އިދިކޮޅުގެ އެއްވުމަށް ޝިޔާމް: ފެނުނީ ރައްޔިތުންނަށް އޮޅުވާލައި، 2028އަށް ކެމްޕޭން ލޯންޗުކުރި މަންޒަރު

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި މިނިސްޓަރު ޝިޔާމް: މިނިސްޓަރު ވަނީ ރޭ ފެނުނީ ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލައި، 2028އަށް ކެމްޕޭން ލޯންޗުކުރި މަންޒަރު ކަމަށް ވިދާޅުވެފައި -- ފޮޓޯ/ ރައީސް އޮފީސް

ރަސްމާލެ މަޝްރޫއު ޔޫއޭއީގެ އީގަލް ހިލްސްއަށް ދިނުމާ ދެކޮޅަށް ރޭ ބޭއްވި އެއްވުމުގައި ފެނުނީ، އިދިކޮޅުން ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލައި، 2028 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިން ލޯންޗުކުރި މަންޒަރު ކަމަށް ފިޝަރީސް މިނިސްޓަރު އަދި ވެރިކަން ކުރާ ޕީއެންސީގެ ނައިބު ރައީސެއް ކަމަށްވާ އަހްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

އާޓިފިޝަލް ބީޗުގައި "ގައުމީ ހަރަކާތް"އިން އިންތިޒާމުކޮށްގެން ރޭ ބޭއްވި "ދިވެހީންގެ ބިން ދިވެހިންނަށް" އެއްވުމުގައި، ކުރީގެ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ އާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރެއިން ޔާމީނާއި ފައިސަލްއަކީ ކުރިއަަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ދެ ބޭފުޅުންނެވެ.

އެ އެއްވުމާ ގުޅުވައި ޝިޔާމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ގައުމީ ކަމެއް ނަމަ އޭނާ ވެސް އެންމެ ކުރީގައި ހުންނަވާނެ ކަމަށާއި ނަމަވެސް ރޭ ފެނުނީ ވާދަވެރި ސިޔާސީ ޕާޓީތަކުން ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލައި، 2028 ގެ ކެންޕެއިން ހަރަކާތް ލޯންޗުކުރި މަންޒަރު ކަމަށެވެ.

މިނިސްޓަރު ވަނީ އެއީ ޒިންމާދާރު ސިޔާސީ ޕާޓީތަކުން ކުރާ ޒާތުގެ ކަމެއް ނޫން ކަމަށް ސިފަކުރައްވައިފައެވެ. އަދި، ރައީސް ޑރ. މުޙައްމަދު މުއިއްޒަކީ ފަސް އަހަރުގެ ދައުރެއްގައި ދީނީ ކަންކަމަށް އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދެއްވައިގެން، ގައުމީވަންތަ ސިފަ އެންމެ ބޮޑަށް ފެންނަ ވެެރިކަމެއް ކުރައްވާ ރައީސް ކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގެ ވެެރިކަން މީގެ ކުރިން ކުރެއްވި އެހެން ގިނަ ވެެރިންނާ ޚިލާފަށް ރައީސް ޑރ. މުޢިއްޒަކީ ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް އިޒުރޭލުން ހިންގާ ލާއިންސާނީ ޢަމަލުތައް ކުއްވެރިކޮށް، ރާއްޖެއާއި ބޭރު ދުނިޔޭގައި ފާޅުގައި ކެރިގެން އެންމެ ބާރަށް ވަކާލާތުކުރައްވާ އަދި މަޢުނަވީ ގޮތެއްގައި އެންމެ ބޮޑު އިޙުތިޖާޖެއް ކުރައްވަމުން ގެންދަވާ ރައީސްކަން ޔަޤީން." ޝިޔާމް ލިޔުއްވާފައިވެއެ.

މިނިސްޓަރު ވަނީ ރައްޔިތުން އިލްތިޒާމު އުފުލަން ޖެހޭ ރާއްޖޭގެ މިނިވަންކަމާ ސިޔާދަތާގުޅޭ ކަންކަން "މީގެ ކުރިން ރައްޔިތުން ކުރެން އަހާނުލާ، ރައްޔިތުންގެ މަޖިލީހަށްވެސް އަންގާނުލާ ކުރައްވައިގެން" ތިއްބެވި ބޭފުޅުން މިއަދު ގައުމާއި މިނިވަންކަމާއި ސިޔާދަތާއި ދީނުގެ ވާހަކަ ދެއްކި ނަމަވެސް ރައްޔިތުންނަށް އެ ބޭބޭފުޅުންގެ ސިޔާސީ ފަތިފުށްތަކާއި ނިޔަތް ވަރަށް ސާފު ކަމަށް ވިދާޅުވެފައެވެ. މިނިސްޓަރު ވަނީ އެ ބޭފުޅުން ހާސިލްކުރައްވަން ބޭނުންވަނީ ހަމައެކަނި ސިޔާސީ މަގްސަދު ކަމަށް ތުހުމަތުކުރައްވާފައެވެ.

