މީސްމީޑިއާގެ މަންސަތަކުގައި ޢާންމުވަމުންދާ ޞިއްޙީ ކުރު ވީޑިއޯތަކަކީ އެކި ބަލިތަކާމެދު ހޭލުންތެރިކަން އިތުރުކޮށްދޭ ވަޞީލަތެއް ނަމަވެސް، އެފަދަ ކޮންޓެންޓް ތަކުރާރުކޮށް ބެލުމަކީ އަމިއްލަ ހަށިގަނޑާމެދު މީހުން ދެކޭގޮތް ބަދަލުކޮށްލާ ނުރައްކަލެއް ކަމަށް ދިރާސާތަކުން ދައްކައިފިއެވެ.
ވަކި ކަހަލަ އާދައިގެ އުނދަގުލެއް ނުވަތަ އިހުސާސަކީ ނުރައްކާތެރި ބައްޔެއްގެ ޢަލާމާތެއް ކަމަށް ވީޑިއޯއަކުން ފެނުމާއެކު، ސިކުނޑިން އެކަމަށް އޮންނަ ފާރަވެރިކަން ވަރުގަދަކޮށް، ހަށިގަނޑުގައި އެ އިހުސާސް ހުރިތޯ ބަލަން ފަށައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، މީގެ ކުރިން އެއްވެސް ވަރަކަށް ސަމާލުކަން ނުދީ ދޫކޮށްލެވުނު އާދައިގެ ކުދިކުދި އިހުސާސްތަކަކީވެސް ފަސޭހައިން އަޅާނުލައި ދޫނުކޮށްލެވޭ ފަދަ ބޮޑެތި މައްސަލަތަކަކަށް ވެގެންދެއެވެ.
ނަފްސާނީ ޢިލްމުގައި "ސިމްޕްޓަމް ބޮރޮވިންގް" ނުވަތަ އެހެން މީހުންގެ ޢަލާމާތްތައް އަމިއްލަ ގައިގައި ހުރި ކަމަށް އިހުސާސްވުމުގެ ގޮތުގައި ފާހަގަކުރާ މި ޙާލަތުގައި، މީހާއަށް ކުރެވޭ އުނދަގޫތަކަކީ އެއްވެސް ޙާލެއްގައި ޚިޔާލީ އެއްޗެއް ނޫނެވެ. އެއީ މުޅިން ޙަޤީޤީ އިހުސާސެކެވެ. ނަމަވެސް، އެކަމަކަށް ދެވޭ ސަމާލުކަމާއި އުފެދޭ ބިރުވެރިކަން ބޮޑުވުމުގެ ސަބަބުން، އެ އުނދަގޫ މާ ބޮޑު އަދި ނުރައްކާތެރި ކަމެއްގެ ގޮތުގައި އިހުސާސްވާން ފަށަނީއެވެ. މިސާލަކަށް، އަނގައިގެ ތެރޭގައި ދޫ އާދައިގެ މަތިން އޮންނަ ގޮތާމެދު ކުއްލިއަކަށް ފުންކޮށް ވިސްނަން ފެށުމުން، ހަމައެކަނި އެކަމަށް ސަމާލުކަން ދެވުނު ކަމަށްޓަކައި އެއީ ކޮންމެވެސް އާދަޔާ ޚިލާފު ގޮތެއް ކަމަށް ސިކުނޑިއަށް ސިފަވާ ފަދައިންނެވެ.
ސޯޝަލް މީޑިއާގައި ދައުރުކުރާ ސިއްޙީ ވީޑިއޯތަކާ އެކު އުފެދޭ ވަހުމް؛ އާދައިގެ އިހުސާސްތައް ބޮޑު ބައްޔަކަށް ސިފަވަނީ ކީއްވެ؟މި ނުރައްކާތެރި ދައުރު އިތުރަށް ގޯސްވަނީ، އަމިއްލަ ނަފްސު ހަމަޖައްސައިލުމުގެ ބޭނުމުގައި ހަށިގަނޑު ތަކުރާރުކޮށް ޗެކްކުރުމާއި، އިތުރު ވީޑިއޯތައް ހޯދައި ބަލަން ފެށުމުންނެވެ. ވަގުތީ ގޮތުން ލިބޭ ހިތްހަމަޖެހުމަކީ އަނެއްކާވެސް އަމިއްލަ ހަށިގަނޑުން އިތުރު އުނދަގޫތައް ފާހަގަކުރުމަށް ލިބޭ ބާރަކަށް ވެ، މީހާގެ މުޅި ސަމާލުކަން އަބަދުވެސް ބަލީގެ ޢަލާމާތްތަކަށް ހުއްޓިފައި ހުންނަ ގޮތް މެދުވެރިވެއެވެ.
