ތުއްތު ދުވަސްވަރު ކުދިންނަށް ދެވޭ ކާނާއަކީ މުޅި ޢުމުރަށް އެ ކުދިންގެ ކެއުމުގެ ވައްޓަފާޅި އާއި ހަށިގަނޑުގެ ދުޅަހެޔޮކަން ބައްޓަންކުރުމުގައި އެންމެ މުހިންމު ބިންގާ ކަމަށް އިންޑިއާގެ ކެރެލާ ސްޓޭޓްގެ އެމްއީއެސް މެޑިކަލް ކޮލެޖުގެ ޕީޑިއަޓްރިކްސް ޕްރޮފެސަރު، ޑރ. ޕުރުޝޯތަމަން ވިދާޅުވެއްޖެއެވެ.
ޑރ. ޕުރުޝޯތަމަން ފާހަގަކުރެއްވި ގޮތުގައި ތުއްތު ދުވަސްވަރު ކާނާ އިޚްތިޔާރުކުރުމުގައި ފަރުވާކުޑަކޮށްލެވޭ ކުދިކުދި ކަންކަމަކީ ވެސް ކުއްޖާގެ މުސްތަގުބަލުގެ ޞިއްޙަތަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަންކަމެވެ.
މައިމީހާއަށް ދިމާވާ ބޮޑެތި ބަލިތަކާއި، ކީމޯތެރަޕީ ނުވަތަ ރޭޑިއޭޝަން ފަދަ ވަރުގަދަ ފަރުވާތަކުގެ ސަބަބުން ގާތުން ކިރު ނުދެވޭ ޙާލަތްތަކަކީ ނިސްބަތުން މަދު ޙާލަތްތަކެއް ނަމަވެސް، އެފަދަ ދަނޑިވަޅެއްގައި ފޯމިއުލާ ކިރު އިޚްތިޔާރުކުރަން ވާނީ ކުއްޖާގެ ޞިއްޙީ ޙާލަތަށް ވަރަށް ބޮޑަށް ބެލުމަށްފަހުގައި ކަމަށް ޑރ. ޕުރުޝޯތަމަން ވިދާޅުވެފައިވެއެވެ.
ޚާއްޞަކޮށް ދުވަސްނުފުރާ ވިހާ ކުދިންނާއި، ބަރުދަން ލުއި ކުދިންގެ އިތުރުން މެޓަބޮލިޒަމްގެ މައްސަލަތައް ހުންނަ ކުދިންނަށް ޚާއްޞަ ފޯމިއުލާތައް ބޭނުންވާއިރު، ގާތުންދޭ ކިރަކީ ކުއްޖާގެ ބޭނުންތަކާ އެއްގޮތަށް ގުދުރަތީ ގޮތުން ބަދަލުވަމުން އަންނަ އެއްޗަކަށް ވާތީ، ވިޔަފާރި އުފެއްދުންތަކަށް ބަދަލުވާން ވާނީ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރެއްގެ ފުރިހަމަ ލަފާގެ މަތިންކަން އޭނާ ފާހަގަކުރެއްވިއެވެ.