ދިވެހީންގެ ދީނާއި ސިޔާދަތާ މިނިވަންކަމަށް ކުޑަވެސް ބުރުލެއް ނާރުވާ އެ ކަންކަން ދިފާޢުކޮށް ހިމާޔަތްކޮށް ދަމަހައްޓާނީ މި ސަރުކާރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިސާލު ދައްކަމުން މިނިސްޓަރު ވިދާޅުވީ ވޭތުވެދިޔަ ސަރުކާރުތަކުން އުފައްދާފައިވާ ސިޔާދަތީ ދަރަނީގެ 1.9 ބިލިޔަން ޑޮލަރު ދައްކައި ދަރަނީގެ ދަންތުރައިން ގައުމާ ރައްޔިތުން ސަލާމަތް ކޮށްފައިވާ ކަަމަށެވެ.

ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ރޭޓިން ރަނގަޅުކޮށްފި ކަމަށާއި ނަތީޖާއެއްގެ ގޮތުން މިއަދު ބިލިއަން ޑޮލަރުގެ ބިޔަ ބޮޑެތި މަޝްރޫއުތައް ރާއްޖެއަށް މިސްރާބު ޖަހައިފި ކަަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި މަޝްރޫޢުތައް ކިތަންމެ ބިޔަވެފައި އަގު ކިތައްމެ ބޮޑުވި ނަމަވެސް މި ސަރުކާރަކީ ދިވެހީންގެ ދީނާއި ސަގާފަތާއި މިގައުމުގެ ސިޔާދަތާއި މިނިވަންކަމާއި ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާ ގާނޫނުތަކަށް އިހުތިރާމް ނުކުރާ ބަޔަކަށް އަދި އިންވެސްޓުމަންޓަކަށް ވެސް މަރުޙަބާ ކިޔާނެ ސަރުކާރެއްނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ވާދަވެރިން ބޭނުންވަނީ މި ރާއްޖެ އަބަދު ނާށިގަނޑު ހިފައިގެން އަވައްޓެރިންނާ ދުނިޔެ ކުރިމަތީ ސަލާންޖަހާ ބައެއްގެ ގޮތުގައި ބާއްވަން. ރައީސް ޑރ. މުއިއްޒު އަމާޒު ހިއްޕަވައިގެން މަސައްކަތްޕުޅު ކުރައްވަނީ ދިވެހި ރައްޔިތުންނަކީ ފުދުންތެރި އަބުރުވެރި ތަހުޒީބު ދިރިއުޅުމެއް އުޅޭ ބައެއްގެ ގޮތުގައި ހައްދަވާ 2040 ވަނަ އަހަރު ދިވެހިރާޖެއަކީ ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ހައްދަވަން. ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް

މިނިސްޓަރު ވަނީ އީގަލް ހިލްސްއިން ޝައުގުވެެރިކަން ފާޅުކޮށްފައިވާ ރަސްމާލެ މަޝްރޫއަކީ ދިވެހި ތާރީޚު ޒަމާންތަކަކަށް ދެކޭނެ އެންމެ ބިޔަ މަޝްރޫއު ކަމަށާއި މިއީ ރާއްޖޭގެ އިގްތިސާދީ ނާރެސް ބަދަލުކޮށް ދިވެހިންގެ ދިރިއުޅުންތަކަށް އުޖާލާކަން ގެނުވާނެ އުއްމީދީ މަޝްރޫއެއް ކަމަށް ވިދާޅުވެފައެެވެ.

ރަސްމާލޭގައި އީގަލް ހިލްސްއިން ބިޔަ މަޝްރޫއެއް ހިންގަން ނިންމައިފައިވާއިރު، އިދިކޮޅުން ވަނީ އެ ކުންފުންޏާ އިސްރާއީލާ ގުޅުން އޮތް ކަމަށް ބުނެ، އެ މަޝްރޫއާއެކު އިސްރާއީލުގެ މީހުންނަށް ރާއްޖޭގައި ދިރިއުޅުމަށް މަގުފަހިވާނެ ކަމަށް ތުހުމަތުކޮށްފައެވެ.

https://sun.mv/230474

ރޭގެ އެއްވުމުގައި ސަރުކާރަށް ފާޑުވިިދާޅުވެ ޔާމީން ވަނީ، ރާއްޖޭގެ ބިމުން ބައެއް ކަނޑައި، ގާނޫނާ ޚިލާފަށް ދޫކުރަމުންދާއިރު އެކަމުގައި ބަސްނުބުނެ އަދި އެކަމާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގައި ބައިވެރިނުވާ ކޮންމެ މީހަކީ ވެސް އެ ކުށުގައި ބައިވެރިވާ މީހެއް ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް