.އަންނަ އަހަރަށް ހުށަހަޅާ ދައުލަރުގެ ބަޖެޓަށް މަޖިލީހުގެ މެމްބަރުގެ ފަރާތުން 23 އިސްލާހެއް ހުށަހަޅާއިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމެޓީއިން ދިރާސާކުރުމަށްފަހު ނިންމާފައިވަނީ އެއްވެސް ބަދަލެއް ގެނައުމެއްނެތި ސަރުކާރުން ހުށަހެޅި ގޮތަށް ބަޖެޓު ފާސްކުރުމަށެވެ. އަދި އެއަށްފަހު ބަޖެޓު ފާސްކޮށް އެކުލަވާލައިފައިވާ ރިޕޯޓު ވަނީ މިއަދު މަޖިލީހުގެ ތަޅުމަށް ހުށަހަޅާ ބަހުސް ފަށާފައެވެ.
އެ ރިޕޯޓަށް ބަހުސް ފެށުމުގެ ކުރިން ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ ބަޖެޓަށް 23 އިސްލާހެއް ހުށަހަޅައިފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެ އިސްލާހުތައް ހުށަހަޅާފައިވަނީ ކޮންކޮން މެމްބަރުންނެއް ކަމެއް އެމަނިކުފާނު ހާމަކުރައްވާފައެއް ނުވެއެވެ.
އަންނަ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި 59.7 ބިލިއަން ރުފިޔާ ވަނީ ކަނަޑައަޅާފައެވެ. އެއީ މި އަހަރުގެ ޖުމްލަ ބަޖެޓަށްވުރެ 4.5 ބިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ.
މަޖިލީހުގެ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ -- ފޮޓޯ: މަޖިލިސްއެ ބަޖެޓުގައި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. އަދި ބަޖެޓުގެ 42.7 ބިލިއަން ރުފިޔާ ނުވަތަ މުޅި ބަޖެޓުގެ 71.5 އިންސައްތަ ކަނޑައަޅާފައިވަނީ ރިކަރަންޓު ޚަރަދުގެ ގޮތުގައެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ބައެއް މުހިންމު އަދަދުތަކަށް ބަލާއިރު، ޖުމްލަ ޚަރަދުގެ ގޮތުގައި ކަނޑައަޅާފައިވަނީ 52.6 ބިލިއަން ރުފިޔާއެވެ. އެއަށްފަހު ޖުމްލަ އާމްދަނީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ކަނޑަައަޅާފައިވާއިރު، ރިކަރަންޓު ޚަރަދުގެ ގޮތުގައި 42.7 ބިލިަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި އެއަށްފަހު ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.8 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު އަންނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫތަކަށް 9.2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން ޑެފިސިޓުގެ ގޮތުގައި 9.4 ބިލިއަން، އަދި ޖީޑީޕީގެ ގޮތުގައި 129.5 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި ދަރަނީގެ ގޮތުގައި 161.3 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ނިމުނު އަހަރު ދަރަނީގެ ގޮތުގައި ކަނޑައަޅާފައިވަނީ 120 ބިލިއަން ރުފިޔާއެވެ.