ހަކުރު އަދި މާމުއި އެކުލެވޭ ތައްޔާރީ ކާނާތަކާ ކަނޑައެޅިގެން ކުދިން ދުރުހެލި ކުރުވުމަށް ޑޮކްޓަރުން އިރުޝާދު ދެއްވާ--ފޮޓޯ/އިންޑިއަންއެކްސްޕްރެސްއެއް އަހަރު ނުފުރޭ ތުއްތުކުދިންގެ ހަށިގަނޑުގެ ގުނަވަންތައް ފުރިހަމައަށް ތަރައްގީވަމުން އަންނަ ދުވަސްވަރު، ސުކްރޯޒް، ކޯން ސިރަޕް، މޯލްޓޯޑެކްސްޓްރިން، އިތުރުކޮށްފައިވާ ހަކުރު އަދި މާމުއި އެކުލެވޭ ތައްޔާރީ ކާނާތަކާ ކަނޑައެޅިގެން ދުރުހެލިވާން ޑޮކްޓަރު ވަނީ އިންޒާރު ދެއްވާފައެވެ. ޞިއްޙީ ގޮތުން ފައިދާހުރި ކަމަށް ބުނެ ބާޒާރުގައި ވިއްކަން ހުންނަ ޕެކެޓް ކާނާތަކަށް ބަރޯސާވުމުގެ ބަދަލުގައި، ހަ މަސް ފުރުމުން ގޭގައި ތައްޔާރުކުރާ ތާޒާ އަދި އެއް ބާވަތެއްގެ ގުދުރަތީ ކާނާ މަޑުމަޑުން ތަޢާރަފުކުރުމަކީ ކުއްޖާގެ ހަށިގަނޑުގެ ގުނަވަންތައް ރައްކާތެރިކޮށްދީ ދުޅަހެޔޮކަން ކަށަވަރުކޮށްދޭނެ ކަމެކެވެ.
ޕްރޮޓީން ގިނަވުމަކީ އަބަދުވެސް ރަނގަޅު ގޮތެއް ކަމަށް ބެލެނިވެރިންނަށް ހީވެފައި އޮތް ނަމަވެސް، މިއީ ޙަގީގަތާ މުޅިން ޚިލާފު ވިސްނުމެއް ކަމަށް ޑރ. ޕުރުޝޯތަމަން ފާހަގަކުރެއްވިއެވެ. ގާތުންދޭ ކިރުގެ ކޮންމެ ސަތޭކަ މިލިލީޓަރެއްގައި އެންމެ އެއް ގްރާމްގެ ޕްރޮޓީން ހިމެނެނީ ކުއްޖާގެ ކިޑްނީ ފުރިހަމައަށް ތަރައްގީވަނީ ޢުމުރުން ދެ އަހަރު ފުރުމުން ކަމަށްވާތީ ކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ. އަދި، މި ދުވަސްވަރު މާގިނައިން ޕްރޮޓީން ހިމެނޭ ކާނާ ނުވަތަ ފޯމިއުލާ ދިނުމަކީ ކިޑްނީއަށް ބާރުބޮޑުވެ، ބޮޑުވަމުން އަންނައިރު ކުއްޖާ މާބޮޑަށް ބަރުދަން އިތުރުވެ ފަލަބައްޔަށް ހުށަހެޅުމުގެ ފުރުސަތު އިންތިހާއަށް އިތުރުކޮށްދޭ ކަމެއް ކަމަށް ޑޮކްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
ތުއްތުކުދިންގެ ދުލުގައި ރަހަ ދެނެގަންނަ ބަޑްސްތައް ބޮޑެތި މީހުންނަށްވުރެ ގިނަވެފައި ވަރުގަދަވުމުގެ ސަބަބުން، ކުރީކޮޅުގައި ފޮނިގަދަ ތަކެއްޗަށް ހޭނުވުމަކީ ތަރުކާރީ ފަދަ ލުއި އަދި ހިތި ރަހަތަކަށް ކުއްޖާ ނުރުހުންތެރިވެ، ކާން ބޮޑާދައްކާ ކުއްޖަކަށް ބަދަލުވާ މައިގަނޑު ސަބަބެވެ. މިގޮތަށް ވަކި ރަހައަކަށް އެކަނި ބަރޯސާވެ ތަފާތު ބާވަތްތަކުގެ ކާނާ ދުރުކުރަން ފެށުމުން، ކުއްޖާގެ ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ނުލިބި، ދިގުމުއްދަތުގައި ނިއުޓްރިޝަންގެ ސީރިއަސް މައްސަލަތަކާ ކުރިމަތިލާންޖެހޭނެ ކަމަށް ޑޮކްޓަރު ވަނީ ހަނދާންކޮށްދެއްވާފައެވެ.