އަންނަ ރިޔާސީ އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީއާއެކު އިއްތިހާދުވާން އަދާލަތު ޕާޓީން މިރޭ ނިންމައިފިއެވެ.
އެކަން ހާމަކޮށް އަދާލަތު ޕާޓީން ނެރުނު ބަޔާނުގައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ބާކީ އޮތް މުއްދަތާއި 2028ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ޕީއެންސީއާއެކު މަސައްކަތްކުރުމަށް އެ ޕާޓީން އަދާލަތު ޕާޓީއަށް ދައުވަތު އެރުވި ކަމަށެވެ.
އެ ބަޔާނުގައިވަނީ އަދާލަތު ޕާޓީ އުފެދުނު މައިގަނޑު މަގުސަދަކީ އިސްލާމްދީނާއި ދިވެހީންގެ ގައުމިއްޔަތާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކައުތެރިކޮށް އިސްލާމީ އުސޫލުތަކަށް ބިނާކޮށް ގައުމު ކުރިއެރުވުން ކަމަށެވެ.
https://x.com/AdhaalathOffice/status/2121662484373455024
ބަޔާނުގައިވާ ގޮތުގައި، ގައުމުގެ ސިޔާސީ ހަމަޖެހުން ދެމެހެއްޓުމާއި ގައުމީ އެއްބައިވަންތަކަން ބަދަހިކޮށް ވަރުގަދަކުރުމަށް ގުޅިގެން މަސައްކަތްކުރުމަކީ އެންމެ މަސްލަހަތު ރަނގަޅު ގޮތެވެ.
އެހެންކަމުން އެ ކަންކަމަށް ރިއާޔަތްކޮށް، މި ސަރުކާރުގެ ބާކީ އޮތް މުއްދަތާއި ރިޔާސީ އިންތިޚާބުގައި ޕީއެންސީއަށް އެއްބާރުލުންދީ އިއްތިހާދުވާން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމީ ކަމަށް، އެ ޕާޓީގެ ބަޔާނުގައިވެއެވެެ.
ފާހަގަކުރެވޭ ގޮތުގައި ޕީއެންސީން ވަނީ މިދިޔަ ސެޕްޓެންބަރު މަހު ބޭއްވި އެ ޕާޓީގެ ކޮންގްރެސްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް 2028ވަނަ އަހަރުގެ ރިޔާސީ ޓިކެޓު އަރުވައިފައެވެ. މިހާތަނަށް ރިޔާސީ ޓިކެޓު ރަސްމީކޮށް އަރުވައިފައިވަނީ ވެސް ޕީއެންސީން އެކަންޏެވެ. ކަން އެހެން އޮތް އިރު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެފައިވެއެވެ.
އިިދިކޮޅު އެމްޑީޕީއަށް ބަލައިލާއިރު، އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލާއި ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމާއި އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުالله ޝާހިދުގެ އިތުރުން ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ވަނީ ހާމަކުރައްވައިފައެވެ. އޭގެ ތެރެއިން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ޝާހިދު ބަންދުގައި ހުންނެވިއިރު، ފައިޞަލާއި ފައްޔާޒް ގެންދަވަނީ ކެމްޕެއިންކުރައްވަމުންނެވެ.
އަދާލަތު ޕާޓީން ޕީއެންސީއާ އިއްތިހާދުވާން ނިންމިއިރު، އެ ޕާޓީގެ ކުރީގެ ރައީސް ޢިމްރާން ޢަބްދުﷲ ގެންދަވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ސިޔާސީ ހަރަކާތް ހިންގަވަމުންނެވެ.