ފިހާރަތައް ބަންދު ކުރާއިރު، ކޮންމެ ވެސް ވަރަކަށް އަލިކަން ބެހެއްޓުމަށް ވިޔަފާރިވެރިންނަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ހިނގާ ކުށްތަކާއި ގުޅޭ ގޮތުން އިސްކަންދަރު ބިލްޑިންގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް އިސްމާއިލް ނަވީން މިއަދު ވިދާޅުވީ ރޭގަނޑު 10:00 ޖަހާއިރު ފިހާރަތައް ބަންދު ކުރާ ގޮތަށް ބަދަލު ގެނައުމާއި ގުޅިގެން ބައެއް ފަރާތްތަކުން ވިޔަފާރި ނިންމުމަށްފަހު މުޅި ފިހާރަ އެއްކޮށް ނިއްވާލާފައި ދާކަން މާލެތެރެ ޕެޓްރޯލު ކުރާ ފުލުހުންނަށް ފާހަގަ ކުރެވޭ ކަމަށެވެ. އަދި އެގޮތަށް އެއްކޮށް ފިހާރަތައް ނިއްވާލުމުގެ ބަދަލުގައި ފިހާރަތަކުގައި ކޮންމެ ވެސް ވަރެއްގެ އަލި ކަމެއް ބެހެއްޓުމަށް ނަވީން ވަނީ ވިޔަފާރިވެރިންނަށް އިލްތިމާސް ކޮށްފަ އެވެ.
"ވިޔަފާރިތައް ނިންމައި ފިހާރަތައް ބަންދުކުރާއިރު އަލިކަމެއް ބެހެއްޓުމަކީ ފުލުހުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމުގައި ވިޔަފާރުވެރިންނަށް އިލްތިމާސް ކުރަން" ނަވީން ވިދާޅުވި އެވެ.
ނަވީން ވިދާޅުވީ މާލެ ތެރޭގައި ހިންގާ ކުށްތައް މަދު ކުރުމުގެ ގޮތުން މާލެ ތެރެ އަލި ކުރުމުގެ މަސައްކަތް ވަރަށް ހަލުވި ސްޕީޑެއްގައި ކުރިއަށް ގެންދާ ކަމަށެވެ. އަދި މިހާރު ފިހާރަތައް 10:00 ޖަހާއިރު، ބަންދު ކޮށް ފިހާރަތަށް ނިއްވާލާތީ އެފަދަ ސަރަހައްދުތައް ވެސް އިތުރަށް އަލި ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަވީން އަދި ވިދާޅުވީ މިހާރަކަށް އައިސް މާލެ ތެރެއިން ވަގަށް ނަގާ ސައިކަލުތައް ފެރީ އާއި އޮޑިދޯނި ފަހަރު ތަކުގައި މާލެން ބޭރުކުރާކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި އެގޮތަށް ފެރީ އާއި އޮޑިދޯނި ފަހަރަށް އަރުވާ ސައިކަލުތައް އެއީ ކުށެއްގެ ތުހުމަތުން ނޫން ގޮތަކަށް ގެންދާ ތަކެތިތޯ ދޯނިތަކުގެ ކެޕްޓަނުން މިހާރަށް ވުރެ ބޮޑަށް ބެލުމަށް އެދޭ ކަމަށެވެ.
މީގެ އިތުރުން ވެސް މަގުތަކުގެ ޒޯން ތަކުގައި ރަޖިސްޓްރީ ނުކުރާ ވެހިކަލް ޕާކުކޮށްފައި ހުންނާތީ އެފަދަ ވެހިކަލްތައް ވެސް ނެގުމުގެ މަސައްކަތް ކުރާ ކަމަށް ނަވީން ވިދާޅުވި އެވެ.
ނަވީން އަދި ވިދާޅުވީ މާލެ ތެރޭގައި ބާރު ސްޕީޑްގައި ދުއްވާ އުޅަނދުތަކާމެދު އެޅޭނެ ފިޔަވަޅާއި ގުޅޭ ގޮތުން ކަރުދާހެއް މިދިޔަ ހަފްތާ ތެރޭ އޭޖީ އޮފީހަށް ހުށަހަޅާފައިވާނެ ކަމަށެވެ.
"މާލެތެރޭގައި ވެސް ނުރައްކާތެރި އެކްސިޑެންޓް ހިނގާ ބައެއްގެ ފުރާނަ ގޮސްފައިވަނީ. އޭގެ އިތުރުން މިހާރު ވެސް ބާރު ސްޕީޑްގައި ދުއްވާ ވެހިކަލް ތަކަށް އެޅޭނެ ފިޔަވަޅުތައް ހަރުދަނާ ކުރުން އެކަރުދާހުގެ ބޭނުން،" ނަވީން ވިދާޅުވި އެވެ.
ނަވީން އިތުރަށް ވިދާޅުވީ ފުލުހުން ކުރަމުންދާ މަސައްކަތުގެ ދަށުން ޕޮލިސް ކެޑޭޓް އުފެއްދުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. އެގޮތުން މިދިޔަ ހަފްތާތެރޭ ވަނީ ޕޮލިސް ކެޑޭޓް ކޯ އުފެއްދުމާއި ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީއާއި މޯލްޑިވްސް ނެޝެނަލް ކެޑޭޓް ކޯ (އެމްއެންސީސީ) އާއި ގުޅިގެން އެތަނުގައި އިންނަ ޕޮލިސް ވިންގު ޕޮލިސް ކެޑޭޓްގެ ގޮތުގައި ތައާރަފް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ވަނީ ފެށިފައި ކަމަށް ނަވީން ވިދާޅުވި އެވެ.
"ސްކޫލްތަކުގައި އުޅޭ ދަރިވަރުންނަށް ޕޮލިސް ކެޑޭޓް ތައާރަފް ކުރުމުގެ މަސައްކަތްތައް ކުރިއަށް އޮތް ތަނުގައި ވަރަށް އަވަހަށް ފެށިގެންދާނެ،" ނަވީން ވިދާޅުވި އެވެ.