ޑަބްލިޔުއެޗްއޯގެ މަގާމަށް ރާއްޖެއަށް ތާއީދުކުރުމާ މެދު ބަންގްލަދޭޝުން ވިސްނަނިކޮށް ބޫޓާނުން ތާއީދަށް އެދިއްޖެ

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ވޯލްޑް ހެލްތު އޯގަނައިޒޭޝަން - ޑަބްލިޔުއެޗްއޯ) ގެ ދެކުނު އިރުމަތީ އޭޝިއާގެ ރީޖަނަލް ޑިރެކްޓަރުގެ މަގާމަށް ދިވެހިރާއްޖޭގެ ކެންޑިޑޭޓަށް ތާއީދުކުރުމާ މެދު ވިސްނާނެ ކަމަށް ބަންގްލަދޭޝުން ބުނެފައިވަނިކޮށް، ބޫޓާނުން ވާދަކުރައްވާ ކުރީގެ ބޮޑުވަޒީރު ސަންގޭ ނގެދޫޕް އެ ގައުމުގެ ތާއީދަށް އެދިވަޑައިގެންފިއެވެ.

ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، ނގެދޫޕް ވަނީ ތާއީދު ހޯއްދެވުމަށް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުމާޔޫން ކަބީރާ އިއްޔެ ބައްދަލުކުރައްވާފައެވެ.

ބޫޓާންގެ ހެލްތު އެންޑް އެޑިއުކޭޝަން މިނިސްޓަރުކަންވެސް ކުރިން ކުރައްވާފައިވާ ނގެދޫޕް ވަނީ، އޭނާގެ ކެންޑިޑެސީއާ ގުޅޭ މައުލޫމާތު ސްޓޭޓް މިނިސްޓަރު ކަބީރާ ހިއްސާކުރައްވާފައި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އާންމު ސިއްހަތުގެ ދާއިރާއިން ސަރަހައްދީ އެއްބާރުލުން އިތުރުކުރުމަށް ގެންގުޅުއްވާ ތަސައްވުރާއި، ސީރޯގެ މެންބަރު ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް އިސްކަންދެއްވާނެ ކަންކަންވެސް އޭނާ ވަނީ މި ބައްދަލުވުމުގައި އޮޅުންފިލުއްވައިދެއްވާފައެވެ.

https://www.sun.mv/227430

ސީރޯގެ ރީޖަނަލް ޑިރެކްޓަރުގެ މަގާމަށް ދިވެހިރާއްޖެއިން ވަނީ ކުރީގެ ހެލްތު މިނިސްޓަރު ޑރ. އަހްމަދު ޖަމްޝީދު މުހައްމަދުގެ ނަން ހުށަހަޅާފައެވެ. މި މަގާމަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 13 ގައި ހަމަވިއިރު، ނގެދޫޕާއި ޑރ. ޖަމްޝީދުގެ އިތުރުން ނޭޕާލްގެ ބޮޑުވަޒީރުގެ އޮފީހުގެ އެޑިޝަނަލް ސެކްރެޓަރީ ޑރ. ސަންގީތާ ކައުޝަލް މިޝްރާއާއި، ސްރީލަންކާގެ ހެލްތު މިނިސްޓްރީގެ ސެކްރެޓަރީ ޑރ. އަނިލް ޖަސިންހަވެސް މި މަގާމަށް ވާދަކުރައްވައެވެ.

ބަންގްލަދޭޝް ސަންގްބާދު ސަންގްސްތާ (ބީއެސްއެސް) އިން ސެޕްޓެންބަރު 13 ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ސްޓޭޓް މިނިސްޓަރު ކަބީރު ވަނީ ދިވެހިރާއްޖޭގެ ކެންޑިޑޭޓަކަށް ތާއީދުކުރުމާ މެދު ވިސްނަވާނެ ކަމަށް ވިދާޅުވެފައެވެ. އެ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ކަބީރު ވިދާޅުވީ، ދިވެހިރާއްޖޭގެ ކެންޑިޑޭޓަކީ ރަނގަޅު ތަޖުރިބާއާއި އެކަށީގެންވާ ތައުލީމީ ފެންވަރު ހުރި ބޭފުޅަކަށް ވެދާނެ ކަމަށާއި، ކުރިއަށް އޮތް އިންތިހާބުގައި އެ ގައުމުން ތާއީދުކުރާނީ ގާބިލު ކެންޑިޑޭޓަކަށް ކަމަށެވެ.

މި މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ ދަރިކަނބަލުން ސައިމާ ވާޒިދު ސެޕްޓެންބަރު މަހު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. ކަބީރު ތުހުމަތުކުރެއްވި ގޮތުގައި، ވާޒިދު އެ މަގާމު ހޯއްދެވީ އެކަށީގެންވާ ތައުލީމީ ފެންވަރާއި ތަޖުރިބާ ނެތި، އާއިލީ ނުފޫޒާއި އޮޅުވާލުމުގެ ތެރެއިންނެވެ. މާލީ އޮޅުވާލުންތަކާއި ތައުލީމީ ފެންވަރު އޮޅުވާލުމުގެ ތުހުމަތުތަކެއްގައި އޭނާގެ މައްޗަށް ތަހުގީގުތަކެއް ފެށުމުން އިސްތިއުފާދެއްވިއިރު، ބައިނަލްއަގުވާމީ ޖަމިއްޔާތަކަށް މީހުން އައްޔަންކުރުމުގެ އުސޫލުތައް ހަރުދަނާކުރަންޖެހޭ ކަމަށްވެސް ކަބީރު ވިދާޅުވިއެވެ.

https://www.sun.mv/230685

ދިވެހިރާއްޖެއިން ވާދަކުރައްވާ ފުވައްމުލަކަށް އުފަން ޑރ. ޖަމްޝީދަކީ ސިއްހީ ދާއިރާއާއި ބައިނަލްއަގުވާމީ ހެލްތު ޑިޕްލޮމަސީގައި 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން 2012 އިން 2013 އަށް ދިވެހިރާއްޖޭގެ ހެލްތު މިނިސްޓަރުކަން ކުރެއްވި ޑރ. ޖަމްޝީދު މިހާރު ހުންނެވީ ބަންގްލަދޭޝަށް ކަނޑައަޅާފައި ހުންނަވާ ޑަބްލިޔުއެޗްއޯގެ މަންދޫބުގެ މަގާމުގައެވެ. މީގެ އިތުރުން، ޑަބްލިޔުއެޗްއޯގައި ހޭދަކުރެއްވި 12 އަހަރުގެ ތެރޭގައި އޭނާ ވަނީ އުތުރު ކޮރެއާއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބުކަމާއި، ބަންގްލަދޭޝްގެ ޑެޕިއުޓީ މަންދޫބުކަމާއި، ސީރޯގެ ރީޖަނަލް އެޑްވައިޒަރުކަންވެސް ކުރައްވާފައެވެ.

ދިވެހިރާއްޖެއާއި ބޫޓާން އަދި ބަންގްލަދޭޝް ހިމެނޭހެން 11 މެންބަރު ގައުމުގެ މައްޗަށް އެކުލެވޭ ސީރޯގެ އާ ރީޖަނަލް ޑިރެކްޓަރަކު ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ އަންނަ ޖެނުއަރީ މަހުއެވެ.

comment ކޮމެންޓް