އެމެރިކާގައި ނައްތާލައިފައިވާ ހިމަބިހީގެ ކޭސްތައް ނިއުޔޯކް ސްޓޭޓުގައި އިތުރުވެ، ނުރައްކާ ހާލަތަކަށް

ހިމަބިހިން ރައްކާތެރިވުމަށް ޖަހާ ވެކްސިން -- ފޮޓޯ/ އޭޕީ

އެމެރިކާގެ ނިއުޔޯކް ސްޓޭޓުގައި ހިމަބިހި ފެތުރެމުންދާތީ، އެ ސްޓޭޓުގެ ގަވަރުނަރު ކެތީ ހޯޗުލް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވައިފިއެވެ.

މިއީ އެމެރިކާގައި މީގެ ކުރިން ނައްތާލައިފައިވާ މި ބަލި، މިދިޔަ އަހަރުން ފެށިގެން އަނެއްކާވެސް ހަލުވިކަމާއެކު ފެތުރެން ފެށުމާ ގުޅިގެން ނިއުޔޯކުން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރެވެ.

ގަވަރުނަރު ނެރުއްވި އަމުރުގެ ދަށުން، މީސްލްސް، މަމްޕްސް އަދި ރުބެއްލާ (އެމްއެމްއާރު) ވެކްސިން ދިނުމުގެ ހުއްދަ އޮންނަ ސިއްހީ ޚިދުމަތްތެރިންގެ ދާއިރާ ވަނީ ވަގުތީ ގޮތުން ފުޅާކޮށްފައެވެ. މީގެ ތެރޭގައި ޕެރަމެޑިކުންނާއި، މިޑްވައިފުންނާއި ފާމަސިސްޓުންނަށް ވެކްސިން ދިނުމުގެ ހުއްދަ ދީފައިވާއިރު، ޓެސްޓުކުރުމަށް އެންގުމުގެ ބާރު ނަރުހުންނަށް ވަނީ ދީފައެވެ.

ކެތީ ހޯޗުލް ވިދާޅުވި ގޮތުގައި، ވެކްސިން ދީގެން ރައްކާތެރިކުރެވޭނެ ބައްޔެއްގައި އެއްވެސް މީހަކު ބޮޑުތަކުލީފެއް ތަހައްމަލުކޮށް، ނުވަތަ ފުރާނަ ގެއްލިގެން ނުވާނެއެވެ.

މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް ނިއުޔޯކް ސްޓޭޓުން 108 މީހަކަށް ހިމަބިހި ޖެހިފައިވާއިރު، އޭގެ ތެރެއިން ހަތް މީހުންނަކީ ނިއުޔޯކް ސިޓީގެ މީހުންނެވެ. އަދި ޖުލައި 15 އިން ފެށިގެން ރިޕޯޓުކޮށްފައިވާ 92 ކޭސް ފެނިފައިވަނީ ވެކްސިން ޖަހާފައިވާ ނިސްބަތް ދަށް، 18 ކައުންޓީއަކުން ކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކައެވެ. މި ކުއްލި ނުރައްކަލުގެ ހާލަތު ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ދެމިއޮންނާނެއެވެ.

ނިއުޔޯކްގެ އިތުރުން، އެ ސްޓޭޓާ ކައިރީ އޮންނަ ޕެންސިލްވޭނިއާއިން ވެސް ވަނީ މި އަހަރުގެ ތެރޭގައި ހިމަބިހި ޖެހުނު މީހުންގެ އަދަދު 1،000 އަށް ވުރެ މައްޗަށް ގޮސްފައިވާކަން ހާމަކޮށްފައެވެ. ޕެންސިލްވޭނިއާގެ ހެލްތު ޑިޕާޓްމަންޓުން ބުނި ގޮތުގައި، އެ ސްޓޭޓުން 1،004 މީހަކަށް ބަލިޖެހި، 198 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދީފައިވާއިރު، ފަސް މީހަކު ވަނީ މަރުވެފައެވެ. މިއީ ވޭތުވެދިޔަ ތިރީސް އަހަރުގެ ތެރޭގައި އެމެރިކާގެ ސްޓޭޓެއްގައި މި ބަލި މިހާ ފުޅާދާއިރާއެއްގައި ފެތުރުނު ފުރަތަމަ ފަހަރެވެ.

މީގެ ކުރިން އެމެރިކާގައި 1،000އަށް ވުރެ ގިނަ މީހުންނަށް ބަލިޖެހިގެން ރިޕޯޓުކޮށްފައިވަނީ 1990ގެ އަހަރުތަކުގެ ކުރީކޮޅު ނިއުޔޯކް ސިޓީގައެވެ. މީގެ އިތުރުން ޓެކްސަސް، ޔޫޓާ، އޮހާޔޯ އަދި ސައުތު ކެރޮލައިނާގައި ވެސް ހިމަބިހި ފެތުރެމުންދާ ކަމަށް ސެންޓަސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ރިޕޯޓުކޮށްފައިވެއެވެ.

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކުޑަކުދިންނަށް ވެކްސިން ދޭންޖެހޭ ނިސްބަތް ކަމަށްވާ 95 އިންސައްތައަށް ވުރެ ދަށަށް ވެކްސިން ޖަހާ މިންވަރު ދަށްވުމަކީ ބަލި އަލުން ފެތުރެން މެދުވެރިވި މައިގަނޑު ސަބަބެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، ވެކްސިން ޖެހުމާ ދެކޮޅަށް ހިންގާ ހަރަކާތްތަކަށް އާންމުންގެ ތެރޭގައި ތަރުހީބު ބޮޑުވުމަކީ ވެކްސިން ޖަހާ ނިސްބަތް ދަށްވުމަށް މަގުފަހިވި ކަމެކެވެ. އަދި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ހެލްތު އެންޑް ހިއުމަން ސާވިސަސް ސެކްރެޓަރީ ރޮބަޓް އެފް ކެނެޑީ ޖޫނިއާ ފަދަ ބޭފުޅުންގެ ފަރާތުން މި ހަރަކާތްތަކަށް ހިތްވަރު ލިބިފައިވާ ކަމަށް އެ ފަރާތްތަކުން ތުހުމަތުކުރެއެވެ.

އެމެރިކާގެ އާބާދީގައި ހިމަބިހި ފެތުރުން ހުއްޓުވިފައިވާ ކަމަށް 2000 ވަނަ އަހަރު ވަނީ ކަނޑައަޅާފައެވެ. ނަމަވެސް، މިހާރު ފެތުރެމުންދާ ބަލިމަޑުކަމާ ގުޅިގެން، އެމެރިކާއާއި މެކްސިކޯއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމުތަކެއްގެ ގޮތުގައި ދަމަހައްޓާނެތޯ ނުވަތަ އެ ދަރަޖަ ބަދަލުކުރާނެތޯ ނިންމުމަށް ޕޭން އެމެރިކަން ހެލްތު އޯގަނައިޒޭޝަން (ޕާހޯ) އިން ނޮވެމްބަރު މަހު ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޕާހޯއިން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާ ބައްރުގެ ގައުމުތަކުން ހިމަބިހި ނައްތާލުމަށްޓަކައި ވެކްސިން ދޭ ނިސްބަތް މަތީގައި ހިފެހެއްޓުމާއި، ބަލި ފެތުރޭ މިންވަރު ގާތުން މޮނިޓާކުރުމުގެ އިތުރުން، ބަލި ފެންނަ ހާލަތްތަކުގައި އަވަހަށް ފިޔަވަޅު އެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަންކަން ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް