ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ކިޔަވައިދެވޭނެ ފަދަ އެކަށީގެންވާ ޓީޗަރުންގެ ފޯސްއެއް ރާއްޖޭގައި އޮންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީއު މިރޭ ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި އަހާ ފޯރަމުގައި ބައިވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ފާއިތުވި ހަތް ވަރަކަށް އަހަރުގެ ތެރޭގައި އޭއައިއަށް ވަރަށް ބޮޑު ބަދަލެއް ގެނެސްފައިވާ ކަމަށެވެ. އެކަން ތައުލީމީ ދާއިރާތަކުގައި އެކި ގައުމުތަކުން ތަޖުރިބާ ކުރަމުންގެންދާ ކަމަށް ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖެއަކީ ސެކަންޑްރީ އެޑިއުކޭޝަނުގެ އިތުރުން ހަޔާ ސެކަންޑްރީ އެޑިއުކޭޝަނުގައި ވެސް އިންޓަނޭޝަނަލް ކަރިކިއުލަމެއް އެޑަޕްޓުކޮށްގެން އެ ކަރިކިއުލަމްތަކަށް ކިޔަވައިދޭ ގައުމެއް ކަމަށެވެ. އެހެންކަމުން ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުން ރަސްމީ ތައުލީމުގެ ނިޒާމުތަކާއި މަދަރުސީ ތައުލީމުގެ ނިޒާމުގެ ތެރޭގައި އޭއައި ފަދަ އާ ބަދުލުތަކަށް ރާއްޖެ އޮންނާނީ އަބަދުވެސް ފަހިކޮށް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މިރޭ ބޭއްވި އަހާ ފޯރަމުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް މިނިސްޓަރު ވިދާޅުވީ ތައުލީމީ ދާއިރާގައި ބަދަލެއް ގެނައުމުގެ އެންމެ މުހިންމު ފަރާތަކީ މުދައްރިސުންނާއި ދަރިވަރުންގެ ބެލެނެވެރިން ކަމަށެވެ. އެގޮތުން ނިމުނު އަހަރުގެ ރޯދަމަހުގައި ވެސް އޭއައި ޓްރެއިނިން ޕްރޮގުރާމުތަކެއް ކުރިއަށް ގެންދިޔަކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
މިހާރު ވެސް އެންއައިއީގެ އެކިއެކި ޕްރޮގްރާމުތަކުގެ ތެރެއިން އަޅުގަނޑުމެން މި އަންނަނީ އެ މަސައްކަތް [އޭއައިއަށް ހޭލުންތެރިކުރުމުގެ މަސައްްކަތް] ކުރަމުން. އަދި މިހާރު އެންއައިއީގެ އެދުރު ޕްލެޓްފޯމް މެދުވެރިކޮށް ވެސް ޓީޗަރުންނަށް ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ވެސް އަދި އޭގެ އިތުރަށް ވެސް މިނިސްޓްރީއިން ހިންގާ ޕްރޮފިޝަނަލް ޑިވޮލަޕްމެންޓް ޕްރޮގްރާމުތަކުގެ ތެރެއިން ޓީޗަރުން އަހުލުވެރިކުރުވުމުގެ މަސައްކަތް ކުރަމުން މިދަނީ،އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީއު
"މީގެ މާނައަކީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ކިޔަވައިދިނުމަށް އެކަށީގެންވާ ގާބިލުކަން ހުރި ޓީޗާ ފޯސްއެއް އިރާދުކުރެއްވިއްޔާ ރާއްޖޭގައި އޮންނާނެ،" މިނިސްޓަރު އިތުރަށް ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ އޭއައިގެ ކަންތައްތަކަކީ މިހާރު ޓްރެއިނިންތައް ބާއްވައި، ހީކުރާ މިންވަރަށްވުރެ މާ ފަސޭހައިން ވާން އޮތް ކަމެއް ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން މިހާރުގެ މުދައްރިއްސުންގެ ތެރެއިން ވަރަށް ގިނަ ބޭފުޅުންނަކީ މިކަމަށް އަހުލުވެރި ބޭފުޅުން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެއަށް މިކަމުގެ ސަބަބުން ގޮންޖެހުމެއް އޮތްކަމަކަށް ނުފެންނަ ކަމަށް މިނިސްޓަރު ޝަފީއު ވަނީ ވިދާޅުވެފައެވެ.