ޢުމުރަކީ ހުރަހެއް ނޫންކަން ސާބިތުކޮށްދިން 75 އަހަރުގެ ޓްރެއިނަރު

ޢުމުރުން 90 އަހަރުގެ އެނެޓް ކެޕް--ފޮޓޯ/ޕީޕްލް

އެމެރިކާގެ ޓެކްސަސްގެ ބޭލަންޑް ޕާކު ކޮމިއުނިޓީ ސެންޓަރުގައި ޢުމުރުން 90 އަހަރުގެ އެނެޓް ކެޕް ހިންގަމުންދާ ކަސްރަތު ކްލާސްތަކަކީ، އެތައް ބައެއްގެ ދިރިއުޅުމަށް ދުޅަހެޔޮ ބަދަލުތަކެއް ގެނެސްދެމުން އަންނަ ހިތްވަރުގަދަ މަސައްކަތެކެވެ. ކޮންމެ ހަފުތާއަކުވެސް މުޅިން ހިލޭ ކުރިއަށްގެންދާ "އޮން ދަ ކާބް" ކްލާސްތަކުގައި އޭނާ މައިގަނޑު ގޮތެއްގައި އުނގަންނައިދެނީ ޔޯގާ އާއި ވެއިޓް ޓްރެއިނިންގް ކަސްރަތުތަކެވެ.

ރީތި ފެށުމަކުން ފެށިގެން އައި މި ހަރަކާތާ ގުޅޭގޮތުން ލޯކަލް ނޫސް އިދާރާއެއް ކަމަށްވާ "ކްލިކް2ހިއުސްޓަން"އަށް މައުލޫމާތު ދެމުން އެނެޓް ހާމަކުރި ގޮތުގައި، މި ދަތުރު އެންމެ ފުރަތަމަ ފެށުނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސްވަރު އޭނާގެ ގޭގެ ފެންޑާމަތީގައި މަދު ބަޔަކާއެކުގައެވެ. އެ ބަލިމަޑުކަމުގެ ސަބަބުން ގޭބަންދުވެ އެކަނިވެރިކަން އިހުސާސްކުރަން ޖެހުނު ގިނަ ބަޔަކު ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށްޓަކައި އެނެޓްގެ ކްލާސްތަކާ ގުޅެން ފެށުމުން، ބައިވެރިންގެ އަދަދު އިންތިހާއަށް އިތުރުވެ، އެންމެ ފަހުން މި ކްލާސްތައް ކޮމިއުނިޓީ ސެންޓަރެއްގެ ބޮޑު ހޯލަކަށް ބަދަލުކުރަން ޖެހުނީއެވެ.

އެނެޓް ކެޕް އޭނާގެ ފިރިމީހާއާ އެކު--ފޮޓޯ/ޕީޕްލް

އަމިއްލަ ހުވަފެންތައް ޙަޤީޤަތަކަށް ހެދުމުގައި ޢުމުރަކީ ހުރަހެއް ނޫންކަން އަމަލުން ސާބިތުކޮށްދެމުން، އެނެޓް ސެޓިފައިޑް ފިޓްނަސް އިންސްޓްރަކްޓަރެއްގެ ސަނަދު ހާސިލުކުރީ އުމުރުން 75 އަހަރުގައެވެ. އެހެން މީހުން ކަސްރަތަށް އަހުލުވެރިކޮށް ދުޅަހެޔޮ ދިރިއުޅުމަކަށް މަގުދައްކައިދިނުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމުގައި ބުނަމުން، އެނެޓް ފާހަގަކުރީ އޭނާގެ ދަރިވަރުންގެ ފަރާތުން ފެންނަ ފޯރި އާއި ޝައުގުވެރިކަމަކީ މި ޢުމުރުގައިވެސް މެދުކެނޑުމެއްނެތި މި ޚިދުމަތުގައި ދެމިހުރުމަށް ލިބޭ އެންމެ ބޮޑު ހިތްވަރު ކަމަށެވެ.

އެނެޓްގެ ކްލާސްތަކުން ލިބޭ ފައިދާތަކާ ގުޅޭގޮތުން ވާހަކަދެއްކި ދަރިވަރުން ފާހަގަކުރި ގޮތުގައި، އޭނާގެ ފަރާތުން ފެންނަ ހަކަތަ އާއި ހަރަކާތްތެރިކަމުގެ ސަބަބުން އޭނާއަކީ 90 އަހަރުގެ މީހެއްކަން ޤަބޫލުކުރަންވެސް ދައްޗެވެ. ޖިސްމާނީ ދުޅަހެޔޮކަމުގެ އިތުރުން ނަފްސާނީ ގޮތުން ބޮޑު ހަމަޖެހުމަކާއި އުފާވެރިކަމެއް ގެނެސްދޭ މި ކްލާސްތަކަކީ، ޢުމުރުގެ ކޮންމެ މަރުހަލާއެއްގައިވެސް އުންމީދާއެކު ދިރިއުޅެވިދާނެކަން ހާމަކޮށްދޭ އަގުހުރި މިސާލެއްގެ ގޮތުގައި ބައިވެރިން ސިފަކުރެއެވެ.

comment ކޮމެންޓް