2027 ވަނަ އަހަރަކީ ދައުލަތަށް މާލީގޮތުން އެއްވެސް ކުރިއެރުމެއް ލިބޭނެ އަހަރެއް ކަމަކަށް ނުދައްކާ: ޣަފޫރު

ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ-- ފޮޓޯ: ރައްޔިތުންގެ މަޖިލީސް

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަށް ބަލާއިރު، އަންނަ އަހަރު ދައުލަތަށް މާލީގޮތުން ކުރިއެރުމެއް ލިބޭނެ އެއްވެސް ގޮތެއް ނުފެންނަކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ބަޖެޓު ދިރާސާކުރާ ކޮމެޓީގައި މިއަދު، އޮޑިޓާ ޖެނެރަލަށް ހުށަހެޅި ސުވާލުގައި ޢަބްދުލްޣަފޫރު ވަނީ، ކޮމެޓީއަށް އެޑިޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅި ރިޕޯޓުގައި ދައުލަތަށް ދައްކަންޖެހޭ ހަތް ބިލިއަން ރުފިޔާގެ ބިލު ނުދައްކާހުރިކަން ފާހަގަކޮށްފައިވާތީ، އަންނަ އަހަރަށް ކަނޑައަޅާ ބަޖެޓުގެ ތެރެއިން މި ފައިސާ ރިކަވާކުރެވޭނެކަމާމެދު ސުވާލު އުފައްދަވާފައެވެ.

ޢަބްދުލްޣަފޫރުގެ ސުވާލުގައި ވަނީ، ނޮވެމްބަރު އަދި ޑިސެމްބަރު މަހުގައި ނުދެއްކިހުރި ބިލުތައް ޖެހިގެން އަންނަ އަހަރަށް ފޯވާޑުކުރުމަކީ އެހެން ފަހަރުތަކުގައިވެސް ކުރާ ކަމެއްކަން ފާހަގަކުރައްވައި، ނަމަވެސް އެހެން މަސްތަކުގެ ބިލުތައް ހުންނަންޖެހޭނީ ކުރީބައިގައި ޚަލާސްކުރެވިފައިކަން ފާހަގަކުރައްވާފައެވެ. ނަމަވެސް މިހާތަނަށް އައި އިރު މިހައި ބޮޑު އަދަދެއް އަދިވެސް ނުދެއްކި އޮތުމުން ޣަފޫރު ވަނީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އަންނަ އަހަރު ބަޖެޓުން ދައްކަން މިހައި ބޮޑު އަދަދެއް އޮތުމާއެކުވެސް، ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ބަޖެޓުގައި އެއްވެސް ކަމެއް ހިމެނިފައިވާކަން ފާހަގަނުވާކަމުގެ ކަންބޮޑުވުން، ޢަބްދުލްޣަފޫރު ފާޅުކުރެއްވިއެވެ. އެގޮތުން، މިހާރަށްވުރެ ދައުލަތުގެ އާމްދަނީ އިތުރުކޮށް، ރާއްޖޭގެ އިޤްދިސާދު ހަރުދަނާކުރުމަށް މިހާރު ހުށަހެޅިފައިވާ ބަޖެޓުން އެއްވެސް ކަމެއް ނުފެންނަކަމަށް ޢަބްދުލްޣަފޫރު ވިދާޅުވިއެވެ.

މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި ޢަބްދުލްޣަފޫރު، މިފަދައިން ވާހަކަދައްކަވާފައިވާއިރު، އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދިޔަ ބަޖެޓު ބަހުސްގައިވެސް ޢަބްދުލްޣަފޫރު ވަނީ ބަޖެޓާމެދު ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ. އެގޮތުން،

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަށް ބަހުސްކުރައްވަމުން ޢަބްދުލްޣަފޫރު ވިދާޅުވީ އެމްޑީޕީގެ ދެވަނަ ސަރުކާރުގައި ދައުލަތުގެ ބަޖެޓަށް ޖުމުލަ 182 ބިލިއަން ރުފިޔާ ޚަރަދުކުރިއިރު މި ސަރުކާރަށް ޖުމުލަ 290 ބިލިއަން ރުފިޔާގެ ބަޖެޓެއް ދީފައިވާ ކަމަށެވެ. ނަމަވެސް މި ވެރިކަމުގައި އެއްވެސް މަޝްރޫއެއް ކުރިއަށް ނުދާ ކަމަށް ޢަބްދުލްޣަފޫރު ވިދާޅުވިއެވެ.

https://sun.mv/230273

ރައްޔިތުން ސަރުކާރުތައް ބަދަލުކޮށް އައު ސަރުކާރުތައް ގެންނަނީ އުންމީދާއެކީ، ކުރިން ނުވާ ކަންކަން ކުރުމަށްޓަކައި ކަމަށް ޢަބްދުލްޣަފޫރު ވިދާޅުވިއެވެ. ބަޖެޓު ފާސްކުރަނީ އާންމުންގެ ފައިދާއާއި ކުރިއެރުމަށް ޓަކައި ކަން އޭނާ ފާހަގަކުރެއްވިއެވެ.

އަންނަ އަހަރަށް ލަފާކޮށް، ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހަޅާފައި ވަނީ، 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ، މި އަހަރަށް ފާސްކޮށްފައިވާ 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓާ އަޅައިބަލާއިރު، ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ ކުޑަ ބަޖެޓެކެވެ.

comment ކޮމެންޓް