ރަސްމާލެ މަޝްރޫއަށް ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ސަރުކާރަށް ގޮވައިލަން އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީނު އަބްދުލްގައްޔޫމް އެ ޕާޓީގެ ނިންމުމަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
އެމްޑީޕީއިން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ، ރަސްމާލޭން 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޭން އުޅޭ މައްސަލައިގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ސަރުކާރަށް ގޮވާލުމަށް ފާސްކޮށްފައެވެ.
ގައުމީ މަޖިލީގުގެ ޖަލްސާގައި އެ ގަރާރު ފާސްކުރުމަށް ވޯޓަށް އެހުމުން، ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުން ވަނީ ގަރާރާ އެއްކޮޅަށް ވޯޓު ދެއްވައިފައެވެ. އެ ގަރާރާ ދެކޮޅަށް ވޯޓު ދެއްވާފައި ވަނީ އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެކަންޏެވެ.
އެ ނިންމުމާ ގުޅިގެން ޔާމީނު ވަނީ ގައުމީ މަޖިލީހުން ލިބުނީ އުފާވެރި ޚަބަރެއް ކަމަށާއި އެ ޕާޓިގެ ފަރާތުން އެމްޑީޕީއަށް މަރުހަބާ ކިޔާ ކަމަށް ވިދާޅުވެފައެވެ.
ވަރަށް އުފާވެރި ޚަބަރެއް، ހިފެހެއްްޓުމެއް ނެތް ޝުކުރު އަޅުގަނޑުމެންގެ ފަރާތުން އެމްޑީޕީގެ ގައުމީ މަޖިލީހަށް އަރުވަން.ކުރީގެ ރައީސް އަބްދުﷲ ޔާމީނު އަބްދުލްގައްޔޫމް
ޔާމީން ވަނީ މި ވަގުތަކީ މަޖިލިސް މެންބަރުންނަށް ސާބިތުވާން ކެރެންވީ ވަގުތު ކަމަށް ގޮވާލައްވައިފައެވެ. އެހެންކަމުން ފިލައި ނުތިބުމަށާއި މެންބަރުން މިހާރު ނުކޮށް ދޫކޮށްލާ ކަމަކީ ފަހުން މެންބަރުންނާ ބައްދަލުކުރާނެ ކަންކަން ކަމަށް ޔާމިނު ވަނީ ވިދާޅުވެފައެވެ.
ޔާމީނު ވަނީ ވެރިއަކު ހަމަމަގުން ކައްސާލައިގެންދާނަމަ ހަމަމަގަށް ނުވަތަ ގާނޫނީ މަގަށް އަޅުވަންތިބި ބަޔަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންކަން ފާހަގަކުރައްވާފައެވެ.
އެމީހުންގެ އަތުގައި [މަޖިލީސް މެންބަރުންގެ އަތުގައި] މިހާރު އެ އޮތީ، ނޫނީ އުނގު ތެރޭގައި އެ އޮތީ، [ރައީސް] މުއިއްޒު ފޮނުވި ބިލު. އެއީ އެއްވެސް ދީނަކާ ދެކޮޅަށް ނުވަތަ ނަފުރަތު އުފައްދަން ވާހަކަ ނުދައްކަން. އެއީ ކޮންތަނަކުން އޭނަ ހޯދި އެއްޗެއް؟ ކޮން ތަނަކުން ހޯދި އެއްޗެއް؟ އަޅުގަނޑުމެން ނުޖެހޭ އެ ބަލައިގަންނާކަށް،ކުރީގެ ރައީސް އަބްދުﷲ ޔާމީނު އަބްދުލްގައްޔޫމް
ޔާމީނު ވަނީ މި ގައުމުގައި އަޅުގަނޑުމެން އިސްކަން ދެނީ އިސްލާމް ދީނަށް ކަމަށާއި އެހެން ދީންތަކަށް އިހުތިރާމެއް ނެތްކަން ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވަނީ މިވަރުގެ ބިލެއް ފާސްކުރަން ހެޔޮނުވާނެ ކަމަށާއި މި ބިލު ފާސްކޮށްފިނަމަ މަޖިލީހުގެ މެންބަރުންނަށް ގައްދާރުވެވެނީ ދިވެހި ރައްޔިތުންނަށް އެކަނި ނޫންކަމަށާއި އޭރުން އިސްލާމް ދީނަށް ވެސް ގައްދާރުވެވޭނެ ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑުމެން މި ކުރަމުން އައި މަސައްކަތް ﷲގެ ރަހުމަތުން އެމްޑީޕީގެ ގައުމީ މަޖިލީހުން މިކަން ފާސްކުރުމާ އެކީގައި އަޅުގަނޑުމެންނަށް ކާމިޔާބު މިވީ،" ޔާމީން ވިދާޅުވިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ނަޝީދު ވަނީ، ރަސްމާލެ ތަރައްގީކުރަން އަބޫދާބީގެ އީގަލް ހިލްސްއަށް 99 އަހަރަށް ދިނުމަށް މި ސަރުކާރުން ނިންމާފައިވާ ނިންމުމަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.