ މަނިކުފާނު ވަނީ، ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ތެރެއިން މިކަންކަމަށް ޔަޤީންކަން ލިބިދޭންޖެހޭ ކަމަށް ވިދާޅުވިއެވެ.
ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން، ޤާނޫނީ ގޮތުން ކަނޑައަޅާފައިވާ ބޭސްލައިންތަކާއި ކަނޑުގެ ސަރަޙައްދުތަކާއި ނުވަތަ ދައުލަތްތަކަށް ލިބިދޭ ޙައްޤުތަކަށް އުނިކަން އަތުވެގެން ނުވާނެ ކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ބަޔާން ނިންމަވާލައްވަމުން ނައިބު ރައީސް ވަނީ، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަކީ މެދުކެނޑުމެއްނެތި ދުނިޔޭގެ ސަމާލުކަން އެކަމަކަށް ބޭނުންވާ ކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި، ޤައުމުތަކުން ވެފައިވާ ވަޢުދުތައް ޢަމަލުތަކުން ދައްކައި، މުސްތަޤްބަލް ރައްކާތެރިކުރުމަށް މަސައްކަތްކުރުމަށް ދުނިޔޭގެ ލީޑަރުންނަށް އެ މަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.