އަނެއްކޮޅުން، ވަރުބަލިވުމާއި، ބޯއެނބުރުން ނުވަތަ ބޮލުގައި ރިއްސުން ފަދަ އާންމު ޢަލާމާތްތަކަކީ ތަފާތު އެތައް ބައްޔަކާ ގުޅިފައިވާ ކަންކަމަށް ވުމުން، މެޑިކަލް ގޮތުން ބަލަންޖެހޭ ފުރިހަމަ މަޢުލޫމާތެއް ނެތި މިފަދަ ކުރު ވީޑިއޯތައް ބަލާ މީހުންނަށް އެ ޢަލާމާތްތައް އަމިއްލަ ޙާލަތާ ގުޅުވައިލަން ވަރަށް ފަސޭހަވެއެވެ. މިއީ ސައިބަރކޮންޑްރިއާ ނުވަތަ އިންޓަނެޓުން ސިއްޙީ މަޢުލޫމާތު ހޯދުމުގެ ސަބަބުން އުފެދޭ އިންތިހާ ކަންބޮޑުވުމުގެ ތެރެއަށް މީހާ ވައްޓާލާ ކަމެކެވެ.
މި މައްސަލައަށް އަލިއަޅުއްވާލައްވަމުން އެމެރިކާގެ މަޝްހޫރު ކްލީވްލޭންޑް ކްލިނިކްގެ ސައިކޮލޮޖިސްޓެއް ކަމަށްވާ ޑރ. ސޫޒަން އަލްބާސް ވިދާޅުވަނީ، ޓިކްޓޮކް އަދި އިންސްޓަގްރާމް ފަދަ މަންސަތަކުން ފެންނަ ކުރު ވީޑިއޯތަކަކީ ޑޮކްޓަރީ އިރުޝާދެއް ނެތި އަމިއްލައަށް ބަލި ކަނޑައެޅުމަށް (ސެލްފް ޑައިގްނޯސިސް) މީހުން ގެންގޮސްދޭ ވަރަށް ނުރައްކާތެރި މަގެއް ކަމަށެވެ.
ޑރ. އަލްބާސް ފާހަގަކުރެއްވި ގޮތުގައި، ކުރު ވީޑިއޯއެއްގައި ފެންނަ އާންމު ޢަލާމާތްތަކެއްގެ މައްޗަށް ބިނާކޮށް އަމިއްލަ ގައިގައި ބައްޔެއް އަޅުވައި ވަހުމް އުފެއްދުމުގެ ބަދަލުގައި، އެއްވެސް އުނދަގުލެއް ތަކުރާރުކޮށް ދިމާވާނަމަ ކަމާބެހޭ ޞިއްޙީ މާހިރަކާ މަޝްވަރާކޮށްގެން ފުރިހަމަ ޓެސްޓުތައް ހެދުން މާ މުހިންމެވެ. ސޯޝަލް މީޑިއާއިން ލިބޭ ޞިއްޙީ މަޢުލޫމާތަކީ މީހާ ހޭލުންތެރިކުރުވާ އެއްޗަކަށް ވާންޖެހޭނެ ކަމަށާއި، އެއީ އަމިއްލަ ނަފްސަށް ބިރުވެރިކަމާއި ނުތަނަވަސްކަން ވައްދައިދޭ ދަންމައްޗަކަށް ވެގެން ނުވާނެ ކަމަށްވެސް އޭނާ އިލްތިމާސްކުރެއްވިއެވެ.