ހިތްއެދޭ ފަދަ ރޯލުތައް ފިލްމުތަކުން ހޯދުމަކީ އަދިވެސް އުނދަގޫ ކަމެއް: އަދިތީ ރާއޯ

ބޮލީވުޑްގެ ބަތަލާ އަދިތީ ރާއޯ--ފޮޓޯ/އެންޑީޓީވީ

ފިލްމީ ދާއިރާގައި ގިނަ އަހަރުތަކެއް ހޭދަކޮށް، ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވީ ނަމަވެސް، ހިތްހަމަޖެހޭ ފަދަ ރޯލުތައް ހޯދުމަކީ އަދިވެސް އުނދަގޫ ކަމެއްގެ ގޮތުގައި ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަދިތީ ރާއޯ ހައިދަރީ ބުނެފިއެވެ.

ޚާއްޞަކޮށް ފިލްމީ އާއިލާއަކަށް ނިސްބަތް ނުވާ ފަންނާނެއްގެ ހައިސިއްޔަތުން ދާއިރާގައި ފައިތިލަ ސާބިތުކުރުމުގެ ތަޖުރިބާ ހިއްސާކުރަމުން، އަމިއްލަ ޟަމީރު ޤަބޫލުނުކުރާ ފަދަ އާދައިގެ މަސައްކަތްތަކަށް އެއްބަސްވުމުގެ ބަދަލުގައި، ފުރިހަމަ ފުރުޞަތުތަކަށް އިންތިޒާރު ކުރަން ތައްޔާރަށް ހުރި ސަބަބު އަދިތީ ވަނީ ކިޔައިދީފައެވެ.

ޕީޓީއައިއަށް ދިން ޚާއްޞަ އިންޓަވިއުއެއްގައި އަދިތީ ބުނީ، އޭނާ ފިލްމީ މަސައްކަތްތަކާ ހަވާލުވަނީ ހިތުން ރުހުމުން އެކަމެއް ކުރަން ބޭނުންވާތީ ކަމަށެވެ. އެގޮތުން ފިލްމެއް އިޚްތިޔާރު ކުރުމުގައި އެންމެ ބޮޑަށް ބަލަނީ ޑައިރެކްޓަރުގެ ޤަބިލުކަމަށާއި ވާހަކަ ލިޔެފައިވާ ފުރިހަމަކަމަށް ކަމަށް އޭނާ ފާހަގަކުރިއެވެ. މޮޅެތި ޑައިރެކްޓަރުން އޭނާ އިޚްތިޔާރު ކުރާ ފަދަ އުސް މަޤާމަކަށް ވާސިލުވުމަށްޓަކައި އަބަދުވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކަމަށާއި، ނަމަވެސް އެއީ ފަސޭހައިން ހާސިލުވާނެ ކަމެއް ނޫންކަން އަދިތީ ޤަބޫލުކުރެއެވެ.

އަދިތީ ފިލްމު "ޕަދްމަވާތު"ގެ މަންޒަރެއްގައި--ފޮޓޯ/އެންޑީޓީވީ

މި ދަތުރުގައި އޭނާ ގެންގުޅޭ ފަލްސަފާ ހާމަކުރަމުން އަދިތީ ބުނީ، އެންމެ ފުރިހަމަ އަދި ރީތި ރޯލުތަކަށް އޭނާ ހޯދާނެ ރަނގަޅު މީހުންނާ ބައްދަލުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮންނަ ކަމަށެވެ. އަދި ފަންނީ ގޮތުން އާ ކަންކަން ތަޖުރިބާކޮށް އުނގެނުމަށް އަބަދުވެސް ޝައުޤުވެރިވާ ކަމަށާއި، ކަންކަން ދަސްކުރުމުގެ ރޫހުގައި އަބަދުވެސް ކުޑަކުއްޖެއް ފަދައިން ޝައުގުވެރިކަމާއެކު ދެމިހުންނަން އެދޭ ކަމަށް އަދިތީ ވަނީ ބުނެފައެވެ.

