ސިންގަޕޫރުގެ ބިލިއަނަރު ޕީޓާ ލިމްގެ އަންހެން ދަރީގެ އަތުން ވައްކަންކޮށް، ކުންފުނީގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި މުވައްޒަފަކު ޖަލަށް

ސިންގަޕޫރުގެ މަޝްހޫރު މަހުޖަނު ޕީޓާ ލިމްއާއި ދަރިކަނބަލުން ކިމް ލިމް --

ސިންގަޕޫރުގެ މަޝްހޫރު މަހުޖަނު ޕީޓާ ލިމްގެ ދަރިކަނބަލުން ކިމް ލިމްގެ ތިޖޫރީން އަގުބޮޑު ގަޑިއަކާއި ފައިސާ ވަގަށް ނަގައި، ކުންފުނީގެ ކްރެޑިޓް ކާޑު އަމިއްލަ ބޭނުންތަކަށް ބޭނުންކުރުމުގެ އިތުރުން މަސްތުގެ ހާލަތުގައި ކުންފުނީގެ ކާރު ދުއްވި އޭނާގެ ކުރީގެ މުވައްޒަފަކު 22 މަސްދުވަހަށް ޖަލަށްލުމަށް ސިންގަޕޫރުގެ ކޯޓަކުން އިއްޔެ ހުކުމްކޮށްފިއެވެ.

މެލޭ މެއިލްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މައްސަލައިގައި ކުށް ސާބިތުވެފައިވަނީ އުމުރުން 33 އަހަރުގެ ޓޭ ޖިންގް ވެން ނަމަކަށް ކިޔާ އަންހެނެއްގެ މައްޗަށެވެ. ޖަލު ހުކުމުގެ އިތުރުން އޭނާ ވަނީ 3،500 ސިންގަޕޯ ޑޮލަރުން ޖޫރިމަނާކޮށް، ޖަލުން މިނިވަންވާ ދުވަހުން ފެށިގެން ދެ އަހަރު ދުވަހުގެ މުއްދަތަށް ލައިސަންސް ހިފެހެއްޓުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އޭނާ ވަނީ ޚިޔާނާތްތެރިވުމާއި، ވައްކަން ކުރުމާއި، ލައިސަންސް ނެތި އަދި ބަނގުރާ ބޮއެގެން ވެހިކަލް ދުއްވުން ހިމެނޭ ގޮތަށް އޭނާގެ މައްޗަށް އުފުލި ފަސް ދައުވާއަކަށް މިދިޔަ އޮކްޓޫބަރު މަހުގެ އަށްވަނަ ދުވަހު އިއުތިރާފުވެފައެވެ.

ކޯޓުގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، ޓޭ ވަނީ ކިމް ލިމްގެ އޮފީހުގެ ތިޖޫރީން 73،000 ސިންގަޕޯ ޑޮލަރުގެ އަގުހުރި 'ޕަޓެކް ފިލިޕް' މަރުކާގެ އަތުކުރި ގަޑިއަކާއި، 'ރެޑް ޕެކެޓް' ތަކުގައި ހުރި ގާތްގަނޑަކަށް 8،000 ސިންގަޕޯ ޑޮލަރުގެ ނަގުދު ފައިސާ ވަގަށް ނަގާފައެވެ. އަދި ކަފާލާތުގެ ދަށުން ދޫކޮށްލާފައި ހުރި ދުވަސްވަރު، ވަގަށް ނެގި ގަޑި 16،500 ޑޮލަރަށް ސެކަންޑް-ހޭންޑް ވިޔަފާރިކުރާ މީހަކަށް ވިއްކާލައި، އޭގެ ތެރެއިން ބައެއް ފައިސާ އަމިއްލަ ޚަރަދުތަކަށާއި ނަހަމަ ގޮތުގައި ބޭނުންކުރި ކްރެޑިޓް ކާޑުގެ ބިލުތައް ދެއްކުމަށް ވަނީ ބޭނުންކޮށްފައެވެ.

މީގެ އިތުރުން، ކުންފުނީގެ ކްރެޑިޓް ކާޑު ބޭނުންކޮށްގެން އަމިއްލަ އުފަލާއި މަޖަލަށް 19،000 އަށް ވުރެ ގިނަ ސިންގަޕޯ ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށާއި، ކިމް ލިމްގެ އަގުބޮޑު ސެންޓު ފުޅިތަކާއި ގަހަނާތަކެއް ވެސް އޭނާ ވަގަށް ނަގާފައިވާ ކަމަށް ދައުވާގައި ބަޔާންކޮށްފައިވެއެވެ.

މި ހުރިހާ ކަމެއްގެ އިތުރުން، 2025 ވަނަ އަހަރުގެ ޖޫން މަހުގެ ތިންވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި، ކުންފުނިން ކުއްޔަށް ނަގާފައިވާ ކާރެއް ހުއްދައަކާ ނުލައި ދުއްވާފައި ދަނިކޮށް ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ. ފުލުހުން އޭނާ ހުއްޓުވީ ކޯލްމަން ލޭން މަގުން ދުއްވާފައި ދިޔައިރު ޓްރެފިކް ގަވާއިދާ ޚިލާފަށް ދުއްވުމުންނެވެ. އަދި ޓެސްޓު ކުރިއިރު އޭނާ ހުރީ ހުއްދަކުރާ މިންވަރަށް ވުރެ އިތުރަށް ބަނގުރާ ބޮއެ މަސްތުވެގެން ކަމަށާއި، އަތުގައި ސައްހަ ޑްރައިވިން ލައިސަންސެއް ވެސް ނެތް ކަމަށް ތަހުގީގަށް ވަނީ އެނގިފައެވެ.

comment ކޮމެންޓް