ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާ އެނބުރި ގައުމަށް ވަޑައިގެންފި ނަމަ ހައްޔަރުކޮށް ޖަލަށްލާނެ ކަމަށް ބަންގްލަދޭޝުން ބުނެފިއެވެ.
އެ ގައުމުގެ ފޮރިން އެފެއާޒްގެ ސްޓޭޓް މިނިސްޓަރު ޝަމާ އުބައިދް އިސްލާމް އިއްޔެ ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި އޮތް ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމަށް އިހުތިރާމުކޮށް، ޝަރީއަތަށް ހާޒިރުކުރުމަށްޓަކައި އިންޑިއާއިން ހަސީނާ ހަވާލުކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
އޮގަސްޓު 2024 ގައި އުފެދުނު ހަމަނުޖެހުންތަކުގައި 1،400 އެއްހާ މީހުން މަރުވި ކަމަށް އދއިން ބުނެފައިވާއިރު، ހަސީނާގެ މައްޗަށް ވަނީ މަރުގެ ހުކުމް އިއްވާފައެވެ. އަދި މި ޑިސެންބަރު މަހު އެނބުރި ވަޑައިގަތުމަށް އާ ޕާސްޕޯޓަކަށް އެދިވަޑައިގަތުމުން ސަރުކާރުން ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ.
ހަސީނާ އެނބުރި ވަޑައިގަތުމަށް ތާއީދުކޮށް، މަނާކޮށްފައިވާ އަވާމީ ލީގުން ވަނީ މުޒާހަރާތައް ފަށައި މިދިޔަ ހޮނިހިރުގައި މުޅި ގައުމު ހުއްޓުމަކަށް ގެނެސްފައެވެ. ފާއިތުވި 10 ދުވަހުގެ ތެރޭގައި 28 ޑިސްޓްރިކްޓެއްގައި ބޮން ގޮއްވައި އުޅަނދުތަކުގައި ހުޅުޖެހުމުގެ ސަބަބުން ފުލުހުންނާއި އާންމުންނަށް އަނިޔާވެފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެއެވެ.
ޝަމާ ވިދާޅުވި ގޮތުގައި މިއީ ސިޔާސީ ގޮތުން ބަނގުރޫޓުވެފައިވާ ޕާޓީއެއް ދެމިއޮތުމަށް ކުރާ ކަމެކެވެ.
ނަމަވެސް އަވާމީ ލީގުގެ އިސް އޮފިޝަލެއް ކަމަށްވާ ހާލިދު މަހްމޫދު ޗޯދްރީ ވިދާޅުވީ، މި ހަމަނުޖެހުންތަކުގެ ޒިންމާ ނަގަންޖެހޭނީ މިހާރުގެ ސިޔާސީ ނިޒާމުން ކަމަށެވެ.
މީގެ އިތުރުން، 2017 ވަނަ އަހަރު ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ ސަލާމަތީ ބާރުތަކުން ހިންގި އަމަލުތަކަކީ ނަސްލު ނައްތާލުމުގެ ޖަރީމާއެއް ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ބުރާސްފަތި ދުވަހު ކަނޑައެޅުމާ ގުޅިގެން، ބަންގްލަދޭޝުން ވަނީ މިޔަންމާއަށް ޑިޕްލޮމެޓިކް ފިއްތުންތައް އިތުރުކޮށްފައެވެ. އެ ގައުމުގައި އެއް މިލިއަން ދެ ލައްކައެއްހާ ރޮހިންޖާ ރެފިއުޖީން ދިރިއުޅެމުންދާއިރު، ދާހިލީ ހަނގުރާމައާއި އަރަކާން އާމީގެ ބާރުގެ ދަށަށް ރަކާއިން ސްޓޭޓް ދިއުމުން އެ މީހުން އަނބުރާ ފޮނުވުމަށް ވަނީ ހުރަސްއެޅިފައެވެ.
މިޔަންމާއިން އެ ހުކުމަށް ފާޑުކިޔާފައިވާއިރު، މި ކާރިސާ ނިމުމަކަށް ގެންނަންޖެހޭނީ މިޔަންމާއިން ކަމަށް ވިދާޅުވެ، އެ ގައުމަށާއި އަރަކާން އާމީއަށް ބައިނަލްއަގުވާމީ ފިއްތުންތައް ބޮޑުކުރުމަށް ޝަމާ ވަނީ ގޮވާލައްވާފައެވެ.