ކުރިމަތިވާ ގޮންޖެހުންތަކަކީ ޝަކުވާއެއްގެ ގޮތުގައި ދެކޭ ކަންކަން ނޫންކަން ފާހަގަކުރަމުން އަދިތީ ބުނީ، ފިލްމީ ދާއިރާއިން ބޭރުން އައި މީހަކަށް ވުމުން، ކޮންމެ ޕްރޮޖެކްޓަކާއެކުވެސް އަމިއްލަ ހުނަރާއި ޤާބިލުކަން އަލުން ސާބިތުކޮށްދޭން ޖެހޭ ކަމަށެވެ. އޭނާގެ ނަޒަރުގައި ޤާބިލުކަން ސާބިތުކޮށްދިނުމުގެ އަސްލު މާނައަކީ، އަމިއްލަ ނަފްސަށް އިތުބާރުކޮށް، ކުރަން ބޭނުންނުވާ ކަންކަމަށް ކެރިގެން ނޫނެކޭ ބުނެ، އަމިއްލަ އުސޫލުތަކުގައި ސާބިތުވެ ހުރުމެވެ.

މި އުސޫލުތަކާއެކު ކެތްތެރިކަމާއެކު މަޑުކޮށްގެން ހުރީ ރަނގަޅު ފުރުޞަތުތައް އޭނާއާ ހަމައަށް އަންނާނެ ކަމުގެ އުންމީދުގައި ކަމަށް އަދިތީ ހާމަކުރިއެވެ. އޭނާ ބުނި ގޮތުގައި، އެއީ ހެޔޮ އުންމީދުތަކެއް ޙަޤީޤަތަކަށް ވުން ކަމުގައި ވިޔަސް ނުވަތަ ބުރަ މަސައްކަތުގެ ފޮނި ނަތީޖާ ކަމުގައި ވިޔަސް، އޭނާ ދެކެން ބޭނުންވި މަޤާމަށް މިހާރު ކޮންމެވެސް ވަރަކަށް ވާސިލުވެވިއްޖެ ކަމުގެ އިހުސާސް ކުރެވެއެވެ.

އެހެންނަމަވެސް، މިހާރުވެސް ކުރިއަށް އަޅާ ކޮންމެ ފިޔަވަޅަކީ އުސް ފަރުބަދައަކަށް އެރުން ފަދަ ބުރަ އަދި އުނދަގޫ ކަމެއްގެ ގޮތުގައި ސިފަކުރަމުން، ބޭނުންވާ ފެންވަރުގެ މަސައްކަތްތައް ހޯދުމަކީ އަދިވެސް ބޮޑު ގޮންޖެހުމެއް ކަމަށް އޭނާ ބުންޏެވެ. އަދި އެފަދަ ފުރުޞަތުތަކަށް ކިތަންމެ ދިގު އިންތިޒާރެއް ކުރަން ޖެހުނު ނަމަވެސް، އެކަމަށް ކެތްތެރިކަމާއެކު އިންތިޒާރު ކުރާނެ ކަމަށް އަދިތީ ބުންޏެވެ.

އަދިތީ ރާއޯ ހައިދަރީގެ އެންމެ ފަހުގެ މަސައްކަތްތަކަށް ބަލާއިރު، އޭނާ މުހިންމު ރޯލަކުން ފެނިގެންދާ ފިލްމު "ޕަރިވާރިކް މަނޯރަންޖަން" ވަނީ މިދިޔަ ހުކުރު ދުވަހު ސޮނީލިވްގައި ސްޓްރީމް ކުރަން ފަށާފައެވެ. މި ފިލްމުގައި އަދިތީގެ އިތުރުން ބޮލީވުޑްގެ ކުޅަދާނަ ފަންނާނުން ކަމަށްވާ ޕަންކަޖް ތްރިޕާތީ، ބްރިޖެންދުރަ ކާލާ، ސުނީތާ ރާޖްވަރު އަދި މުކޭޝް ތިވާރީ ވެސް މުހިންމު ރޯލުތަކުން ފެނިގެންދެއެވެ.

comment ކޮމެންޓް