ދުނިޔޭގެ އެކި ގައުމުތަކުގެ ކުޅަދާނަ ޖާދޫގަރުން ބައިވެރިކޮޑށްގެން އަންނަ މަހު ބާއްވާ "އިންޓަނޭޝަނަލް މެޖިކް ފެސްޓިވަލް 2026" ގެ މީޑިއާ ޕާޓްނަރަކަށް ސަން ސިޔާމް މީޑިއާ (އެސްއެސް މީޑިއާ) ހަމަޖައްސައި، އެ އިވެންޓް އިންތިޒާމުކުރާ މޯލްޑިވްސް މެޖިޝަންސް އެސޯސިއޭޝަނާ އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެސްއެސް މީޑިއާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެ މީޑިއާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސޭލްސް އެންޑް މާކެޓިން މެނޭޖަރު އަބްދުﷲ ފައިސަލެވެ. މޯލްޑިވްސް މެޖިޝަންސް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ޝަރީފެވެ.
މި ޕާޓްނާޝިޕްގެ ދަށުން މި ހަރަކާތް ޕްރޮމޯޓްކުރުމުގެ އިތުރުން، އިވެންޓުގެ ދެ ޝޯ ވެސް އެސްއެސް މީޑިއާއިން ވަގުތުން ދުރަށް ދައްކާނެއެވެ.
މޯލްޑިވްސް މެޖިޝަން އެސޯސިއޭޝަން އިން ބާއްވާ "މެޖިޝަން ޝޯ"ގެ މީޑިއާ ޕާޓްނަރަކަށް އެސްއެސް ޓީވީހަމަޖައްސައި ސޮއިކުރުން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲއެސްއެސްޓީވީގެ އިތުރުން ސަންޕްލޭ މެދުވެރިކޮށް ޕްރީމިއަމް ސަބްސްކްރިޕްޝަން މޮޑެލްއެއްގެ ދަށުން، ރަށްރަށުގައި ތިބޭ ފަރާތްތަކަށް ވެސް ފައިސާ ދައްކައިގެން މި ޝޯތައް ލައިވްކޮށް ބަލައިލުމުގެ ފުރުސަތު ލިބޭނެއެވެ.
މޯލްޑިވްސް މެޖިޝަންސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ޝަރީފް "ސަން" އަށް ވިދާޅުވީ، މިއީ މި ޝޯ ބާއްވާ ދެވަނަ ފަހަރު ކަމަށާއި، މި ފަހަރުގެ އިވެންޓުގައި ރާއްޖެ ހިމެނޭހެން ޗައިނާ، ރަޝިއާ، މިސްރު، ސްރީލަންކާ، އިންޑިއާ އަދި ޕާކިސްތާން ފަދަ ގައުމުތަކުން 15 އަށް ވުރެ ގިނަ ޖާދޫގަރުން ބައިވެރިވާނެ ކަމަށެވެ. އަދި އިތުރު ގައުމުތަކުގެ ބައިވެރިން ގެނައުމަށް އަދިވެސް މަޝްވަރާ ކުރެވެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޝަރީފް ވިދާޅުވީ މި ޝޯ ކުރިއަށްދާނީ އަންނަ ނޮވެމްބަރު މަހުގެ 20 އަދި 21 ގައި ކަމަށެވެ. ފުރަތަމަ ދުވަހު ބައިނަލްއަގުވާމީ ފަނޑިޔާރުންގެ ޕެނަލެއްގެ ކުރިމަތީގައި ބައިވެރިންގެ މެދުގައި ވާދަވެރި މުބާރާތެއް އޮންނާނެކަމަށާއި އަދި ދެވަނަ ދުވަހު އޮންނާނީ ބައިވެރިންގެ ޚާއްސަ ހުނަރުތައް އާންމުންނަށް ދައްކައިދޭ ގާލާ ޝޯއެއް ކަމަށެވެ. އަދި ދެ ދުވަހު ވެސް ޝޯތައް ކުރިއަށްދާނީ މެންދުރުފަހު 14:00 އިން ހަވީރު 18:00 އަށެވެ.
ޝަރީފް ވިދާޅުވި ގޮތުގައި ގާލާ ޝޯ ނިމުމާ އެކު، މުބާރާތުން އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ހޮވޭ އެންމެ މޮޅު ތިން ޖާދޫގަރުންނަށް ޓްރޮފީ ދިނުން އޮންނާނެއެވެ. އަދި މި ޝޯގެ ޓިކެޓް އާންމުކޮށް ވިއްކުމަށް ހަމަޖެހިފައިވާއިރު، ޓިކެޓު ވިއްކާނެ ވަކި ތާރީޚެއް ފަހުން އިއުލާނުކުރާނެ ކަަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
ފާހަގަކުރެވޭ ގޮތުގައި މިއީ އެ އެސޯސިއޭޝަނުން ބާއްވާ ދެވަނަ މެޖިޝަން ޝޯއެވެ. އެންމެ ފުރަތަމަ ޝޯ ބާއްވާފައިވަނީ 2023 ވަނަ އަހަރުުގައެވެ. އެ ފަހަރު ވެސް އެ އެސޯސިއޭޝަނުން ވަނީ ފާހަގަކޮށްލެވޭ ފަޚުރުވެރި ކާމިޔާބީތަކެއް ހޯދައިފައެވެ.
މޯލްޑިވްސް މެޖިޝަން އެސޯސިއޭޝަން އަކީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 11 ގައި ރަޖިސްޓްރީކޮށްފައިވާ އެސޯސިއޭޝަނެކެވެ.