ރަސްމާލެ މަޝްރޫއާ ގުޅިގެން ފަލާހު: "މުންޑާއި ސޯޓު ލައިގެން ތޮށިގަނޑު ކައިރީ އަބަދު ދޮށި އެއްލަން ތިބެންވީތޯ؟"

މަޖިލީހުގެ ޖަލްސާއެއްގައި ފަލާހު ވާހަކަދައްކަވަނީ -- ފޮޓޯ: މަޖިލިސް

މުންޑަކާއި ސޯޓެއް ލައިގެން ދިވެހީން ތޮށިގަނޑު ކައިރީ އަބަދު ދޮށި އެއްލަން ތިބެންވީތޯ ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް މިއަދު ސުވާލު އުފައްދަވައިފިއެވެ.

ރަސްމާލޭގައި މަޝްރޫއެއް ކުރިއަށް ގެންދަން ހަވާލުކޮށްފައިވާ ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ހުރިހާ ތަފުސީލުތަކެއް ހާމަކުރުމަށް ގޮވައިލައްވައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމް ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުން ފަލާޙް ވިދާޅުވީ، ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫއަށް އިދިކޮޅުން ހުރަސް އަޅަނީ އަންނަ ރިޔާސީ އިންތިޚާބު ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ކާމިޔާބުކުރެވޭނެކަން އެނގޭތީ ކަމަށެވެ.

ފަލާޙް ވިދާޅުވީ ރަސްމާލެ މަޝްރޫއު އަތުވެއްޖެކަމަށް ވާނަމަ ރާއްޖެއަށް އުފާފާގަތިކަން ލިބޭނެ ކަމަށް އާންމުން ގަބޫލުކުރާ ކަމަށެވެ.

މި އިންވެސްޓްމަންޓުގެ ސަބަބުން ކޮންމެ މަހަކު ކޮންމެ އަހަރަކު އެތައް މިލިއަން ޑޮލަރެއް ރާއްޖެ ވަންނާނެ ކަމަށް ފަލާޙް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ރަސްމާލެ މަޝްރޫއަށް ހުރަސްއެޅުމުން ގެއްލުން ދެވެނީ އާންމުންނަށެވެ.

"މިއަދު ވެސް އަޅުގަނޑުމެން މި ދައްކަނީ އަޅުގަނޑުމެންގެ ހުރި ދަތިތަކުގެ ވާހަކަ. ރައްޔިތުންނަށް ކަންކަން ކޮށްދިނުމުގައި އާމްދަނީ ލިބޭ ވަސީލަތްތައް މަދު ވާހަކަ. އަޅުގަނޑުމެން އަބަދު ތިބެންވީތޯ މުންޑުގަނޑަކާއި ސޯޓަކާ ލައިގެން މޫދަށް އެރި ދޮށި އެއްލަން؟ އެހެންތޯ އަޅުގަނޑުމެން ދިވެހި ރައްޔިތުން ތިބެންވީ؟" ފަލާޙް ސުވާލު އުފެއްދެވިއެވެ.

އެމްޑީޕީއަކީ އެއްވެސް މަޝްރޫއެއް ހިންގޭނެ ބައެއް ނޫން ކަމަށް ވިދާޅުވެ ފަލާޙް ވިދާޅުވީ އިިދިކޮޅުން ރަސްމާލެ މަޝްރޫއާ ދެކޮޅު ހަދާތީ ހިތާމަކުރައްވާ ކަމަށެވެ. އެކަމަކު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރަސްމާލެ މަޝްރޫއަށް ވަރަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެ، އެފަދަ މަޝްރޫއެއް ރާއްޖެ އައުމުން ލިބޭނެ ކުރިއެރުން ނަޝީދަށް އެނގިވަޑައިގަންނަވާ ކަމަށް ފަލާޙް ވިދާޅުވިއެވެ.

މިދިޔަ ޖޫން މަހު އޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް އިޝާރާތްކުރައްވައި ފަލާޙް ވިދާޅުވީ ނަޝީދު ވަނީ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕު ތަޅައި ބަލިކުރައްވައިފައި ކަމަށެވެ. އެހެންކަމުން އެ މެންބަރުންނަށް އެމްޑީޕީގެ ނަމުގައި ގަރާރު ހުށަހެޅުމުގެ ހައްގު ނޯންނާނެ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕަށް ފަލާޙް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

"ތޮއްޑޫ ދާއިރާގެ މެންބަރު [ޙުސައިން ސަމީރު] މިކަހަލަ އެއްޗެއް ގެނެއްސިއްޔާ ފަހަރެއްގައި ގަބޫލުކުރެވިދާނެ އެ އައީ އެމްޑީޕީގެ ފަރާތުންކަން. އެހެން ނަމަވެސް މިއީ ރައީސް ނަޝީދާ ދިމާލަށް އެއްޗެހި ކިޔުއްވަން ވެގެން ނޫނިއްޔާ އެމްޑީޕީގެ ކަންކަން ދަނީ ރަނގަޅަށް ނޫން ކަން ދައްކަންވެގެން އީގަލް ހިލްސްގެ މައްސަލަ ނަގައިގެން މި ބޭފުޅުން މި އުޅެނީ،" އޭނާ ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް 'ދިވެހީންގެ ބިން ދިވެހީންނަށް' ނަމުގައި ފެށި ހަރަކާތަށް އިޝާރާތްކުރައްވައި ފަލާޙް ވިދާޅުވީ ދިވެހީން އެ މަޝްރޫއާ ދެކޮޅަށް އިހުތިޖާޖަށް ނިކުތުމަކީ ނުވާނެ ކަމެއް ކަމަށެވެ.

comment ކޮމެންޓް