ނުރައްކާތެރި އެކްސިޑެންޓެއް، އުސް ތަނަކުން ވެއްޓުމެއް ނުވަތަ ކުޅިވަރުގެ ތެރޭގައި މޫނުމައްޗަށް އަރާ ކުއްލި ލޮޅުމަކީ ބޭރުފުށުން ފެންނަން ހުންނަ ޒަޚަމަކަށްވުރެ ބޮޑަށް، އެތެރޭގެ ހުޅުތަކަށް އޭގެ އަސަރު ފޯރާނެ ނުރައްކާތެރި ކަމެކެވެ.
ޚާއްޞަކޮށް ކަންފަތުގެ ދެފަރާތުގައި އިންނަ ދަތްދޮޅީގެ މައި ހުޅު ނުވަތަ "ޓެމްޕޮރޯމެންޑިބިއުލާ ޖޮއިންޓް" (ޓީއެމްޖޭ)އަށް މިފަދަ ޙާދިސާތަކުގައި ސީދާ ގެއްލުން ލިބުމުގެ ފުރުޞަތު ބޮޑެވެ. މި މުހިންމު ހުޅަކީ އަނގަ ހުޅުވައި ލެއްޕުމާއި، ކާތަކެތި ހެފުމާއި، ވާހަކަދެއްކުމުގެ އިތުރުން ކިނބިހި އެޅުމުގައިވެސް އަސާސީ ދައުރެއް އަދާކުރާ ގުނަވަނަކަށް ވުމުން، މި ހިސާބަށް ލިބޭ ކުޑަ އަނިޔާއެއްގެ ސަބަބުންވެސް ދަތްދޮޅީގެ މަސްތަކާއި ވަށައިގެންވާ ޓިޝޫތަކަށް ބުރޫއަރައި، ހުޅުގެ ދާއިމީ ބައްޔެއް ކަމަށްވާ "ޓެމްޕޮރޯމެންޑިބިއުލާ ޑިސްއޯޑަ" (ޓީއެމްޑީ)އަށް މަގުފަހިވެދާނެއެވެ.
އިންޑޮނޭޝިއާގެ އީއެމްސީ ގްރަހާ ކެދޯޔާ ހޮސްޕިޓަލުގެ އޯރަލް އެންޑް މެކްސިލޯފޭޝަލް ސާޖަން އަދި މޫނުމަތީގެ އަނިޔާތަކާއި ދަތްދޮޅީގެ ހުޅުގެ ޚާއްޞަ ޑޮކްޓަރު، ޑރ. ޑިކީ ފިރްމަންޝާހު ވިދާޅުވާ ގޮތުގައި، ދަތްދޮޅިއަށް ލިބޭ އަނިޔާގެ ސީރިއަސްކަން ބިނާވަނީ އެރި ލޮޅުމެއްގެ ބާރުމިނަށެވެ. އެގޮތުން ކުދި އަނިޔާތަކުގައި ހަމައެކަނި މަސްތައް ވާންވެ ރިހުމެއް އުފެދުނު ނަމަވެސް، ބާރުގަދަ ޒަޚަމްތަކުގައި މުޅި ހުޅުގެ ކަށިތަކަށާއި އޮނިގަނޑަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތައް ލިބޭކަމަށް އޭނާ ވިދާޅުވެއެވެ.
މީގެ ނަތީޖާއެއްގެ ގޮތުން ދަތްދޮޅި އައްސިވެ ހަރުވުމާއި، އާދައިގެ ގޮތަކަށް އަނގަ ޙަރަކާތްނުކުރެވޭ ޙާލަތަށް ކަންކަން ދާއިރު، މޫނުމައްޗަށް އަރާ މިފަދަ ޒަޚަމްތަކަކީ ޙާދިސާ ހިނގާ ވަގުތުގައްޔާއި އޭގެ ފަހުންވެސް ޓީއެމްޑީގެ މައްސަލަ ކުރިމަތިވުމުގެ ފުރުޞަތު އިންތިހާއަށް އިތުރުކޮށްދޭ ސަބަބެއް ކަމަށް ޑޮކްޓަރު، ޑރ. ފިރްމަންޝާހު ވިދާޅުވެއެވެ. އެހެންނަމަވެސް އަނިޔާވާ ކޮންމެ މީހަކަށް މި މައްސަލަ ދިމާނުވެދާނެ ކަމަށާއި، މި ބައްޔަކީ ތަފާތު އެކި ސަބަބުތައް ގުޅިގެން ފެންމަތިވާ ކަމަކަށްވާތީ ކޮންމެ ބަލިމީހެއްގެ ޙާލަތުވެސް ވަކިން ވަޒަންކުރަންޖެހޭނެ ކަމަށް ޑޮކްޓަރު ފާހަގަކުރެއްވައެވެ.
