އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު އޮންނަ ދުވަސް ގާތްވެފައިވާއިރު، އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އޮތް ތާއީދު ރެކޯޑު އަދަދަކަށް ދަށްވެފައިވާ ކަމަށް ޚިޔާލު ހޯދުމުގެ ޕޯލްތަކުން ދައްކައިފިއެވެ.
އެމެރިކާގެ ރިޔާސީ ދައުރުގެ މެދުތެރެއިން ބާއްވާ ކޮންގްރެސް އިންތިޚާބު އަބަދުވެސް ސިފަކުރަނީ، އެއިރަކު ހުންނަވާ ރައީސަކަށް އޮތް ތާއީދު ދައްކުވައިދޭ އިންތިޚާބެއްގެ ގޮތުގައެވެ. މިހާރު ގާނޫނު ހަދާ މަޖިލީހުގެ މަތީގެއާއި ތިރީގޭގައި ވެސް އަޣުލަބިއްޔަތު އޮތީ ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީއަށް ކަމުން، އެ އިންތިޚާބަށް ވާދަވެރިކަން އޮތީ ވަރަށް ބޮޑުވެފައެވެ.
އެ އިންތިޚާބުގެ ކެމްޕޭންތައް ކުރިއަށްދަނިކޮށް، ރޮއިޓާސް އަދި އިޕްސޯސް އިން ނެރުނު ޕޯލްގެ ނަތީޖާ ދައްކާ ގޮތުން، ޓްރަމްޕްގެ މަގުބޫލުކަން މިހާރު ހުރީ 32 ޕަސެންޓުގައެވެ. މިއީ ޓްރަމްޕްގެ ދެ ރިޔާސީ ދައުރުގައި ވެސް މި ނިސްބަތް އެންމެ ބޮޑަށް ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.
އެންބީސީ ނިއުސް އަދި ޓެލެމުންޑޯއިން އާދީއްތަ ދުވަހު އާންމުކުރި ޕޯލްގެ ނަތީޖާއިން ދައްކާ ގޮތުގައި، އެމެރިކާގެ ލެޓީނޯ ވޯޓަރުންގެ ތެރެއިން 59 ޕަސެންޓު މީހުން މިހާރު ބޭނުންވަނީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ ކޮންގްރެސްއެކެވެ. މިއީ މީގެ ދެ އަހަރު ކުރިން އެ ޕާޓީއަށް ތާއީދުކުރި މީހުންގެ އަދަދާ އަޅައި ބަލާއިރު ދެގުނަ އިތުރު އަދަދެކެވެ.
މީގެ އިތުރުން، އެ ޕޯލްއިން ދައްކާ ގޮތުގައި ޓްރަމްޕްގެ މަސައްކަތްތަކާ މެދު ހިތްހަމަޖެހެނީ ހިސްޕެނިކް ދަރިކޮޅުގެ އެމެރިކާ މީހުންގެ ތެރެއިން އެންމެ 24 ޕަސެންޓު މީހުންނެވެ. ދެހާސް ސައުވީސް ވަނަ އަހަރުގެ އިންތިޚާބުގައި ހިސްޕެނިކް ވޯޓަރުންގެ ބޮޑު ތާއީދެއް ޓްރަމްޕް ހޯއްދެވި ނަމަވެސް، ކޮންގްރެސްގެ ދެ ގެ ކަމަށްވާ ސެނެޓާއި ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ކޮންޓްރޯލް ކަނޑައަޅާ މިޑްޓާމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް، މި ނަތީޖާތަކަކީ ރިޕަބްލިކަން ޕާޓީއަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.
މި ނަތީޖާތަކާ ގުޅިގެން ނޫސްވެރިން ކުރި ސުވާލުތަކަށް ޓްރަމްޕް ވަނީ ފާޑުވިދާޅުވެފައެވެ. ހޯމަ ދުވަހު ނެބްރާސްކާއަށް ފުރާވަޑައިގަތުމުގެ ކުރިން، ލެޓިނޯ ވޯޓަރުންގެ ތާއީދު ކުޑަވަމުންދާ ކަމަށް ދައްކާ ޕޯލްތަކާ ގުޅޭގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ، ސަރުކާރުގެ މަސައްކަތްތައް ވަރަށް ރަނގަޅު ކަމަށެވެ. އަދި ތާއީދު ދަށްވާ ވާހަކައަކީ ސީއެންއެން އާއި އެހެނިހެން މީޑިއާތަކުން ފަތުރާ ދޮގު ޚަބަރުތަކެއް ކަމަށް ތުހުމަތުކުރެއްވިއެވެ.
ޕޯލްތަކުން ދައްކާ ގޮތުގައި، އެމެރިކާގައި ތަކެތީގެ އަގުބޮޑުވުމާއި އިގުތިސާދީ ހާލަތުގެ އިތުރުން، އީރާނާ އެކު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އާންމުންގެ މެދުގައި ސަރުކާރާ މެދު އޮތް ހިތްހަމަނުޖެހުން ވަނީ އިތުރުވެފައެވެ. މިކަމުގެ ސަބަބުން، ކޮންޒަވޭޓިވް ސްޓޭޓްތަކުގައި ވެސް ރިޕަބްލިކަން ޕާޓީގެ ތާއީދު ކުޑަވަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ޓްރަމްޕް މިހާރު ގެންދަވަނީ އެކި ސްޓޭޓްތަކަށް ވަޑައިގެން ރިޕަބްލިކަން ކެންޑިޑޭޓުންނަށް ކެމްޕޭން ކޮށްދެއްވަމުންނެވެ.