ދިރާގާއި ވޮމެން އިން ޓެކް ގުޅިގެން 'ގާލްސް ޓު ކޯޑް' އޭދަފުއްޓަށް ތައާރަފުކޮށްފި

ދިރާގާއި ވޮމެން އިން ޓެކް މޯލްޑިވްސް ގުޅިގެން 'ގާލްސް ޓު ކޯޑް' އޭދަފުއްޓަށް ތައާރަފުކޮށްފި --- ފޮޓޯ: ދިރާގު

ދިރާގާއި ވޮމެން އިން ޓެކް މޯލްޑިވްސް ގުޅިގެން 'ގާލްސް ޓު ކޯޑް'ގެ މިއަހަރުގެ ޕްރޮގްރާމު ބ. އޭދަފުއްޓަށް ތައާރަފުކޮށްފިއެވެ.

"ގާލްސް ޓު ކޯޑް" އަކީ ޓެކްނޮލޮޖީ ދާއިރާގައި އަންހެނުން ބާރުވެރިކުރުވުމަށް 2019 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ ޚާއްސަ ޕްރޮގްރާމެކެވެ. މިހާތަނަށް އައިރު 100 އަށްވުރެ ގިނަ ޒުވާން އަންހެންކުދިން މި ޕްރޮގްރާމު ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

ދިރާގުން ބުނީ އޭދަފުށީގައި މި އަހަރު ކުރިއަށްދާ އެޑިޝަނުގައި އޭއައިގެ ހުނަރުތަކަށް އިތުރު އިސްކަމެއްދީ، ޕްރޮގްރާމުގެ މުގައްރަރަށް މުހިންމު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. ހަތް ހަފުތާގެ މުއްދަތަށް 'ހައިބްރިޑް' މޮޑެލްއަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގެ އަމަލީ ކުލާސްތަކާއި ވާޗުއަލް ސެޝަންތަކުގެ އިތުރުން، މެންޓާޝިޕް ސެޝަންތައް ހިމެނޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

އެހެންކަމުން އުމުރުން 15 އަހަރާއި 35 އަހަރާއި ދެމެދުގެ ކޯޑިން ތަޖުރިބާ ނެތް އަންހެންކުދިންނަށް އަމާޒުކޮށްގެން ހިންގާ މި ޕްރޮގްރާމު ނިމޭއިރު، ބައިވެރިންނަށް އަމިއްލައަށް ވެބްސައިޓުތަކާއި ޑިޖިޓަލް ޕްރޮޖެކްޓުތައް ތައްޔާރުކުރަން ދަސްވެގެންދާނެ ކަމަށްވެސް ދިރާގުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ޓެކްނޮލޮޖީ ދާއިރާއިން ކުރިއަށްދިއުމަށް ބޭނުންވާ ތައުލީމީ އަދި ވަޒީފާގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތުވެސް ބައިވެރިންނަށް ލިބޭނެ ކަމަށް ވަނީ ބުނެފައެވެ.

ވިމެން އިން ޓެކް މޯލްޑިވްސްގެ ނައިބު ރައީސް މިހްނާ ޒާހިރު ވިދާޅުވީ، ދިރާގާ ގުޅިގެން މި އަހަރުގެ ގާލްސް ޓު ކޯޑް ޕްރޮގްރާމް އޭދަފުއްޓަށް ގެންދެވުމުން ވަރަށް އުފާވާ ކަމަަށެވެ.

މި ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށް ފޭލި ޖަމިއްޔާއާއި ބ. އަތޮޅުގެ އެޑީއުކޭޝަން ސެންޓަރުގެ އިތުރުން، އޭދަފުށީ ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަމަށްވެސް އޭނާ ވަނީ ޝުކުރުއަދާކޮށްފައެވެ.

ފަންނީ ތަމްރީނުގެ އިތުރުން ގާލްސް ޓު ކޯޑަކީ ޑިޖިޓަލް އަހުލުވެރިކަން އިތުކުރުމަށާއި ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއްކަން ދިރާގުން ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް