ހަށިގަނޑު ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަށް ޓަކައި އެންމެ އާންމުކޮށް އަޑުއިވޭ އެއް ނަޞޭޙަތަކީ ވީހާވެސް ގިނައިން ފެން ބުއިމެވެ. ބޮޑެތި ފުޅިފުޅީގައި ފެން ހިފައިގެން އުޅުމާއި، ކޮންމެ ދުވަހަކު މަދުވެގެން ތިން ލީޓަރުގެ ފެން ބޮއެ ހުސްކުރުމަކީ ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ފޮހެލަދޭނެ ކަމެއް ކަމަށް ދެކި ގިނަ ބަޔަކު އެކަން ކުރަނީ ފަޚުރެއްގެ ގޮތުގައެވެ.
އާންމު ހާލަތްތަކުގައި މިއީ ގެއްލުމެއް ނެތް ކަމަކަށް ވިޔަސް، މެޑިކަލް މާހިރުން ވިދާޅުވާ ގޮތުގައި ފެން ބުއިމަކީ އެންމެންނަށް އެއް މިންގަނޑަކުން ކަނޑައެޅޭނެ ކަމެއް ނޫނެވެ. ޚާއްޞަކޮށް ކިޑްނީގެ ބަލިތައް ތަޙައްމަލުކުރަމުންދާ ފަރާތްތަކަށް މާ ގިނައިން ފެން ބުއިމަކީ ފައިދާގެ ބަދަލުގައި ބޮޑު ނުރައްކަލަކަށް ވެދާނެ ކަމެކެވެ.
ކިޑްނީގެ މަސައްކަތްތައް ފުރިހަމައަށް ހިންގުމަށް ފެނަކީ ކޮންމެހެން ބޭނުންތެރި މާއްދާއެއް ނަމަވެސް، ފެން ގިނައިން ބުއިވަރަކަށް ސިއްޙަތު ރަނގަޅުވާނެ ކަމަށް ދެކޭ ދެކުމަކީ ކުށްހީއެއް ކަމަށް ނިއުދިއްލީގެ މަނީޕާލް ހޮސްޕިޓަލުގެ ހެޑް އޮފް ޑިޕާޓްމަންޓް އެންޑް ކޮންސަލްޓަންޓް ނެފްރޮލޮޖީ އެންޑް ކިޑްނީ ޓްރާންސްޕްލާންޓް، ޑރ. ސުމަން ލަތާ ވިދާޅުވެއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، ހަށިގަނޑުގައި ފެން އެކުލެވޭ މިންވަރު އެކަށީގެންވާ ވަރެއްގައި ބެހެއްޓުމަކީ މުހިންމު ކަމަކަށް ވިޔަސް، ކިޑްނީގެ މައްސަލަތައް ހުންނަ ފަރާތްތަކުން ފެން ބޯ މިންވަރަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހެއެވެ. ސަބަބަކީ ދިގު މުއްދަތަކަށް ކިޑްނީގެ ބަލިތައް ތަހައްމަލުކުރާ މީހުންގެ ކިޑްނީއިން ހަށިގަނޑުގައި ހުންނަ ކުނިތަކާއި އިތުރުވާ ދިޔާތަކެތި ފުރޭނުމުގެ ބާރު މަޑުމަޑުން ދަށްވެ، އޭގެ ސަބަބުން ހަށިގަނޑުގައި ދިޔާ މާއްދާތައް ޖަމާވެ ނުރައްކާތެރި މައްސަލަތައް ކުރިމަތިވާތީއެވެ.
ވަކި އަދަދަކަށް ތަށި ގުނުމުގެ ބަދަލުގައި، މުޅި ދުވަހަށް ބަހާލައިގެން، ކަރުހިއްކުމާއި، ހަރަކާތްތެރިވާ މިންވަރާއި، މޫސުމުގެ ހޫނުމިނަށް ބަލައިގެން ބޭނުންވާ ވަރަށް ފެން ބުއިމަށް ޑޮކްޓަރުން އިރުޝާދު ދެއްވާ--ފޮޓޯ/އިންޑިއާޓީވީމީހަކަށް ދުވާލަކަށް ބޭނުންވާ ފެނުގެ މިންވަރު ބިނާވަނީ އެ މީހެއްގެ ޢުމުރާއި، ކުރާ ޙަރަކާތްތަކާއި، މޫސުމާއި، ކެއިންބުއިމުގެ އާދަތަކުގެ އިތުރުން މުޅި ސިއްޙަތުގެ ހާލަތުގެ މައްޗަށް ކަމަށް ޑރ. ލަތާ ވިދާޅުވިއެވެ. އެގޮތުން އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗްގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ނިއުޓްރިޝަން (އައިސީއެމްއާރު-އެންއައިއެން)ގެ ގައިޑްލައިންތަކުގައި ދުވާލަކު 8 އިން 10 ތައްޓާ ދެމެދުގެ ފެން، ނުވަތަ ގާތްގަނޑަކަށް 2 އިން 3 ލީޓަރުގެ ފެން ފުދޭނެ ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މިއީ ވަކިވަކި ފަރުދުންގެ ބޭނުންތަކަށް ބަލައި ބަދަލުވާނެ މިންވަރެކެވެ.
