މަޖިލީހުގެ ރައީސްގެ މުސާރަ ބޮޑުކުރަން ނިންމުމާ ގުޅިގެން ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތް

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ: މަޖިލީހުގެ ރައީސްގެ މުސާރަ ބޮޑުކުރަނިް ނިންމުމާ ގުޅިގެން ހުށަހެޅި ކުއްލި މައްސަލަ ވަނީ އަނބުރާ ފޮނުވައިލައިފައި --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ރިޔާސަތުން އަނބުރާ ފޮނުވާލައިފިއެވެ.

ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މަޢުރޫފް ޛާކިރު ހުށަހެޅުއްވި މައްސަލައިގައި ވަނީ ގައުމުގެ އިގުތިޞާދީ ހާލަތު އިންތިހާއަށް ދަށަށް ގޮސް އާންމުންގެ ދިރިއުޅުމުގެ ޚަރަދުތައް އަތްނުފޯރާ ފަށަށް އުފުލިފައިވާ ދަނޑިވަޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމަށް މާލިއްޔަތު ކޮމިޓީން މިދިޔަ ބުދަ ދުވަހު ނިންމައިފައިވާ ކަމަށެވެ.

ހަމައެއާއެކު ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެކަށީގެންވާ މުސާރައެއް ކަނޑައެޅިފައި ނުވާއިރު، އަދި މުސާރަ އެއްހަމަކުރުމާ ގުޅޭ އެތައް ކަންބޮޑުވުމެއް އޮތް ދަނޑިވަޅެއްގައި މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ނިންމުމަކީ އާންމުންނަށް ވެވޭ ބޭއިންސާފެއް ކަމަށް އެ މައްސަލައިގައި ވެއެވެ.

އެ މައްސަލައިގައި ވަނީ، މުސާރަ އެއްހަމަކުރުމާ ގުޅޭ މައްސަލައިގައި މިދިޔަ އަހަރުގެ ޖޫން މަހު މެދުތެރޭ ހުށަހެޅި ގަރާރުގެ މަސައްކަތް ވެސް ނިންމައިފައި ނުވާކަން ފާހަގަކޮށްފައެވެ.

މީގެ އިތުރުން އެ މައްސަލައިގައި ވަނީ، ދައުލަތުގެ ކުންފުނިތަކުގެ ހިންގުމުގެ ޚަރަދު ކުޑަކުރުމަށާއި ޚަރަދުތައް ބެލެހެއްޓުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްގެ ގޮތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދުން 33 އިންސައްތަ މަދުކުރުމަށް ފިނޭންސް މިނިސްޓްރީން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް އެފަދަ ދަނޑިވަޅެއްގައި މާލިއްޔަތު ކޮމިޓީން ދައުލަތުގެ ޚަރަދުތައް ބޮޑުވާނެހެން މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރަން އުޅެނީ ކަމަށް މައްސަލައިގައި ވެއެވެ.

މީގެ އިތުރުން މައްސަލައިގައި ފާހަގަކޮށްފައިވާ ގޮތުގައި، މި އަހަރު މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީއަށް ވުރެ 4.5 ބިލިއަން ރުފިޔާ ސަރުކާރުން އިތުރަށް ޚަރަދުކޮށްފައިވާކަން އެ ކުއްލި މައްސަލައިގައި ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލަ ލިބިފައިވާ ކަމަށް ވިދާޅުވެ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ކުއްލި މައްސަލައަކީ ފަހުގެ ވަގުތެއްގައި މަޖިލީހުގައި ވާހަކަ ދައްކާނެ މައްސަލައަކާ ގުޅޭ ގޮތުން ދުރާލާ އެއްޗެއް ބުނުމުގެ ބޭނުމުގައި ހުށަހަޅާ މައްސަލައަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި އެ ޝަރުތު ފުރިހަމަނުވާ ކަމަށް ވިދާޅުވެ، ޢަބްދުއްރަޙީމް ވަނީ އެ މައްސަލަ އަނބުރާ ފޮނުވައިލައްވައިފައެވެ.

https://sun.mv/229592

ފާހަގަކުރެވޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރައާއި އިނާޔަތް ބޮޑުކުރުމަށް ނިންމުމުގެ ސަބަބުން ދައުލަތުގެ ޚަރަދަށް އަހަރަކު 40 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެ، އެ ނިންމުން ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މައި އިދިކޮޅު ޕާޓީ އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގޮވައިލައި ވަނީ އިއްޔެ ބަޔާނެއް ނެރެފައެވެ.

ފާހަގަކުރެވޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރަ 95،000 ރުފިޔާއަށް ބޮޑުކޮށް، ވަޒީރުންގެ ކާރު އިނާޔަތަށް ލިބޭ ފައިސާ އިތުރުކޮށް، ރަށު ކައުންސިލްތަކުގެ މުސާރަ ވެސް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކުރީ މިދިޔަ ބުދަ ދުވަހެވެ.

މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިފައިވާ ގޮތުގައި މިހާރު މަޖިލީހުގެ ރައީސަށް ލިބިވަޑައިގަންނަވަނީ 73،125 ރުފިޔާއެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސަށް 91،000 ރުފިޔާ ލިބިވަޑައިގަންނަވާއިރު، މަޖިލިސް މެންބަރުންނަށް 82،500 ލިބިވަޑައިގަންނަވައެވެ.

ކޮމިޓީގައި އިއުލާންކުރި ގޮތުގައި، އެ ފަރަގު އަންނަނީ މަޖިލީހުގެ ރައީސަށް ކޮމިޓީތަކުގައި ބައިވެރިވެވަޑައިނުގަނެވޭތީއެވެ. އެގޮތުން މެންބަރުން ކޮމިޓީތަކުގައި ބައިވެރިވާ އިންސަތައަށް ބަލައި އިނާޔަތް ލިބެން ހުރެއެވެ. އެއީ 50 އިންސައްތައާއި 75 އިންސައްތައިގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގަތުމުން 10،000 ރުފިޔާއާއި 75 އިންސައްތައަށްވުރެ މަތިވުމުން 20،000 ރުފިޔާއެވެ.

އެހެންވެ، ކޮމިޓީއަށް ހުށަހަޅައިފައިވަނީ މަޖިލީހުގެ ރައީސަށް 22،000 ރުފިޔާގެ އިނާޔަތެއް އިތުރުކުރުމަށެވެ. އެ އިނާޔަތް އިތުރުކުމުން މަޖިލީހުގެ ރައީސްގެ ޖުމުލަ މުސާރަ 95،125 ރުފިޔާއަށް އަރާނެއެވެ.

comment ކޮމެންޓް