ސިންގަޕޫރުގައި މަކަރާއި ހީލަތް (ސްކޭމް) ހެދުމާއި އެފަދަ ކަންކަމަށް މަގުފަހިކޮށްދޭ ކުށްތަކަށް އަރައިގަންނަ ޒުވާނުންނަށް، އިސްތިސްނާ ހާލަތްތަކެއްގައި މެނުވީ، އަސާސީ އަދަބެއްގެ ގޮތުގައި ޖަލު ހުކުމް ނުވަތަ ރިފޯމެޓިވް ޓްރެއިނިންގ ދިނުން ލާޒިމުކުރާ ގޮތަށް ޤާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅައިފިއެވެ.
ސީއެންއޭގައިވާ ގޮތުން، ސިންގަޕޫރުގެ މިނިސްޓްރީ އޮފް ހޯމް އެފެއާޒް (އެމްއެޗްއޭ) އިން ވަނީ މިކަމާ ގުޅޭ "ސެންޓެންސިންގ (ސްކޭމްސް) ބިލް" ގެ ފުރަތަމަ ކިޔުން އަންގާރަ ދުވަހު އެ ޤައުމުގެ ޕާލަމެންޓަށް ހުށަހަޅާފައެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އުމުރުން 21 އަހަރު ނުވަތަ އެއަށްވުރެ ހަގު ޒުވާނުން މިފަދަ ކުށްތަކަށް އަރައިގަތުމުން، އެ ފަރާތްތަކަށް އަދަބު ކަނޑައެޅުމުގައި އިސްކަންދޭންވާނީ ރިފޯމެޓިވް ޓްރެއިނިންގ ނުވަތަ ޖަލު ހުކުމަށް ކަމަށް ޕާލަމެންޓުން ދެކޭ ދެކުން މި ބިލުގެ ސަބަބުން ކަށަވަރުވެގެންދާނެ ކަމަށެވެ. މި ބަދަލުތައް، މި ޤާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިންނާއި ފަހުން ވެސް މިފަދަ ކުށްތައް ކޮށްފައިވާ ފަރާތްތަކުގެ މައްޗަށް ހިނގާނެއެވެ.
ސަރުކާރުން މިފަދަ ބިލެއް ހުށަހަޅަން ނިންމީ، ސެޕްޓެމްބަރު 10 ވަނަ ދުވަހު އެ ޤައުމުގެ ހައިކޯޓުން ނިންމި ނިންމުމަކާ ގުޅިގެންނެވެ. އެ މައްސަލާގައި ހައިކޯޓުން ނިންމާފައިވަނީ ސްކޭމްތަކަށް އެހީތެރިވެދޭ ޒުވާނުންނަށް އަދަބު ކަނޑައެޅުމުގައި ޖަލު ނުވަތަ ރިފޯމެޓިވް ހުކުމް އިސްނުކޮށް، އިސްލާހުވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ޕްރޮބޭޝަން ފަދަ ލުއި އަދަބުތައް ދެވިދާނެ ކަމަށެވެ. މިއީ ބޭންކު އެކައުންޓްތަކާއި ސިންގްޕާސް މައުލޫމާތު ސްކޭމަރުންނަށް ވިއްކި މުހައްމަދު އުރުޒާން ތާއިބު ޒޮހްރީ ހިމެނޭހެން ހަތް ޒުވާނެއްގެ އިސްތިއުނާފު މައްސަލައެއްގައި ކޯޓުން ނިންމި ނިންމުމެކެވެ.
ނަމަވެސް، ހޯމް އެފެއާޒް މިނިސްޓަރު އަދި ސީނިއާ މިނިސްޓަރު ކޭ ޝަންމުގަމް އޮކްޓޫބަރު 6 ވަނަ ދުވަހު ޕާލަމެންޓުގައި ވިދާޅުވީ، ޒުވާނުން އިސްލާހުކުރުމަށް ކޯޓުން އިސްކަންދޭ ދިނުމަށް އިހުތިރާމްކުރި ނަމަވެސް، މިފަދަ ސްކޭމްތަކުގެ ސަބަބުން އާންމުންނަށް ލިބޭ މާލީ އަދި ނަފްސާނީ ބޮޑެތި ގެއްލުންތަކަށް ބަލާއިރު، މިކަމަށް އޮތް ހައްލަކީ ހަރުކަށި އަދަބު ދިނުން ކަމަށެވެ. އަދި ހައިކޯޓުގެ ވިސްނުމަކީ ޤާނޫނު ހަދާ މަޖިލީހުގެ މަގުސޫދާ ފުށުއަރާ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ގައުމުގައި 2025 ވަނަ އަހަރު އެކަނިވެސް ސްކޭމްގެ މައްސަލަތަކުގައި 1،000 އަށްވުރެ ގިނަ ޒުވާނުންގެ މައްސަލަ ފުލުހުން ވަނީ ބަލާފައެވެ. މަކަރާއި ހީލަތް ހެދުމުގެ ކުށްތަކުގައި ބައިވެރިވާ ޒުވާނުންގެ އަދަދު 2024 ވަނަ އަހަރާ އަޅާބަލާއިރު 2025 ވަނަ އަހަރު ވަނީ 37 އިންސައްތަ އިތުރުވެފައެވެ. މިގޮތަށް ބައިވެރިވާ ގިނަ ޒުވާނުންނަކީ ފައިސާ ދައުރުކުރުމަށް އެހީތެރިވާ "މަނީ މިއުލްސް" ގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކެވެ.
ސްކޭމްތައް ހުއްޓުވުމަށްޓަކައި 2023 ވަނަ އަހަރުން ފެށިގެން ސިންގަޕޫރުން ވަނީ ފަސް ބިލެއް ފާސްކޮށް، ޤާނޫނުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. މީގެ އިތުރުން، 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު ފާސްކުރި ޤާނޫނެއްގެ ދަށުން، ސްކޭމް ހިންގާ ފަރާތްތަކުގެ ގައިގައި ހަޔަކާއި، 24 އެތިފަހަރުން ތައުޒީރުކުރުން ނުވަތަ ކޭނިން ލާޒިމުކޮށްފައިވާއިރު، އެފަދަ ކަންކަމަށް އެހީވާ ފަރާތްތަކުގެ ގައިގައި 12 އެތިފަހަރު ޖެހުމުގެ އިޚްތިޔާރު ފަނޑިޔާރުންނަށް ވަނީ ދީފައެވެ.
އެމްއެޗްއޭ އިން ބުނީ މި އައު ބިލުގެ މަގުސޫދަކީ ސްކޭމް ހިންގާ ފަރާތްތަކަށާއި އެކަމަށް ވާގިވެރިވާ އެންމެހައި ފަރާތްތަކަށް ހަރުކަށި އަދަބު ލިބޭނެކަމުގެ ވަރުގަދަ މެސެޖެއް ދިނުން ކަމަށެވެ.