މިކަމަށް ބާރުއަޅުއްވަމުން އައިއެސްއައިސީ މަލްޓިސްޕެޝަލިޓީ ހޮސްޕިޓަލުގެ ޑިރެކްޓަރު އޮފް އިންޓާނަލް މެޑިސިން އެންޑް ރެސްޕިރޭޓަރީ ސާވިސަސް، ޑރ. ވިޖޭ ދައްތާ ވިދާޅުވީ، ކަސްރަތުކުރާ މީހުންނާއި އަވީގައި ނުވަތަ ހޫނުގަދަ މާހައުލުތަކުގައި ގިނަ ވަގުތު އުޅޭ މީހުންގެ ހަށިގަނޑުން ދާހިއްލުމުގެ ސަބަބުން ފެން ބޭރުވާތީ، އެފަދަ މީހުން އިތުރަށް ދިޔާތަކެތި ބޭނުންކުރަން ޖެހޭނެ ކަމަށެވެ. އަދި ހަމައެހެންމެ ބޭރަށްހިންގުމާއި ހޮޑުލުން ފަދަ ހާލަތްތަކުގައި ވެސް ހަށިގަނޑުން ފެން މަދުވާތީ، އެންމެންނަށް އެއް އުސޫލަކުން ފެން ކަނޑައެޅުމަކީ ޞައްޙަ ގޮތެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ހަށިގަނޑަށް ބޭނުންވާ ޖުމްލަ ދިޔާތަކެތި ލިބެނީ ހަމައެކަނި ސާފު ފެނުން އެކަނި ނޫންކަން ހަނދާންކޮށްދެއްވަމުން ޑރ. ވިޖޭ ދައްތާ ވިދާޅުވީ، ކިރާއި ސޫޕް ފަދަ ބުއިންތަކުގެ އިތުރުން ކަރާ، އޮރެންޖް އަދި ކިޔުކަމްބާ ފަދަ މޭވާ އާއި ތަރުކާރީއަކީ ގިނަ އަދަދަކަށް ފެން އެކުލެވޭ ބާވަތްތަކެއް ކަމަށެވެ. އެހެންކަމުން ދުވާލަކު ބުއި ފެންތަށީގެ އަދަދު އެކަނި ގުނުމަކުން އަދި ނުފުދޭނެއެވެ.
މީގެ އިތުރުން ހަށިގަނޑުން ފޮނުވާ ޠަބީޢީ އިޝާރާތްތަކަށް ސަމާލުވުމަށް އޭނާ ލަފާދެއްވައެވެ. އެގޮތުން ކަރުހިއްކުމަކީ ފެން ބޭނުންވެފައިވާކަމުގެ ސާފު ހެއްކަކަށްވާއިރު، އަނެއް މުހިންމު ނިޝާނަކީ ކުޑަކަމުދާ އެއްޗެހީގެ ކުލައެވެ. ފަނޑު ރީނދޫ ކުލައަކީ ހަށިގަނޑުގައި އެކަށީގެންވާ ވަރަށް ފެން ހުރިކަމުގެ ރަނގަޅު ނިޝާނެއް ނަމަވެސް، ކުލަ ގަދަވުމަކީ އިތުރަށް ފެން ބޯންޖެހޭ ކަމުގެ އިޝާރާތެކެވެ. އެހެންނަމަވެސް، ބައެއް ބޭސްތަކާއި ސަޕްލިމެންޓްތަކުގެ ސަބަބުންވެސް ކުލައަށް ބަދަލު އަތުވެދާނެތީ، އެއީ ހަމައެކަނި މެޑިކަލް ޓެސްޓެއްގެ ގޮތުގައި ބަލައިގެން ނުވާނެ ކަމަށް ޑރ. ދައްތާ އިންޒާރު ދެއްވައެވެ. އޭނާ އިރުޝާދު ދެއްވަނީ ވަކި އަދަދަކަށް ތަށި ގުނުމުގެ ބަދަލުގައި، މުޅި ދުވަހަށް ބަހާލައިގެން، ކަރުހިއްކުމާއި، ހަރަކާތްތެރިވާ މިންވަރާއި، މޫސުމުގެ ހޫނުމިނަށް ބަލައިގެން ބޭނުންވާ ވަރަށް ފެން ބުއިމަށެވެ.
ކިޑްނީގެ ބަލި ހުންނަ ފަރާތްތަކުން ފެން ބޯންވާނީ އެ މީހެއްގެ ކިޑްނީ މަސައްކަތްކުރާ މިންވަރަށް ބަލައި ހަމައެކަނި ޑޮކްޓަރުންގެ ބެލުމުގެ ދަށުން ކަމަށް ޑރ. ސުމަން ލަތާ ވިދާޅުވިއެވެ. ޚާއްޞަކޮށް ބަލީގެ ފަހު މަރުހަލާތަކުގައި، ކުޑަކަމުދެވޭ މިންވަރު މަދުވާނަމަ ނުވަތަ ހަށިގަނޑުގައި ދިޔާ މާއްދާތައް ހަރުލާ ގޮތްވާނަމަ، ފެން ބޯ މިންވަރު މަދުކުރުމަށް ޑޮކްޓަރުން ސީދާ އަންގަވާނެއެވެ.