މޫނުމައްޗަށް އަނިޔާއެއް ލިބުމަށްފަހު ފެންނަ ބަދަލުތަކަށް ވަރަށް ބޮޑަށް ހޭލުންތެރިވާންޖެހޭ ކަމަށް ޑރ. ފިރްމަންޝާހު އިރުޝާދު ދެއްވައެވެ. މީގެ ތެރޭގައި ދަތްދޮޅީގައި ނުވަތަ ކަންފަތް ކައިރީގައި ރިއްސުމާއި، އެއްޗެހި ހަފާއިރު ނުވަތަ އަނގަ ހުޅުވާއިރު ގަދައަށް ތަދުވުމުގެ އިތުރުން، ދަތްދޮޅި ހަރުވެ އަނގަ ފުރިހަމައަށް ނުހުޅުވުން ހިމެނެއެވެ.
އަނިޔާވުމަށްފަހު އަނގަ ހުޅުވައި ލެއްޕުމަށް އުނދަގޫވެ، ކެއުމާއި ވާހަކަދެއްކުން ފަދަ އާންމު ދިރިއުޅުމުގެ ކަންކަމަށް ބުރޫއަރަން ފަށައިފިނަމަ، ލަސްނުކޮށް ޚާއްޞަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމު--ފޮޓޯ/ކެއަޕްލަސްހަމައެއާއެކު އަނގަ ހުޅުވައި ލައްޕާ ވަގުތު ކަށިގަނޑުން ކުއްލިއަކަށް އަޑެއް ކިޔުމާއެކު ރިއްސުމާއި، ދަތްދޮޅި ތަޅުލެވިފައި ހުންނަ ފަދަ އިޙުސާސެއް ވުމުގެ އިތުރުން، މަތީބަރި އާއި ތިރީބަރީގެ ދަތްތައް ކުރިން ޖެހޭ ގޮތް ބަދަލުވެ ހަމަނުޖެހުމަކީވެސް ސަމާލުވާންޖެހޭ މުހިންމު ކަންކަމެވެ. މިފަދަ ޢަލާމާތްތަކަކީ އަނިޔާވާ ވަގުތުން ފެށިގެން ނުވަތަ ދުވަސްތަކެއް ފަހުންވެސް ފެންމަތިވެދާނެ ކަންކަމަށްވާއިރު، ކަރަށް ކުއްލި ލޮޅުން އަރާ "ވިޕްލޭޝް" ފަދަ ޙާދިސާތަކުގައިވެސް މި މައްސަލަ އުފެދުމުގެ ފުރުޞަތު އޮވެއެވެ. ވުމާއެކު، ތަދެއް ނެތި ހަމައެކަނި އަޑެއް ކިޔުމަކީ އަބަދު މައްސަލައަކަށް ނުވި ނަމަވެސް، އެ އަޑާއެކު ރިހުމެއް އުފެދި ހަރަކާތްތަކަށް ހުރަސްއެޅޭނަމަ އެއީ ލަސްނުކޮށް ފަރުވާ ހޯދަންޖެހޭނެ ކަމެކެވެ.
އަނިޔާވުމަށްފަހު ދަތްދޮޅީގެ ރިހުމަށް ލުޔެއް ނުލިބި، އަނގަ ހުޅުވައި ލެއްޕުމަށް އުނދަގޫވެ، ކެއުމާއި ވާހަކަދެއްކުން ފަދަ އާންމު ދިރިއުޅުމުގެ ކަންކަމަށް ބުރޫއަރަން ފަށައިފިނަމަ، ލަސްނުކޮށް ޚާއްޞަ ޑޮކްޓަރެއްގެ ލަފާ ހޯދަންޖެހެއެވެ.
ދަތްދޮޅީގެ ހުޅަށް ދިމާވާ ކޮންމެ މައްސަލައަކީ އެއް ފަރުވާއަކުން ރަނގަޅުކުރެވޭނެ ކަންކަމަށް ނުވާތީ، އަނިޔާގެ އަސްލު ދެނެގަނެ، އެ މީހެއްގެ ޙާލަތާ އެކަށޭނަ ޚާއްޞަ ފަރުވާއެއް ކަނޑައެޅުން ވަރަށް މުހިންމެވެ. އެހެންކަމުން ދަތްދޮޅިއަށް އެއްވެސް ވަރެއްގެ އަނިޔާއެއް ލިބުމަށްފަހު ތަދެއް ހުރުން ނުވަތަ އާދަޔާ ޚިލާފު ބަދަލެއް ފާހަގަކުރެވޭނަމަ، އެކަން އާދައިގެ ކަމެއްގެ ގޮތުގައި ދޫނުކޮށްލައި، އަވަހަށް އޯރަލް އެންޑް މެކްސިލޯފޭޝަލް ސާޖަރީގެ ޚާއްޞަ ޑޮކްޓަރަކަށް ދައްކައިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ޑރ. ފިރްމަންޝާހު އިލްތިމާސްކުރައްވައެވެ.