ބަތަލާ ނެހާ ޝަރުމާ އުފަންދުވަސް ފާހަގަކުރަން ރާއްޖެއަށް

ބޮލީވުޑްގެ ބަތަލާ ނެހާ ޝަރުމާ، އޭނާގެ އުފަންދުވަސް ފާހަގަކުރުމުގެ ޚާއްޞަ ޗުއްޓީއަކަށް ރާއްޖެ އަތުވެއްޖެއެވެ.

ނެހާ ޝަރުމާގެ އުފަން ދުވަހަކީ މިދިޔަ ހޮނިހިރު ދުވަހެވެ. އެ ދުވަހު އޭނާއަށް ވަނީ 39 އަހަރު ފުރިފައެވެ.

ދެކުނު މާލެ އަތޮޅުގެ މާނާޅެލިހުރާގައި އޮންނަ ރާ ގިލި މޯލްޑިވްސްގައި ނެހާ ޗުއްޓީ ހޭދަކުރަމުން އަންނައިރު، އެ ރިސޯޓުގެ ހިތްގައިމު މާހައުލުގައި ނަގާފައިވާ އާ ފޮޓޯތަކެއް އޭނާ ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ސަޕޯޓަރުންނާ ހިއްސާކޮށްފައެވެ.

މި ޗުއްޓީއާ ގުޅޭ ގޮތުން ވާހަކަދައްކަމުން ނެހާ ވަނީ، ރާ ގިލި މޯލްޑިވްސްގެ ފަރާތުން އޭނާ އަށާއި އާއިލާއަށް ލިބެމުން އަންނަ ހޫނު މެހެމާންދާރީއަށް ހިތުގެ އަޑިން ޝުކުރު އަދާކޮށްފައެވެ. އަދި އެ ރިސޯޓުގައި ހޭދަކުރާ ކޮންމެ ދުވަހަކީ ވެސް އޭނާގެ ހަޔާތުގައި ފާހަގަކޮށްލެވޭ ފަދަ ޚާއްޞަ ދުވަސްތަކެއް ކަމަށް ބަތަލާ ބުނެފައިވެއެވެ.

ދެހާސް ހަތްވަނަ އަހަރު ނުކުތް ތެލުގޫ ފިލްމު "ޗިރުތާ"އިން ފިލްމީ ކެރިއަރު ފެށި ނެހާ، ބޮލީވުޑްގެ ސްކްރީނުން ފުރަތަމަ ފެނިގެންދިޔައީ 2010 ވަނަ އަހަރުގެ ފިލްމު "ކްރޫކް"އިންނެވެ. އޭގެ ފަހުން "ކިޔާ ސުޕާ ކޫލް ހޭ ހަމް"، "ޔަންގިސްތާން"، "ސޯލޯ"، "ތާނާޖީ: ދަ އަންސަންގް ވޮރިއާ" އަދި "ޖޯގީރާ ސާރާ ރާ ރާ" ފަދަ ކާމިޔާބު ގިނަ ފިލްމުތަކެއްގައި އޭނާ ވަނީ ފާހަގަކޮށްލެވޭ މުހިންމު ރޯލުތަކެއް އަދާކޮށްފައެވެ. ބޮޑު ސްކްރީނުގެ އިތުރުން މަގުބޫލު ވެބް ސީރީޒްތަކާއި މިއުޒިކް ވީޑިއޯތަކުން ވެސް ނެހާ އަންނަނީ ބެލުންތެރިންގެ ލޯތްބާއި ތަރުހީބު ހޯދަމުންނެވެ.

comment ކޮމެންޓް