ކިޑްނީގެ ބައްޔެއް ހުރިނަމަ، އާންމުކޮށް މި ކިޔާ ތިން ހަތަރު ލީޓަރުގެ އުސޫލަށް އަމަލުކުރުމުގެ ބަދަލުގައި، ބަލީގެ ޚާއްޞަ ޑޮކްޓަރު ކަނޑައަޅާފައިވާ މިންވަރަށް ފެން ބުއިމަށް ސިއްޙީ މާހިރުން އިރުޝާދު ދެއްވާ--ފޮޓޯ/އިންޑިއާޓީވީޑރ. ލަތާ ބަޔާންކުރެއްވި ގޮތުގައި، ކިޑްނީ ބަލި އާންމުކޮށް އަށަގަންނަނީ ގިނަ ދުވަސްވީ ހަކުރުބަލި ނުވަތަ ކޮންޓްރޯލްނުވާ ލޭމައްޗަށް ދިއުމުގެ ސަބަބުން އެއްވެސް އަލާމާތެއް ނުފެނި މަޑުމަޑުންނެވެ. މީގެ އިތުރުން ކިޑްނީގައި ހިލައުފެދުމާއި، ތަކުރާރުވާ އިންފެކްޝަންތަކާއި، ވާރުތަވާ ބަލިތަކަކީވެސް މީގެ ސަބަބުތަކެވެ.
ކިޑްނީ ފޭލްވާން ފެށުމުން، ހަށިގަނޑުގައި އިތުރުވާ ފެން ބޭރުނުވެ އެތެރޭގައި ހަރުލައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފައިތިލައާއި އަތުގެ އިނގިލިތަކުގެ އިތުރުން މޫނުމަތި ދުޅަވެ، ލޭގެ ޕްރެޝަރު އުފުލިގެންދެއެވެ. އަދި ހަށިގަނޑުގައި ފެން މާ ބޮޑަށް ގިނަވުމަކީ ލޭގައި ހުންނަ ލޮނުގެ މާއްދާ ދިޔާވެ، އޭގެ ސަބަބުން ބޯއެނބުރުމާއި، ވާނުވާ ނޭނގުމުގެ އިތުރުން ފިޓުޖެހުން ފަދަ ފުރާނައަށް ނުރައްކާވާ ހާލަތްތައް މެދުވެރިވާ ކަމެއް ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.
ކިޑްނީގެ ބައްޔެއް ހުރިނަމަ، އާންމުކޮށް މި ކިޔާ ތިން ހަތަރު ލީޓަރުގެ އުސޫލަށް އަމަލުކުރުމުގެ ބަދަލުގައި، އަމިއްލަ ޑޮކްޓަރު ކަނޑައަޅާފައިވާ މިންވަރަށް ފެން ބުއިމަށް ޑރ. ލަތާ ވަރަށް ބޮޑަށް އިރުޝާދު ދެއްވައެވެ. އަދި ޤަވާއިދުން މޮނިޓާކޮށް، ސިއްޙަތަށް ފައިދާހުރި އާދަތަކުގެ އެހީގައި ހަކުރާއި ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށް ބެލެހެއްޓުމަށް އޭނާ އެދިވަޑައިގަންނަވައެވެ. މީގެ އިތުރުން، ޑޮކްޓަރެއްގެ ލަފައާ ނުލައި ތަދުކަނޑުވާ ބޭސްތަކާއި އެހެނިހެން ބޭސްތައް އަމިއްލައަށް ގިނައިން ބޭނުންކުރުމުން ދުރުހެލިވުމަށްވެސް އޭނާ އިލްތިމާސްކުރައްވައެވެ. ސަބަބަކީ އެފަދަ ބޭސްތަކަކީ ކިޑްނީގެ މަސައްކަތަށް ސީދާ ގެއްލުންދޭ އެއްޗަކަށް ވާތީއެވެ.
ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމާއި، ކަސްރަތުކުރުމުގެ އިތުރުން، ހަކުރުބަލި، ލޭމައްޗަށް ދިއުން ނުވަތަ އާއިލާގައި ކިޑްނީގެ ބަލިތައް ހުންނަ ފަރާތްތަކުން ޤަވާއިދުން ކިޑްނީ ޗެކަޕްތައް ހެދުމަކީ މުހިންމު ކަމެކެވެ. ފެން ގިނައިން ބުއިމަކީ އަބަދުވެސް އެންމެ ރަނގަޅު ގޮތް ކަމަށް ދެކޭ ދެކުން ދޫކޮށްލައި، އަމިއްލަ ހަށިގަނޑުގެ ހާލަތަށާއި ޑޮކްޓަރުންގެ އިރުޝާދަށް ބަލައިގެން އާދަތައް ބައްޓަންކުރުމަކީ ދިގު މުއްދަތުގެ ދުޅަހެޔޮކަމަށް އެޅޭނެ އެންމެ ރައްކާތެރި ފިޔަވަޅެވެ.