ސޭމް އަލްޓްމަން އިސްކޮށް ހުންނަވާ އޭއައި ކުންފުނި އޯޕަންއޭއައި އިން ސައިބާ ސެކިއުރިޓީއަށް ޚާއްޞަކޮށްގެން "ޖީޕީޓީ-6 ސައިބާ"ގެ ނަމުގައި އޭއައި މޮޑެލެއް ނެރުމަށް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މައުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ ފޯޗޫން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މޮޑެލް ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ޕްރިވިއުއެއްގެ ގޮތުގައި އާންމުންނަށް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.
ޖީޕީޓީ-6 ސައިބާ މޮޑެލްއާއެކު ކަސްޓަމަރުންނަށް އިތުރު ރައްކާތެރިކަމާއެކު އެ މޮޑެލް ބޭނުންކުރެވޭނެ އައު "ޕްރޮޑަކްޓެއް" ވެސް ނެރުމަށް އޯޕަންއޭއައި އިން ރާވަމުންދެއެވެ. ނަން އަދި ހާމަކޮށްފައިނުވާ މި ޕްރޮޑަކްޓަކީ ހާޑްވެއާ އެއްޗެއް ކަމެއް ނުވަތަ ޑިޖިޓަލް ޚިދުމަތެއް ކަމެއް އަދި ސާފު ނުވިނަމަވެސް، މީގެ މައިގަނޑު ބޭނުމަކީ ޖީޕީޓީ-6 ސައިބާ މޮޑެލް ސިސްޓަމްތަކަށް ގުޅާލައިގެން މަސައްކަތްތައް އޮޓޮމޭޓްކުރުމަށް މަގުފަހިކޮށްދިނުމެވެ.
މި މޮޑެލް މިހާރު އޮތީ އަލްފާ ޓެސްޓިން މަރުޙަލާގައެވެ. އަދި މި މޮޑެލް ތަޖުރިބާކުރުމުގެ ފުރުޞަތު ދީފައިވަނީ އޯޕަންއޭއައިގެ "ޑޭބްރޭކް ރެޑް" ޕްރޮގްރާމްގެ ދަށުން އެޕްލިކޭޝަން ހުށަހަޅައިގެން ހޮވާލެވުނު މަދު އަދަދެއްގެ ބަޔަކަށެވެ. މި ޕްރޮގްރާމްގައި "ބްލޫ" އަދި "ރެޑް" ޓިއާ ހިމެނޭއިރު، ބްލޫ ޓިއާ އިން އާންމު އެކްސެސް ލިބޭއިރު، ރެޑް ޓިއާ އިން ލިބެނީ އެ ކުންފުނީގެ އެންމެ ކުރިއަރާފައިވާ ސައިބާ ސެކިއުރިޓީ އުފެއްދުންތައް ބޭނުންކުރުމުގެ ފުރުޞަތެވެ.
ޖީޕީޓީ-6 ސައިބާ މޮޑެލްއަކީ ސައިބާ ސެކިއުރިޓީގެ ނުރައްކާތައް ނުވަތަ ސިސްޓަމްތަކުގައި ހުންނަ ނާޒުކު މައްސަލަތައް އަމިއްލައަށް ދެނެގަނެ، އެކަންކަން އޮޓޮމެޓިކުން ރަނގަޅުކުރުމުގެ ގާބިލުކަން ލިބިގެންވާ މޮޑެލެކެވެ. މީގެ އިތުރުން، ނުބައި ނިޔަތުގައި އޭއައި ވަސީލަތްތައް ބޭނުންކޮށްގެން ސެކިއުރިޓީ ހީނަރުކުރަން އުޅޭ ފަރާތްތަކުގެ ޙަރަކާތްތައް ހުއްޓުވުމަށާއި، އޯޕަންއޭއައިގެ މޮޑެލްތައް ބޭނުންކުރެވޭ ގޮތް ސުޕަވައިޒްކޮށް މޮނިޓާކުރުމަށް ވެސް މި މޮޑެލް އެހީތެރިވެދޭނެއެވެ.
މި މޮޑެލްގެ ވާހަކަތައް ތިލަވެފައި މިވަނީ އޯޕަންއޭއައި އިން ޖީޕީޓީ-6 ސީރީޒްގެ އިތުރު މޮޑެލްތަކެއް ނެރެމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން، މި ހަފުތާގެ ބުދަ ދުވަހު "ޖީޕީޓީ-6 ސޯލް" އަދި "ޖީޕީޓީ-6 ލޫނާ" ނެރެފައިވާއިރު، މި މަހުގެ ކުރީކޮޅު ވަނީ "ޖީޕީޓީ-6 އެސްޓްރާ" ވެސް ނެރެފައެވެ. އަދި ޚާއްޞަ ދާއިރާތަކަށް އަމާޒުކޮށްގެން ގާނޫނީ ދާއިރާއަށް "އެސްޓްރާ ފޯ ލޯ" އަދި މާލީ ދާއިރާއަށް "ޗެޓްޖީޕީޓީ ފޯ ފައިނޭންޝަލް ސާވިސަސް" ވެސް ވަނީ ތަޢާރަފުކޮށްފައެވެ. ޖީޕީޓީ-6 ސީރީޒްގެ މޮޑެލްތަކަކީ ކުރީގެ މޮޑެލްތަކަށްވުރެ ޚަރަދު ކުޑަ އަދި ހިންގުން އަވަސް މޮޑެލްތަކެކެވެ.
ސައިބާ ސެކިއުރިޓީ މޮޑެލެއް ނެރުމަށް އޯޕަންއޭއައި އިން މަސައްކަތް ކުރަމުން މިދަނީ އެ ކުންފުންޏާ ގުޅުންހުރި ސެކިއުރިޓީގެ ދެ ހާދިސާއެއް ދާދިފަހުން ފެންމަތިވެފައިވަނިކޮށެވެ. އޭގެ ތެރެއިން އެއް ހާދިސާއަކީ އޯޕަންއޭއައިގެ އެތެރޭގެ އޭއައި މޮޑެލެއް، ސޭންޑްބޮކްސް އެންވާރަންމަންޓުން ބޭރުވެ، އަމިއްލައަށް އިންޓަނެޓަށް އެކްސެސްވެ "ހަގިން ފޭސް" ނަމަކަށް ކިޔާ އޭއައި ކުންފުންޏަކަށް ޙަމަލާދިން ހާދިސާއެވެ.
ދެވަނަ ހާދިސާއަކީ އެތިކަލް ހެކަރުންގެ ގުރޫޕަކުން އޯޕަންއޭއައިގެ ސިސްޓަމްގައި ހުރި ނާޒުކު ދެ މައްސަލައެއްގެ ފައިދާ ނަގައި، އެ ކުންފުނީގެ އެތެރޭގެ ރިޕޮސިޓަރީތަކާއި ކަނެކްޓަރުތަކަށް ވަދެފައިވާ ހާދިސާއެވެ. ނަމަވެސް ފަހުން އޯޕަންއޭއައި އިން ވަނީ އެ މައްސަލަތައް ހައްލުކޮށް ސެކިއުރިޓީ ވަރުގަދަކޮށްފައެވެ.