ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝަރީފު، ހއ. ކެލާގައި އިމާރާތްކުރެއްވި ޤުރްއާން ކުލާހުގެ ތަޅުދަނޑިތައް ކެލާ ކައުންސިލާ ހަވާލުކުރުމަށް އެ ރަށު މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމައިފިއެވެ.
މި މައްސަލައަކީ ކެލާ ރައްޔިތުންނަށް ޤުރްއާން އުނގަންނައިދިނުމަށް ޓަކައި، ކައުންސިލުން ހަމަޖައްސައިދިން ބިމެއްގައި ދެ ކްލާސްރޫމާއި އޮފީހަކާއި ފާޚާނާ ހިމެނޭ ގޮތަށް ޝަރީފު އިމާރާތެއް އަޅައި ދެއްވައި، އެ ތަން ކައުންސިލާ ހަވާލުކުރައްވާނެ ކަމަށް ވިދާޅުވި ނަމަވެސް އެ ތަނުގެ ތަޅުދަނޑިތައް ކައުންސިލާ ހަވާލުކުރަން އިންކާރުކުރެއްވި ކަމަށް ބުނެ ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
މި މައްސަލައިގައި ކެލާ މެޖިސްޓްރޭޓް ކޯޓުން މިދިޔަ ޖުލައި މަހުގެ ހަތް ވަނަ ދުވަހު ހުކުމްކޮށްފައިވަނީ ޤުރްއާން ކުލާސް އިމާރާތްކުރުމަކީ ތަބައްރުޢު ނުވަތަ ސަދަގާތެއްގެ ގޮތުގައި ޝަރީފު ކުރައްވައިފައިވާ ކަމެއް ކަމަށް ލިޔުންތަކުން އެނގޭ ކަމަށެވެ. އަދި އެ ތަނަށް ކުރި ޚަރަދު ކައުންސިލުން އަނބުރާ ދޭންޖެހޭނެ ތަނެއް ނެތް ކަމަށް ނިންމައި، ހުކުމް ކުރި ތާރީޚުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެ އިމާރާތުގެ ތަޅުދަނޑިތައް ކައުންސިލާ ހަވާލުކުރުމަށް ކެލާ ކޯޓުންވަނީ އަންގާފައެވެ.
ކެލާ ކޯޓުގެ އެ ހުކުމް ޝަރީފުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށް، މައްސަލައިގައި ހައިކޯޓުން ވަކި ގޮތެއް ނިންމަންދެން ދަށު ކޯޓުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް އެދުނެވެ. ޝަރީފުގެ ފަރާތުން ފާހަގަކޮށްފައިވަނީ، އެ އިމާރާތް އެޅުމަށް އޭނާގެ އަމިއްލަ ޖީބުން 4.88 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި، ހުކުމް ތަންފީޒުކުރުން ފަސްނުކޮށްފިނަމަ އިސްތިއުނާފު ކުރުމުގެ ޙައްޤަށާއި ޢަދުލުވެރި ބަދަލު ހޯދުމުގެ ޙައްޤަށް އުނިކަން އަންނާނެ ކަމަށެވެ.
ނަމަވެސް ކެލާ ކައުންސިލުން ބުނެފައިވަނީ ތަޅުދަނޑި ނުލިބުމުގެ ސަބަބުން ރައްޔިތުންނަށް ޤުރްއާން ކިޔަވައިދިނުމުގެ މަސައްކަތް ނުފެށި ލަސްވަމުންދާ ކަމަށާއި، ތަޅުދަނޑި ހަވާލުކުރުމަކުން ޝަރީފަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށެވެ.
މި މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ނިންމެވި ނިންމެވުމުގައި ފާހަގަކުރައްވާފައިވަނީ ދަށު ކޯޓެއްގެ ނިންމުމެއް އިސްތިއުނާފު ކުރުމަކުން، އޭގެ ޒާތުގައި އެ ހުކުމެއް ތަންފީޒުކުރުން ފަސްވެގެން ނުދާނެ ކަމެވެ.
ހުކުމް ތަންފީޒުކުރުން ފަސްނުކޮށްފިނަމަ ޝަރީފަށް ލިބޭނެ ގެއްލުން، އަމުރު ނެރުމުން ކައުންސިލަށް ލިބޭނެ ގެއްލުމަށްވުރެ ބޮޑުކަން އޭނާއަށް ސާބިތުކޮށްދެވިފައި ނުވާ ނިންމުމުގައިވެއެވެ. އަދި އަމުރު ނެރެނުދީފިނަމަ، އިސްތިއުނާފީ މައްސަލައިގެ ހުކުމުގެ ބޭނުން ކެނޑިގެންދާނެ ފަދަ ޒަރޫރީ ޙާލަތެއް އޮތްކަން ވެސް ބަޔާންކޮށްދެވިފައި ނުވާ ކަމަށް ހައިކޯޓުގެ ނިންމުމުގައިވެއެވެ.
އެހެންކަމުން، ފަނޑިޔާރު އިސްމާޢީލް ޝަފީޢުގެ ރިޔާސަތުގައި، ޙުސައިން މަޒީދާއި ޢަބްދުއްރައޫފް އިބްރާހީމްގެ އިއްތިފާގުން ނިންމެވީ ކެލާ މެޖިސްޓްރޭޓް ކޯޓުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.