ސިސްޓަމަށް ގެންނަންޖެހޭ މުހިންމު މަރާމާތުތަކެއް ކުރުމަށް ޓަކައި ބައެއް އޮންލައިން ޚިދުމަތްތަކަށް ބުރޫއެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިރޭ ހާމަކޮށްފިއެވެ.
ބީއެމްއެލް އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މި މަރާމާތުގެ މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި، އިންޓަނެޓް ބޭންކިން ހިމެނޭހެން އެހެނިހެން އޮންލައިން ޚިދުމަތްތައް މެދުކެނޑުމެއްނެތި ލިބެމުންދިޔަ ނަމަވެސް، ދޭތެރެ ދޭތެރެއިން ޚިދުމަތުގެ ދުވެއްޔަށް ނުވަތަ ފެންވަރަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ބޭންކުގެ ޓެކްނިކަލް ޓީމުތަކުން މަސައްކަތް ކުރަމުން ދަނީ ވީ އެންމެ އަވަހަކަށް މި މަރާމާތުގެ މަސައްކަތްތައް އެއްކޮށް ނިންމުމަށް ކަމަށް ބީއެމްއެލް އިން ބުންޏެވެ. އަދި މި ވަގުތު ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ޓަކައި ބޭންކުން ވަނީ މަޢާފަށް އެދިފައެވެ.
ބީއެމްއެލް އަކީ ރާއްޖޭގެ އެންމެ ގިނަ ބަޔަކު ޚިދުމަތް ހޯދާ ބޭންކަށް ވާއިރު، އެ ބޭންކުން ޚިދުމަތް ހޯދާ ކަސްޓަމަރުންގެ އަދަދު ތިންލައްކަ އަށް ވުރެ މައްޗެވެ. އެހެންކަމުން ބީއެމްއެލްގެ ޚިދުމަތްތަކަށް ބުރޫއަރާ ކޮންމެ ފަހަރަކު ވެސް އާންމު ރައްޔިތުންނަށް އެކަމުގެ ދަތިތައް ފޯރާ މިންވަރު ބޮޑެވެ.
ޚާއްސަކޮށް ބީއެމްއެލްގެ ޑިޖިޓަލް ވަސީލަތްތަކަށް އިސްކަންދިނުމުގެ ސަބަބުން ބޭންކުގެ މުޢާމަލާތްތަކުގެ ބޮޑުބައެއް މިހާރު ކުރިއަށްދަނީ އޮންލައިންކޮށެވެ. ނަތީޖާއެއްގެ ގޮތުން މިފަދަ ޚިދުމަތްތަކަށް ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ބުރޫއަރައިފިނަމަ ކަސްޓަމަރުންގެ އާންމު މުޢާމަލާތްތަކަށް އޭގެ އަސަރު ވަރަށް ބޮޑަށް ކުރެއެވެ.